ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުދިން ތަރުބިއްޔަތު ކުރުމުގައި ދީނުގެ ސައްހަ އަގީދާއަށް ސަމާލުވާންޖެހޭ: ރައީސް

ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި އިސްލާމު ދީނުގެ ސައްހަ އަގީދާ އާއި ގައުމީ ލޯތްބަށް ސަމާލުކަން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރާ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި އެ ވަގުތަކު ގައުމުގައި ހުރި އިޖުތިމާއީ ހުރިހާ މައްސަލަތަކަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ.

"ކުޑަކުދިންނަކީ ގައުމުގެ ކުރިމަގަށްޓަކައި މުޑުވައްކުރާ ނިރުތަކަކަށް ވާއިރު އެ ކުދިން ތަރުބިއްޔަތުކުރުމުގައި އެ ވަގުތަކު ގައުމުގައި ހުރި އިޖުތިމާއީ ހުރިހާ މައްސަލަތަކަށް ރިޢާޔަތްކުރަންޖެހޭ. އެ ގޮތުން މިއަދު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ އެކުދިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އާއި ގައުމީ ލޯބި ފުރިހަމައަށް ބިންވަޅު ނަގައިދިނުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާ އިރު އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ހައްގަކީ މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ބެލެނިވެރިންގެ އޯގާތެރިކަމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ބަލައިބޮޑުކޮށް ރިވެތި އަހުލާގުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުމެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީވެސް ކުޑަކުއްޖެއްގެ އުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކުޑަކުދިންގެ ދުވަސް ފާހަގަކުރާ މި މުނާސަބަތުގައި އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ގައުމީ ތަރައްގީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށް. އެހެންކަމުން ކޮންމެ ކުއްޖަކީވެސް، ގައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ ދައުލަތުގެ އިތުރުން މުޅި މުޖުތަމައާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކޮށްގެން ކުރަންޖެހިފައިވާ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ އެ ތަނެއްގައި ދިރިއުޅޭ ކުޑަކުދިންކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ކުދިންގެ އިންސާނީ ކަރާމާތާއި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ މުޖުތަމައުގައި ދިރިއުޅޭ ބޮޑެތި މީހުންގެ ކޮނޑުގައި އެޅިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކު އަޒުމް ކަނޑައަޅަންވީ ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށް. އަދި ކޮންމެ ކުއްޖަކީ ތިމާގެ ފަރާތުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަމުގައި ހެދުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.