ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އަންގައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާ އެ ކޯޓުން އޭނާއަށް ޗިޓް ފޮނުވައިފި އެވެ. ކޯޓަށް ހާޒިރުވުމަށް އަންގާ އެ ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވާފައިވަނީ އޭނާގެ ޝަރީއަތް ދަށު ކޯޓްގައި އޮންލައިން ކޮށް ކުރިއަށް ގެންދާ މައްސަލައާ ގުޅިގެން ދައުލަތުން އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

އަލީގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމުމުން އެ މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރި އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅިފައިވާ ގޮތަށް، އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެ ކޯޓުން އެ މައްސަލަ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭރުކޮށްލާފަ އެވެ.

މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރަން ނިންމާފައި ވަނީ ރާއްޖޭގެ އިހުތިސޯސުން ބޭރުގައި ދައުވާ ލިބޭ އަލީ ވަހީދު ހުރެގެން ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ އަޑުއެހުންތަކަށް އަލީ ވަހީދު ހާޒިރުވާން އަންގާފައެވެ. އަދި އަޑުއެހުމަށް ހާޒިރުވާން ޗިޓްވެސް ފޮނުވާފައިވާ ކަމަށް އެ ކޯޓުން ވަނީ ޔަގީން ކޮށްދީފައެވެ. އަލީއަށް ޗިޓް ފޮނުވާފައިވަނީ އޭނާ މިހާރު ބޭނުން ކުރާ މެއިލް އެޑްރެސްއަށެވެ. އަންގާފައިވަނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އޮތް އަޑުއެހުމަށް ހާޒިރުވުމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށްވެސް ދައުލަތުން ވަނީ ދަަށު ކޯޓްގައި އެދިފައެވެ. ނަމަވެސް އެ އަމުރު ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ނިންމުން ހައިކޯޓަށް ގެންދިއުމުން ހައިކޯޓުންވެސް ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ހައިކޯޓުން އެ މައްސަލަ ބަލައިނުގަތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުއިއިރު އިސްތިއުނާފު ރައްދުވާ ފަރާތް ހިމަނާފައި ނުވާތީ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުސް މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމަމުން ބުނީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ގާޒީ ހަސަން ސައީދު އެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ 9، 2021 ގައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން ވަނީ އޭނާ އުޅޭ އެޑްރެސް ހޯދަން ދައުލަތަށް މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އޭނާ އުޅޭ އެޑްރެސް ހޯދިފައި ނުވުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރު ކޮށްލައިފަ އެވެ.

އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ އަލީ ފުރައިގެން ދިޔައީ ތުރުކީވިލާތަށް ކަމަށެވެ. އޭނާ މިހާރު ހުރީ އިނގިރޭސިވިލާތުގަ އެވެ.