ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެއްފަރާތުގައި ހުންނެވި ނަމަވެސް ޖެންޑާ މިނިސްޓްރީ މެންޑޭޓްގައި ހިމެނޭ މައްސަލަތަކާއި މިނިސްޓްރީއާ ގުޅޭ މައްސަލަތައް މަދު ނުވާ ކަމަށް ކުރީގެ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝިދާތާ މިހެން ވިދާޅުވީ އަވަސްގެ "ފޭސް ޓު ފޭސް" ޝޯގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ފާޑުކިޔުންތައް ގިނަ އަދި ފާޑުކިޔާނާމަ މީޑިއާއަށް އިންޒާރުކޮށް ޖޫރިމަނާވެސް ކުރަން ފަށާފައިވާ ޖެންޑާ މިނިސްޓްރީއަކީ ކުޑަކުދިންނާއި، އަންހެނުންނާއި ނުކުޅެދޭ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް އޮންނަ ވުޒާރާ އެވެ. އެ މިނިސްޓްރީގެ އިހުމާލު މައްސަލަތަކަކީ އަބަދުވެސް މިޑިއާގައި އޮންނަ ވާހަކަތަކެކެވެ.
އެކަން ކަމަށް އިޝާރާތް ކުރައްވާ ޝިދާތާ ވިދާޅުވީ އެކަމަނާ މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް ވީއެންމެ ރަނގަޅަށް މަގާމުގެ ޒިންމާތައް އަދާ ކުރައްވަމުން ގެންދެވި ކަމަށާއި ދިމާވެފައިވާ މައްސަލައަކީ ވަކި މިނިސްޓަރަކު މަގާމުގައި ހުންނެވުމުން ނުކުންނަ މައްސަލަތަކެއް ނޫން ކަމަށާއި މައްސަލަތައް އުފަންވަނީ ކަންކަން އޮތް ގޮތުން ނިޒާމުގެ ތެރެއިން ކަމަށެވެ.
ޝިދާތާ ވިދާޅުވީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމުގެ މާ ކުރިން ވެސް އުޅުއްވެވީ އިޖުތިމާއީ މަސައްކަތުގައި ކަމަށާއި އެ މަސައްކަތުގެ ތެރެއިން އިސްލާހީ ބަދަލުތައް ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވުނު ކަމަށެވެ. އެހެންކަމުން މަގާމާއި ހަވާލުވެވަޑައިގެންވެވިއިރު ސިޔާސީ މަސްރަހުގައި ހިންގާ ކަންކަމަށް ވަރަށް ބޮޑަށް ލޯ ހުޅުވިފައި ހުންނެވި ކަމަށާއި މަގާމުން ދޫކޮށްލަން ޖެހި ވަޑައިގަތުމުން އެކަމާވެސް ކަންބޮޑުވެ ވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އެންމެ އުނދަގޫވާ އެއް ކަމަކީ އަދި އަޅުގަނޑު އަމިއްލައަށް ވެސް ތަޖުރިބާ ކުރި އެއް ކަމަކީ މިއިން ކޮންމެ ކަމެއްގަ ސެންސިޓިވިޓީ ބޮޑު ވެގެން ދާއިރު މީގެ ތެރެއިން ސިޔާސީ ވަކި ކަންކަން ހާސިލު ކުރުމަށް ވަކި މީހަކު ފިންގާ ޕޮއިންޓް ކުރަން ކޮންމެ މީހަކު ވެސް މަސައްކަތް ކުރާ ކުރުން،" ޝިދާތާ ވިދާޅުވި އެވެ. "އަޅުގަނޑު މިހިރީ އިސްތިއުފާ ދީގެން ވަރަށް މަޑުމަޑުން އެއްފަރާތެއްގައި. އެހެން ނަމަވެސް މައްސަލަތައް ހަމަ މިދަނީ ކުރިއަށް ނޫންތޯ؟ އޭގެ މާނައަކީ ވަކި ވަޒީރަކު ހުރެގެން ވަކި މީހަކު ހުރެގެން ޖެހޭ މައްސަލަތަކެއް ނޫނޭ މިއީ، މީ ނިޒާމުގެ މައްސަލަތަކެއް،"
"އަޅުގަނޑަށް މީގަ އެންމެ އުނދަގޫވާ އެއް ކަމަކީ އަދި އަޅުގަނޑު އަމިއްލައަށްވެސް މީގަ ތަޖުރިބާ ކުރި އެއްކަމަކީ މިއިން ކޮންމެ ކަމެއްގަ ސެންސިޓިވިޓީ ބޮޑުވެގެންދާއިރުގަ މީގެ ތެރެއިން ސިޔާސީ ވަކި ކަންކަން ހާސިލުކުރުމަށް ވަކި މީހަކު ފިންގާ ޕޮއިންޓް ކުރަން ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ. އަޅުގަނޑު މިހިރީ އިސްތިއުފާ ދީގެން ވަރަށް މަޑުމަޑުން އެއްފަރާތެއްގަ. އެހެންނަމަވެސް މައްސަލަތައް ހަމަ މިދަނީ ކުރިއަށް. އޭގެ މާނައަކީ ވަކި ވަޒީރަކު ހުރެގެން ވަކި މީހަކު ހުރެގެން ޖެހޭ މައްސަލަތަކެއް ނޫނޭ މީ. މީ ނިޒާމުގެ މައްސަލަތަކެއް،"ކުރީގެ ޖުންޑާ މިނިސްޓަރު | ޝިދާތާ ޝަރީފް
ޝިދާތާ ވިދާޅުވީ ހުރިހާ ސަރުކާރެއްގައި ވެސް އިޖުތިމާއީ މަސައްކަތަކީ ގޮންޖެހުންތައް އޮންނަ، ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އިރު ކަން ހިނގި ގޮތާއި އެކަމާ ގުޅޭ މުވައްޒަފުން ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި މަގާމުގައި ހުންނަވައިގެން މިނިސްޓްރީ އާއި ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ އެކަމަށް ވާކާލާތު ކުރެއްވި ކަމަށެވެ.
"ހުރިހާ ސަރުކާރެއްގައި ވެސް އިޖްތިމާއީ މަސައްކަތްތަކަކީ ގޮންޖެހުންތައް އޮންނަ ކަމެއް، އަޅުގަނޑު ވަޒީރުކަމުގައި ހުރިއިރު ވެސް ވަރަށް ބޮޑަށް ވާހަކަ ދެއްކިން މި މައްސަލަތައް ހައްލު ކުރަން. ދައުލަތުގެ ވަކި އެއް ވުޒާރާއަކަށް ޒިންމާ ނަގަން ޖެހޭ ނުވަތަ އެއް ވުޒާރާއަށް އިނގިލި ދިއްކުރާހާ ހިނދަކު މިކަމުގައި އެދެވޭ ހައްލެއް ނާންނާނެ،" ޝިދާތާ ވިދާޅުވި އެވެ.
ކުރީގެ މިނިސްޓަރު ވިދާޅު ވިގޮތުގައި އޭރު ދެއްކެވި ވާހަކަތައް މިހާރު ވެސް ދަނީ ފެންނަމުންނެވެ. މި ފެންނަ ކަންތައްތަކަކީ އާ ކަންތައްތަކެއް ވެސް ނޫނެވެ. އިތުރަށް ވިދާޅުވީ ދާއިރާގައި ޓެކްނިކަލް މީހުނާއި ފަންނީ މީހުން ވަރަށް މަދު ކަމަށާއި ޖެންޑާ މިނިސްޓްރީ އަކީ ވަރަށް ބޮޑު މެންޑޭޓަކަށް ވުމުން މީހުން ބިނާ ކުރުން ވަރަށް މުހިންމު ވެފައިވާ ކަމަށެވެ.
ޝިދާތާ ވިދާޅުވީ މަސައްލަތައް ހައްލު ނުވެ ދަނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށާއި އެކަމަށް ބަލާއިރު ބަޖެޓު އޮތްތޯ އާއި ގާބިލު މީހުން ބިނާ ކުރުމަށް އިސްކަން ދެވޭތޯ ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި ސިޔާސަތުތައް ކަނޑައަޅާއިރު މިކަމަށް ސަމާލުކަން ދެވޭތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
ޝިދާތާ ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލުވެ ވަޑައިގެންނެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވަން ގޮވާލައި އެކަމަނާ މަގާމުގައި ހުންނަވަން ނުފެންނަ ކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ އިއްތިފާގުން ފާސް ކޮށް އެކަމަނާ ލަދުގަންނަވާލާފައި ވަނިކޮށެވެ. އަދި އެކަމަނާގެ ދިފާއުގައި ސަރުކާރުން ބަހެއް ވެސް ނުބުނެ އޮއްވަ އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ޝިދާތާ ކުރިން ވިދާޅުވެފައި ވަނީ ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ އޭރު ފެންމަތިވެފައިވާ މައްސަލަތަކުގައި އިހުމާލެއް އޮވެގެން ނޫން ކަމަށާއި އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ ކަމަށެވެ.
މަގާމުން ދޫކޮށްލެއްވުމަށް ފަހު ޝިދާތާ ހަޔާތަށް ބަދަލުތަކެއް ގެންނަވައި ފިލްމީ ތަރިއަކާ ކައިވެނި ބައްލަވައިގަތެވެ. އޭގެ ސަބަބުން އެކަމަނާގެ އާ ދިރިއުޅުމަށް މީޑިއާގެ ސަމާލުކަން އޮތް މިންވަރު ކުރިޔަށްވުރެ ބޮޑުވި އެވެ.