ހަބަރު

ހަރުކަށި ފިކުރު ހުއްޓުވަން ކުއްލި ހާލަތު އިއުލާނުކުރަން ގޮވާލައިފި

Nov 25, 2019
2

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރި ލޭއޮހޮރުވުމެއް ހިނގުމުގެ ކުރިން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެކަން ހުއްޓުވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފި އެވެ.

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާއި އެ ކުއްޖާއަށް ރައްކާތެރިކަން ދިނުމުގައި އިހުމާލުވި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަގުތުން ވަގުތައް ފިޔަވަޅު އެޅުމަށް ގޮވާލައި ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ.

އިސްލާމް ދީނުގެ ނަމުގައި ކުޑަކުދީންނަށް ޖިންސީ ގޯނާކޮށް، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް މުގުރާލައި، ލޭ އޮހޮރުވުމަކާ ދިމާލަށް ގައުމު ދިޔުމުގެ ކުރިން، އަޑީދައުލަތުގެ ވެރިން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމަށް ޑީއާރުޕީގެ ލީޑަރު ޖާބިރު ވިދާޅުވި އެވެ.

"އެކަންކަން ހުއްޓުވަން ރައީސަށް ވަނީ ބާރުދީފައި. ސަރުކާރުގެ އިދާރާތަކަށް އެކަން ނުވަންޏާ ސީދާ ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ އެކަން ހުއްޓުވަން ނުކުންނަވަން. އަޅުގަނޑު ރައީސަށް ދަންނަވާނީ އެމާޖެންސީ އިއުލާނުކުރާ ވަގުތު މިހާރު ޖެހިއްޖެއޭ،" ޖާބިރު ވިދާޅުވި އެވެ.

އަދި 13 އަހަރުގެ ކުޑަކުއްޖަކަށް އެފަދަ އަނިޔާތަކެއް ދެމުންދިޔަ އިރު، އިސްލާމިކް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައިނުވަނީ އެފަދަ ކަންކަމަށް ހިތްވަރުދޭތީތޯވެސް ޖާބިރު ވަނީ ސުވާލުކުރައްވައިފަ އެވެ.

"އެކަންކަން ނުބެލެންޏާ ރައީސް ޖެހޭނެ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވަން،" ދީނުގެ ނަމުގައި ކުޑަކުދިން ރަހީނުކޮށްގެން އަނިޔާތައް ދެމުންދަނީ ނެޓްވޯކެއްގެ ތެރެއިންކަމަށާއި އެކަންކަން ވަރަށް ގާތުން ބަލަންޖެހޭކަން ތަކުރާރު ކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ އިތުރުން އެ ބަހުސްގައި މިހާތަނަށް ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވެސް ވަނީ ދީނީ ހަރުކަށި ފިކުރު ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް އިހުމާލުވެފައިވާކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ 13 އަހަރުގެ ކުޑަކުއްޖަކަށް އަހަރަށްވުރެ ގިނަ ދުވަހު އަނިޔާ ދެމުންދިޔައިރު، އެކަން ހުއްޓުވަން ފުލުހުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ފެއިލްވެފައިވާ ކަމަށެވެ.

އެ ކުއްޖާގެ އިތުރުން އެ ކުއްލި މައްސަލާގައި، ށ. އަތޮޅު މާއުނގޫދޫއަށް ބަޔަކު އަރާ، އެ ރަށުގެ ފާރުތަކުގައި ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލޯގޯ ކުރަހައި އެ ރަށް "ފަތަހަ" ކޮށްފައިވާ މައްސަލަވެސް ވަނީ ހިމަނައިފަ އެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުނު އިރު، އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ގޮތުން އެއްވެސް މީހަކާ ގުޅިގެން އުޅޭ ކަން އެނގިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމުގެ މައުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެ މައްސަލަ ޖެންޑާ އާއި ފުލުހުން ގުޅިގެން ބަލަމުން ދިޔަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ބަޔާނުގައި ބުނެފައިވަނީ 13 އަހަރުގެ ކުއްޖާ ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކުދިންނަށް ލިބެންޖެހޭ ހައްގުތައް ފޯރުކޮށްދީ އެކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅާދިއުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެންދިއުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނޭ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީ އަކާއި ގުޅިގެން ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކު ކުޑަ ކުދިންތަކަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ ކަމަށްބުނެ މިފަހުން ވަނީ އަޑު ފެތުރިފަ އެވެ. އަދި މި މާރާމާރީގައި ޒަހަމްވެ ހާލު ސީރިއަސްވި ރ. މަޑުއްވަރީ ޒުވާނާ އިނދެގެން އުޅެނީ 13 އަހަރުގެ ކުއްޖަކާ ކަމަށް ބުނެ އަޑު ތަކެއް ފެތުރިފައިވާއިރު މި ކުއްޖާ މާބަނޑުވެ ވިހާފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.