މިނިމަމް ވޭޖް

މިނިމަމް ވޭޖް ފަސް ކުރަން ޖެހެނީ ކީއްވެ؟

ދުނިޔޭގެ އިގްތިސޯދުގެ ހުރިހާ މިންގަނޑުތަކެއް މިވަގުތު ހުރީ ދަށުގަ އެވެ. އަދި ހުރީ ވެއްޓެން ހިފާފަ އެވެ. ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެން ފެށުމާއެކު ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ދަނީ ހެސް ކިޔާފައި ގެއްލުން ވަމުންނެވެ. ވައިގެ ދަތުރުފަތުރުގެ ބޮޑެތި އެއާލައިންތައް އުދުހުން ހުއްޓާލައި ބިންމަތިކޮށްފި އެވެ. މިއާއެކު ދާއިރާއަށް 100 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް އަންދާޒާ ކޮށްފައި ވާއިރު މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާއަތު އޮތީ ވަރަށް ބޮޑު ވެއްޓުމެއްގެ ތެރޭގަ އެވެ.

ކޮވިޑް-19 ޗައިނާ އިން ނުކުމެ، ދުނިޔެ އާއި ޔޫރަޕުގެ ތެރެެއަށް ފެތުރިގަތުމުގެ ނަތީޖާއަކީ ޓޫރިޒަމް ސިނާއަތަށް ލިބޭ ގެއްލުން ހިޔާލަށް ނުގެނެވޭނެހާ ބޮޑު ވެގެން ދިއުމެވެ. ހާއްސަކޮށް ރާއްޖެއަށް ލިބޭނެ ގެއްލުން މިހާރު ވެސް ވަނީ އަންދާޒާ ކުރެވެން ފަށާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބޮޑެތި މާކެޓްތައް ކަމަށްވާ ޗައިނާ އާއި އިޓަލީ އިން މީހުން އައުން ވަނީ ހުއްޓުވާފަ އެވެ. އޭގެ ނަތީޖާއަކީ ގައުމުގެ އިގްތިސޯދަށް ފައިސާ ޕަންޕު ކުރާ ޓޫރިޒަމް ސިނާއަތުން ލިބޭނެ އާމްދަނީ ބޮޑުތަން ދަށްވާނެކަން ޔަގީންވެފައި ވުމެވެ.

ރާއްޖެއަށް ޓޫރިޒަމް ސިނާއަތުން ސީދާކޮށް ތިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ. މިހާރު އަަންދާޒާ ކުރެވޭ ގޮތުގައި މި އަދަދުގެ 30 ޕަސެންޓު ވަރު ކުރިއަށް އޮތް ހަތަރު މަސް ތެރޭ ގެއްލިގެންދާނެ އެވެ. މި ހާލަތުގައި ރާއްޖެ އޮތްއިރު ރާއްޖެ މިދަނީ މުހިންމު ދެ ކަމަކަށް ތައްޔާރު ވަމުންނެވެ. އެއީ މަސައްކަތެރިންގެ އުންމީދުތައް ގުޅިފައިވާ މިނިމަމް ވޭޖާއި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ހިމެނޭ ބޮޑު ކައުންސިލް އިންތިހާބެވެ.

މި ވަގުތަކީ ކައުންސިން އިންތިހާބު ބާއްވައި މިނިމަމް ވޭޖް ތައާރަފު ކުރަން ރަނގަޅު ވަގުތެއް ހެއްޔެވެ؟ ކައުންސިލް އިންތިހާބާއި މިނިމަމް ވޭޖް ފަސްކޮށްލަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟

މި ވަގުތު މިނިމަމް ވޭޖް: އިގްތިސޯދު ބަލިކޮށްލާނެ

ރާއްޖޭގެ ޓޫރިޒަމް ހީނަރުވުމުގެ އަސަރު މުޅި ރާއްޖެ އަށް މިހާރު ވަނީ ކޮށްފަ އެވެ. ދައުލަތުގެ އާމްދަނީ ދަށްވާން ފަށައިފި އެވެ. މިކަން އެންމެ ރަނގަޅަށް ފެންނަނީ މާލޭގެ ބޮޑު ބާޒާރު ނުވަތަ މަޖީދީ މަގުގެ ވިޔަފާރިއަށް މިހާރު ވަމުންދާ ގޮތުންނެވެ.

މަޖީދީ މަގުގެ ވިޔަފާރި އެންމެ ޕީކް، ގަލޮޅު ދަނޑު ދަށުގައި ހުންނަ ފިހާރަ ތަކަށް މީގެ ދެ މަހެއްގެ ކުރިން ސޭލްސްގެ ގޮތުގައި ރެއަކަށް 10،000ރ. އަށް ވުރެ މަތިން ލިބެ އެވެ. އެކަމަކު މިހާރު މި ފިހާރަތަކަށް ރެ އަކާއި ދުވާލު ލިބެނީ ގާތްގަނޑަކަށް 2،000ރ. އާއި 7،000ރ. ވަރެވެ. މި އާމްދަނީއަކީ މި ތަންތަނުގެ ކުއްޔާއި ހަރަދު ތަކަށް ބަލާއިރު ބޮޑު ގެއްލުމަކަށް ނޫނީ ނުވާނެ އެވެ.

ރާއްޖޭގެ ވިޔަފާރިތައް މިހާލަތުގައި އޮއްވާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ވަކި އަދަދެއް ދޭން މަޖުބޫރުކޮށް، ގާނޫނު ތަންފީޒު ކުރަން ފަށައިފިނަމަ ވިޔަފާރިތައް ހަލާކު ވެގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ. ކުދި ވިޔަފާރި ތަކުން އެވްރެޖު ގޮތެއްގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،600ރ. ވަރު ދެ އެވެ. މާނައަކީ މިނިމަމް ވޭޖް ތައާރަފުކޮށްފިނަމަ އެ ތަންތަނުގެ ހަރަދުތައް މަތި ވެގެން ދިއުމެވެ. ނަތީޖާއަކީ ވިޔަފާރި ދަށް މި ދުވަސްވަރު މިތަންތަން ހުއްޓުމަކަށް ދިއުމުގެ ބިރު އޮތުމެވެ.

އެގޮތް ހަމަ ޓޫރިޒަމް ސެކްޓާ އަށް ވެސް ވާނެ އެވެ. މުހިންމު މާކެޓު ތަކުން ޓޫރިސްޓުން އައުން ހުއްޓާލާފައި ވަނިކޮށް މިނިމަމް ވޭޖު ތައާރަފު ކޮށްފިނަމަ މި މައްސަލަ ޓޫރިޒަމް ސެކްޓާއަށް ވެސް ކުރާނެ އެވެ. މިހާރު ގިނަ ރިސޯޓުތަކުގެ އެވްރެޖު އޮކިއުޕެންސީ އޮތީ ވަރަށް ދަށުގަ އެވެ. މިހާލަތުގައި ނަތީޖާއަކީ ހަރަދު ކުޑަ ކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން ވަޒީފާ ތަކެއް ގެއްލުމުގެ ބިރު އޮތުމެވެ.

ރާއްޖެ އަށް މުދާ އެތެރެ ކުރާ ކުންފުންޏެއް ކަމަށްވާ ސެންޗޫރިއަންސް ކުންފުނީގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން ވިދާޅުވި ގޮތުގައި މި ވަގުތު މިނިމަމް ވޭޖް ތައާރަފުކޮށް، އެ މަޖުބޫރު ކޮށްފިނަމަ އުފެއްދުންތެރި ކިތަންމެ ވިޔަފާރި ތަކެއް ހުއްޓިގެން ދާނެ އެވެ.

"އަޅުގަނޑު އަބަދު ވެސް ބުނަން ރާއްޖޭގައި މިނިމަމް ވޭޖް ސީދާ އަދަދެއް ކަނޑައެޅުން މިއީ ރަނގަޅު ގޮތެއް ނޫން. އަދި އަމުދުން މި ވަގުތު އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން ގެނައުން. މީގެން ބޮޑެތި ވިޔަފާރިތަކަށް ގެއްލުން ކުޑަ ވެދާނެ. އެކަމަކު ގެއްލުން ވާނީ ކުދި ތަންތަނަށް. އަޅުގަނޑުމެން ކުންފުނީގެ ކުޑަ އުޖޫރަ 6،000ރ. އަށްވުރެ މަތިވާނެ. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ތައާރަފު ކުރިއަސް. އެކަމަކު މީގެ މައްސަލަ ދިމާވާނީ ކުދި ވިޔަފާރިތަކަށް، އުފެއްދުންތެރި ހިޔާލު ތަކަށް،" މާނު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ނަގަން މި ވަގުތު އެންމެ ރަނގަޅު ނޫންކަން ވޭޖް އެޑްވައިޒަރީ ބޯޑުގެ ޗެއާމަން މަރިޔަމް ޚާލިދާ ވެސް ވަނީ ވިދާޅުވެފަ އެވެ.

"ބޯޯޑުގެ ޑިސިޝަން ނެގިފައި އޮންނާނީ ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރުމުގެ ކުރިން. ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސޯދަށް މިކަމުން އަސަރު ކުރާނެ. މި ގައުމަށް މާބޮޑަށް އަސަރު ކުރާނެ. އަޅުގަނޑު ވަރަށް އެދެން ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިނިމަމް ވޭޖެއްް އިމްޕްލިމެންޓް ކުރައްވާ އިރު މި ކަންތަކަށް ރިޔާއަތް ކުރެއްވުން،" ހާލިދާ ވިދާޅުވި އެވެ.

އިންތިހާބަށް ވެސް ބޮޑު ހޭދައެއް

ހަރަދު ކުޑަ ކުރުމުގެ ވާހަކަ ދައްކާއިރު ބޯމަތިވަމުން އަންނަ އިންތިހާބުގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ. މި އިންތިހާބު ވެގެންދާނީ ބޮޑު ހޭދައެއް ކުރާނެ އިންތިހާބަކަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް 80 މިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ބެލެވެ އެވެ. މިއީ އާއްމު ރައްޔިތު މީހާއާ ހާއްސަކޮށް އާއިލާތަކާ ގުޅިފައިވާ އިންތިހާބެކެވެ. އިންތިހާބާ ދިމާކޮށް ކެމްޕޭން ކުރަން ކެނޑިޑޭޓުން ވެސް ބޮޑު ހޭދައެއް ދަނީ ކުރަމުންނެވެ. ހަރަދު ކުޑަ ކުރަން ޖެހިފައިވާ މި ހާލަތުގައި އާއްމުންގެ އަތުގައި އޮތް ފައިސާ ފޮތި މި ވަގުތު ހޭދަކޮށްލުން މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ރާއްޖެ އަށް ލިބޭ އާމްދަނީ މަދުވަމުންދާ މި ވަގުތެއްގައި ހަރަދު ކުޑަ ކުރަން އެބަ ޖެހެ އެވެ. ސިޔާސީ މަގާމު ތަކަށް މީހުން ނެގުން ހުއްޓާލަން އެބަ ޖެހެ އެވެ. ރާއްޖެ ފަދަ އެންމެ އިގްތިސާދަކަށް ބަރޯސާވެފައިވާ ގައުމަކަށް މި ނޫން "ޗޮއިސް" އެއް ނުފެނެ އެވެ. އެހެންވެ، ކައުންސިލް އިންތިހާބާއި މިނިމަމް ވޭޖު ވެސް މި ވަގުތަށް ފަސްކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތެވެ.