ރިޕޯޓް

އެންމެ ކުޑަ އުޖޫރައިގެ ބޮޑު އުފާ ރިސޯޓް މުވައްޒަފުންނަށް

Feb 24, 2020
15

ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދަކީ ޓޫރިޒަމް ސެކްޓާ ކަމަށް ވިއަސް، ބޭސިކް މުސާރަ އެންމެ ކުޑަ ދާއިރާއަކީ މި އެވެ. އާއްމުކޮށް ގިނަ ރިސޯޓުތަކުގައި މުސާރަ އުޅެނީ 5،000ރ. އިން ދަށުގަ އެވެ. ރިސޯޓު މުވައްޒަފުންނަށް ލިބޭ އެޗެއް ލިބެނީ ސާވިސް ޗާޖާއި ޓިޕްސް އެއްކޮށްލައިގެންނެވެ. ނަމަވެސް މިމަހުގެ ތެރޭގައި ކަނޑައަޅަން ނިންމާފައިވާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ އެވެ. މިކަން ވެގެންދާނީ ބުރަކޮށް މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ލިބިގެން ދާނެ އުފާވެރި ހަބަރަކަށެވެ.

"ހަގީގަތުގައި މި ކަމަށް އުންމީދު ކުރެވޭތާ ލައްކަ ދުވަސް ވެއްޖެ. އަހަރެމެން ބުރަ މަސައްކަތް ކުރާއިރު ސާވިސް ޗާޖު ނޫން އެއްޗެއް ހަގީގަތުގައި ނެތް. އެހެންވީމަ މިނިމަމް ވޭޖު ކަނޑައެޅުމަކީ ލިބިގެންދާނެ އުފަލެއް،" މާލެ އަތޮޅު ރިސޯޓަކުން ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރާއިރު ކުޑަ މުސާރައެއް ގެ އަށް ފޮނުވަން ޖެހުމަކީ ދެރަ ކަމެކެވެ. ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ރިސޯޓު މުވައްޒަފުންގެ އާބާދީއަކީ ގާތްގަނޑަކަށް 17،000 އެވެ. މިނިމަން ވޭޖް މިމަހު ކަނޑައެޅޭއިރު މި އާބާދީ އަށް ލިބޭ އާމްދަނީ އިތުރު ވެގެން ދާނެ އެވެ.

ރިސޯޓް މުވައްޒަފުންގެ ޝަކުވާއެއްގެ ނިމުން

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅިފައި ނެތުމަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޓޫރިޒަމް އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައިވާ ގޮތުގައި ސާވިސް ޗާޖަށް ޓޫރިޒަމް ސެކްޓާގެ މުވައްޒަފުންގެ އާމްދަނީ ހަމައެކަނި ބިނާކޮށްފައި ބެހެެއްޓުމަކީ ދެރަކަމެއް ކަމަށެވެ. ސަބަބެއް ކަމަށް އެ ޖަމިއްޔާ އިން ބުނަނީ ސާވިސް ޗާޖަކީ އެކި ދުވަސްވަރު އެކި އަދަދުން ލިބޭ އެއްޗަކަށްވުމެވެ. ނަމަވެސް މީގެ ބަދަލުގައި ރަނގަޅު ކުޑަ އުޖޫރައެއް ކަނޑައެޅުމުން ފައިދާ ފެންނާނެ ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

މިނިމަން ވޭޖް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާ ދެއްވާފައިވަނީ މިނިމަމް ވޭޖްއަކީ 6،400 އާއި 8،000 ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ. މި އަދަދުތައް ކަނޑައަޅައިފިނަމަ ޓޫރިޒަމް ސެކްޓާގެ މުވައްޒަފުންނަށް ގާތްގަނޑަކަށް 40 އާއި 50 ޕަސެންޓާ ދެމެދުގެ ބަޔަކަށް މީގެ ފައިދާ ކުރާނެ އެވެ.

ޓޫރިޒަމް ދާއިރާއަށް މިނިމަމް ވޭޖެއްގެ އަދަދު ކަނޑައެޅުމުގެ ކުރިން މިނިމަމް ވޭޖް ބޯޑުން ވިޔަފާރިތަކާ ވާހަކަ ދައްކައި ދިރާސާ ކޮށްފައިވެ އެވެ. އެ ބޯޑުގެ ދިރާސާ ދައްކާ ގޮތުގައި ޓޫރިޒަމް ސިނާއަތުން ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ ތެރެއިން 35 ޕަސެންޓް ފަރާތުން ބުނެފައިވަނީ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ފެންނަނީ 200 އެމެރިކާ ޑޮލަރަށްވުރެ ދަށް އަދަދެކެވެ. އަދި 49 ޕަސެންޓް ވިޔަފާރިތަކުން ހާމަކުރާ ގޮތުގައި މި އަދަދު ކަނޑައަޅަން ފެންނަނީ 200 އެމެރިކާ ޑޮލަރާއި 300 އެމެރިކާ ޑޮލަރާ ދެމެދު ގައެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި 300 އެމެރިކާ ޑޮލަރާއި 400 އެމެރިކާ ޑޮލަރާއި ދެމެދުގައި ބަހައްޓަން ފެންނަ ކަމަށް ސާވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 16 ޕަސެންޓް ވިޔަފާރި ތަކުން ހާމަކޮށްފައިވެ އެވެ.

ސަރުކާރުން މިނިމަން ވޭޖް ދޭން ކަނޑައަޅާފައިވަނީ ހަތް ގިންތިއަކަށް ބަހާލައިގެންނެވެ.

މިނިމަމް ވޭޖް ދޭ ގިންތިތައް:

  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ
  • ޓޫރިޒަމް ދާއިރާ
  • ކޮންސްޓްރަކްޝަން ދާއިރާ
  • ދަތުރުފަތުރުގެ ދާއިރާ
  • ސިއްހީ ހިދުމަތުގެ ދާއިރާ
  • ތައުލީމީ ހިދުމަތުގެ ދާއިރާ
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ

މިނިމަމް ވޭޖް ފުރަތަމަ އިއުލާނު ކުރާއިރު މީގައި ބިދޭސީ މުވައްޒަފުން ނުހިމެނޭނެ އެވެ.

ކޮންމެއަކަސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ދިމާލަށް ދަތުރު ކުރަމުން ދާއިރު މިކަން ވެގެންދާނީ ރާއްޖޭގެ މަސައްކަތް ތެރިންނަށް އުފާވެރި ހަބަރަކަށެވެ. ހާއްސަކޮށް މީގެ އެންމެ ބޮޑު އުފަލެއް ލިބޭނެ ބަޔަކަށްވާނީ ޓޫރިޒަމް ސެކްޓާގައި މަސައްކަތް ކުރާ ދިވެހިންނަށެވެ. ސަބަބަކީ އެމީހުން މިކަމަށް ވަކާލާތު ކުރާތާ ލައްކަ ދުވަސް ވެފައިވުމެވެ.