ހަބަރު

ކުދިނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފައްދައިފި

"ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފި އެވެ.

ރައީސް މި ކޮމިޝަން އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގްސަދުގަ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގްތިސާދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

ރައީސް އޮފީހުން ބުނީ މި ކޮމިޝަނަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރާނެ ކޮމިޝަނެއް ކަމަށެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން، ކުޑަކުދީންގެ ހަގުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވައިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދާ ދިރާސާއެއްވެސް މި ކޮމިޝަނުނުން ހިންގާނެ ކަމަށެވެ.

ކޮމިޝަންގެ މެންބަރުން

  • ޑޮކްޓަރު އާފިޔާ އަލީ (ވާރުގެ، ސ. ހުޅުދޫ)،
  • ޑޮކްޓަރު އަބްދުލްމަލިކް (މއ. ކޮށީގެ)،
  • އަބްދުﷲ ރާބިއު (ގަލްގާސްގެ، ކ. ދިއްފުށި)،
  • މާޒިޔާ އަބްދުއްސައްތާރު (ގ. ސާޔާ)،
  • ނިކޮލަސް ރިޗާޑް ކައުދަރީ (އޮސްޓްރޭލިއާ)

ރައީސް މި ކޮމިޝަނުގެ ރައީސާގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޑރ. އާފިޔާ އަލީއެވެ. މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ނިކޮލަސް ރިޗާޑް ކައުދަރީއަކީ އިންސާނީ ހައްގުތަކާއި ޝަރުއީ ދާއިރާގެ މާހިރެކެވެ. އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޯ ނިއު ސައުތް ވޭލްސްގެ ޑިރެކްޓަރުކަން 1994-2011 ވަނަ އަހަރާއި ހަމަށް ފުރުއްވާފައިވާ ކައުދަރީއަކީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްގެ އެއް ކޯ-ޗެއާ އެވެ. އަދި، އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން އޭނާއަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓާސްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ، އަދި މިހާރު އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ހައްގުތަކާއިބެހޭ މުޝީރެވެ.

މިއަދު ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުޞިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް، ރައީސްއަށް ހުށަހަޅާނެ އެވެ.

ރައީސް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިއަދުވަނީ އަމަލުކުރާން ފަށާފަ އެވެ. މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދީންގެ ހައްގުތަކާއިބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެ އެވެ.