ހަބަރު

ކުޑަ ކުދިންނާ ގުޅޭ ދެ ބިލު ތަސްދީގު ކުރައްވައިފި

Nov 21, 2019

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލަކީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފާސްކުރި ދެ ބިލެކެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެ އެވެ. އަދި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގަ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މިބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެގޮތުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމުގައި އެ ބިލުގައި ކަނޑައެޅާފައިވެ އެވެ. އަދި ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލުގައި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގައުމީ ނިޒާމެއް ގާއިމް ކުރުމަށް ވަނީ ހިމަނައިފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓާކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅާނެ ގޮތްތައް ވެސް ބިލުގައި ހިމެނި އެވެ.