ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޑަކުދިން ދައުލަތަށް ނެގުމަކީ ހައްލެއް ނޫން: ރައީސް

Sep 14, 2022
1

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ފެށި "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިންމީ އާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، އާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުން ކަމަށެވެ.

"އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް މިދަނީ ހިންގަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަހްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ އެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫން ކަމަށާއި، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ ގާތްތިމާގެ މީހުންނާ އެކުގައި މުޖުތަމައާ ގުޅިލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމުގައި ރައީސް ވިދާޅުވި އެވެ.

"މިގޮތުން ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖުތިމާއީ އާއިލީ ވެއްޓެއް ހޯދައިދިނުމަށް ހަ ރަށެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ގާއިމުކޮށް، އެކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކޮށްފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. މިގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާ ކަމުގައި ވިދާޅުވި އެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ސިމްޕޯޒިއަމް ބާއްވަމުން މިދަނީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. މިގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމުގައި ވިދާޅުވި އެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިމްޕޯޒިއަމް އާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަަށް އަރުވާފަ އެވެ. "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ކުރިއަށް ދާނީ މިއަދާއި މާދަމާ، ކްރޮސް ރޯޑް މޯލްޑިވްސްގަ އެވެ.