ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އުފަންވާ ކުދިން ރަޖިސްޓްރީ ނުކުރާނަމަ ދެން ޖޫރިމަނާވާނެ

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހޭ ކަމަަށް ކަނޑައަޅާފައިވާ ބިލް -- އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި އެެވެ.

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނޫނީ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމުގައި ބިލުގައި ބުނެ އެވެ.

އަދި އާންމުކޮށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި ރައްޔިތަކަށް ލިބިފައިވާ ކުއްޖެއްނަމަ ރާއްޖެ އަންނަތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. ނަމަވެސް ޖޫރިމަނާ ކުރާނީ އެކުށް ކުރި ހާލަތަށް ބެލުމަށްފަހު އެވެ.

ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ގައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލު ކަމުގައިވެސް މިބިލުގައި ބުނެއެވެ.

ބިލްގައިވާ ގޮތުން އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފްތަރެއް ވެސް ރަށް ނޫނީ ސިޓީ ކައުންސިލުން ބަލަހައްޓަންޖެހެ އެވެ.

މީގެއިތުރުން ގަވައިދާ ހިލާފަށް ގަސްދުގައި ފޫޅުމާ ފޯމެއް ނުވަތަ އުފަންވުމުގެ ރަޖިސްޓްރީއެއް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓެއް ނުވަތަ އައިޑީކާޑެއް ހައްދައިދިން ކޮންމެ މީހަކު 10،000 ރުފިޔާ އާއި 15،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެކަން ކުރީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.