ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރަންޖެހޭ: ރައީސް

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން ދާއިރު ޔަގީންކުރަންވީ ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އެކުއްޖަކަށް ކުރިއެރޭނޭ އެންމެ ބޮޑަށް ކުރިއެރުމަށް މަގުފަހިވެފައިވާ ކުއްޖަކަށް ހެދުމަށް ކަމަށެވެ. އެއްވެސް ކުއްޖަކު އެކަހެރި ނުވާ އަދި އަނިޔާއާއިން އެ ކުދީން ސަލާމަތްވެފައިވާ ބަޔަކަށް ހަދަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ފަރުވާތެރިވާ ބަޔަކަށް ވުމަކީ އެންމެންގެ ޒިންމާއެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ކަަށަވަރުކުރުމަށްޓަކައި ކަމާ ގުޅޭ މުހިއްމު ގާނޫނުތައް ހުރީ ހަދާފަ އެވެ. ނަމަވެސް އެ ކުދިންގެ ހައްގުތައް އެންމެ ރަނގަޅަށް ރައްކާތެރިކޮށްދެވިފައިވާ ކަމަކަށް ތަފާސްހިސާބުތަކަކުން ނުދައްކަ އެވެ.

ހޯމް މިނިސްޓރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނާއި އެ ނުރައްކަލުގައި ތިބި ކުދިން ޒިންމާދާރު ފަރުދުންގެ ގޮތުގައި މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގަ އެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށްޓަކައި، އދ އިން ކަނޑައަޅާފައިވާ ޝިއާރަކީ "އިންކުލޫޝަން، ފޯ އެވްރީ ޗައިލްޑް" އެވެ.