ހަބަރު

އާންމުންގެ އިހުސާސް ބުނެދިނީ ސާއިރާ!

ރޭ ރައްޔިތުންގެ މަޖިލީހުން މިނިވަން ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމުން އެންމެ އަލިގަދަވެގެން ދިޔައީ ފާތިމަތު ސާއިރާ އެވެ. އާންމު މީހެއްގެ ހައިސިއްޔަތުން އޭނާ، ސިޔާސީ ވެރިންނަށާއި ބޮޑެތި މަހުޖަނުންނަށް ދިން މެސެޖާއި ރައްދަކީ އާންމުންގެ ހިތާކުޅެލި ކަމަކަށް ވަނީ ވެފަ އެވެ.

ޓްވިޓާގައި އާންމު ރައްޔިތު މީހާއަށް ލިބެންޖެހޭ ހައްގުތައް ނުލިބި ބިކަވާކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އުފުލުމުގައި ސާއިރާއަކީ އަބަދުވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. ނަމަވެސް ރޭ އޭނާ ވަނީ ސިޔާސީ މީހުންނާއި ވިޔަފާރުވެރިން ދައްކާ އުޒުރުތައް ބަލައިނުގަނެ އެއަށް ރައްދު ދީފަ އެވެ. އާންމުން އިންތިހާއަށް ބޭނުންވެފައި ތިބި، އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ހުރި ގޮންޖެހުންތަކާއި ދަތިތައް ރޭ އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

މިހާރަށް އެކަން ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިގްތިސޯދު ކަމަށް ރޭ ބުނެފައިވެ އެވެ. ރޭގެ ފޯރަމްގައި މަޖިލިސް ގިނަ މެންބަރުންނާއި ވިޔަފާރިވެރިން ވެސް ތިއްބެވި އެވެ. އެމީހުންގެ ކުރިމަތިން ސާއިރާގެ ވާހަކަތައް ފެށީ ވެސް ތަފާތު ގޮތަށެވެ.

"އިގްތިސޯދުގެ ވާހަކަ މިތާ ވަރަށް ގިނައިން ދެއްކިއްޖެ، އަޅުގަނޑު އަހާލަން ބޭނުން ކާކުގެ އިގްތިސޯދެއްގެ ވާހަކަތޯ މި ދައްކަނީ؟، އިގުސޯދަކީ ވަކި ބައެއްގެ ވިޔަފާރި ފައިދާއަށް ކިޔާ ނަމެއްތޯ ނޫނީ ރައްޔިތުންގެ ވެލްބީން އާއި ރައްޔިތުންނާ ވެސް ގުޅޭ ގޮތަކަށް ކިޔާ ނަމެއް ނޫންތޯ އެއީ؟،"

ސާއިރާގެ އެހެން ބުނުމާއެކު އެތަނުގައި ތިބި އެހެން އާންމު މީހުން އަތް ޖެހި އެވެ. ސާއިރާ، އެ ޖޯޝުގައި ވާހަކަ ކުރިއަށް ގެންދިޔަ އެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އޭނާގެ ކުރީގެ ފިރިމީހާއަކީ ވެސް އުމުރުން ވަރަށް ކުޑައިރުން ފެށިގެން އެ ދާއިރާގައި އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން ދާއިރާގެ މުވައްޒަފުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.

"ދަރިފުޅު ކައިރިއަކަށް ނާދެވޭ، ފެމެލީއާއެކު ވަގުތު ހޭދައެއް ނުކުރެވޭ، މިއީ ހަމަ އިންސާނީ ހައްގުތަކެއް، އާއިލާއާއެކު ވަގުތު ހޭދަކުރުމަކީ ވެސް،" ސާއިރާ ބުނެ އެވެ. ދެން އޭނާ ކަންބޮޑުވުން ފާޅުކުރީ ކެނދިކުޅުދޫ ދައިރާގެ މެމްބަރު އަހްމަދު އީސާއާމެދު އެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ އީސައަކީ ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިން ރިޕްރެޒެންޓްކުރުމަށް ހުންނެވުމަށްފަހު މިހާރު މަޖިލީހަށް ވަޑައިގެން މިހާރު މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ނުދައްކަވާ ބޭފުޅެއް، އަޅުގަނޑު ވަރަށް ހިތާމަ ކުރަން އެކަމާ، އަޅުގަނޑުމެން ރައްޔިތުން އެންމެ އިތުބާރުކޮށްފަ ރައްޔިތުންގެ ވާހަކަ ދައްކަން ހަވާލު ކުރާ ބޭފުޅުން ވިޔަފާރިވެރިން ރިޕްރެޒެންޓްކޮށްފަ ވާހަކަ ދައްކަވާތީ ހަގީގަތުގައި ވަރަށް ދެރަވޭ،" ސާއިިރާ ބުންޏެވެ.

ސާއިރާ އެހެން ބުނިއިރު މެންބަރު އީސާ ވެސް އެތަނުގައި އިންނެވި އެވެ. ސާއިރާގެ ވާހަކަތަކަށް ދެން ވެސް އާންމުން އަތް ޖަހަމުންދިޔައިރު އީސާ އިންނެވީ ހިނިތުންވެ އެވެ. ސާއިރާ ދެން ރައްދު ދިނީ ޓޫރިޒަމް އިންޑަސްޓްރީގެ މަޓީ އަދި މަސީއަށެވެ. އެތަނުގެ ބޭފުޅުން ވެސް އެތަނުގައި ތިއްބެވި އެވެ. އޭނާ ބުނީ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ކުލި ކޮންޓްރޯލް ކުރުމަށް ދެކޮޅު ހެދި ގޮތަށް މިހާރު އެންމެ ކުޑަ އުޖޫރަ ދިނުމާމެދު ދެކޮޅު ހަދަމުންދާތީ ވެސް ހިތާމަ ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ ހުރިހާ އަސާސީ ހައްގަކަށް ފައިން އަރަން މަޓީ އާއި މަސީއިން ފައި ވިއްދާފައި ތިބިކަން ފާހަގަކުރަން، ސަރުކާރުން މިކަން ހުއްޓުވަން ޖެހޭ، ބޮޑެތި ވިޔަފާރިވެރިންގެ ހައްގުގައެއް ނޫން ވާހަކަ ދައްކަންވީ،" ސާއިރާ ބުންޏެވެ. "ރައްޔިތުންގެ ހައްގުގެ ވާހަކަ ދެއްކުމަކީ ސޯޝަލިސްޓްވުމެއް ވެސް ނޫން ކޮމިއުނިސްޓްވުމެއް ވެސް ނޫން، އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ހައްގުތަކެއްގެ ވާހަކަ، ރާއްޖޭގައި އިންސާނީ ހައްގާއި ޑިމޮކްރަސީ ދެކެނީ ވަރަށް ހަނި ގޮތެއްގައި،"

ސާއިރާ އިތުރަށް ބުނީ، "ހަމައެކަނި ފަސް އަހަރުން އެއް އަހަރު ވޯޓުލުމަކީ ޑިމޮކްރަސީއެއް ނޫން، އަޅުގަނޑުމެންގެ ބައިވެރިވުން ކޮންމެ ކަމެއްގައި ވެސް އަޅުގަނޑުމެންގެ ލައިފަށް އެފެކްޓް ކުރާ ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ ސޭއެއް ބޭނުންވާންޖެހޭ، ބޭނުން ކުރަން ޖެހޭ، އަޑުއަހަން ޖެހޭ،"

"އަސާސީ ހައްގަކީ ހަމައެކަނި ޖަލަށް ނުލުމެއް ނޫން، ޖަލުގައި ނުތެޅުމެއް ނޫން، އަޅުގަނޑުމެން މަސައްކަތް ކުރާ ވަގުތު ކުޑަވާން ޖެހޭ، އާއިލާއާއެކު ވަގުތު ހޭދަ ކުރެވެން ޖެހޭ، އިގްތިސޯދާއެކު އަންނާނެ ކުރިއެރުންތަކާއެކު ރަނގަޅު ޖީލެއް ނުއުފެއްދުމަކީ ކިހާ ބޮޑު ކޮސްޓެއްތޯ ދައުލަތަށް، އެ ވާހަކަ ކީއްވެގެންތޯ ނުދައްކަނީ، އަބަދު އިކޮނޮމީ، އިކޮނޮމީ ފެކްޓާއަކުން ބަލަންޏާ ނުލާހިކު ބަލި ކުދިންނާއި މަސްތުވާތަކެއްޗަށް ގޮސް ތިބި ބައިވަރު ކުދިން ތިބުމަކީ ކިހާ ބޮޑު ބުރައެއްތޯ އެއީ ދައުލަތަށް،" ސާއިރާ ބުނެ އެވެ.

"ކުލި ކޮންޓްރޯލްވުމާއި ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަކީ ސަރުކާރަށް އޮންނަ ބުރަ ކުޑަވާނެ ކަމެއް، އިގްތިސޯދު ރަނގަޅުވާނެ ކަމެއް، ރަނގަޅު ކަންކަމަށް އެމީހުން ހަރަދު ކުރާނެ، ޓްރެވެލް ކުރާނެ، ހަމައެކަނި މަޓީ އާއި މަސީގެ އިންޓްރެސްޓް، މިނިމަމް ވޭޖް ބޯޑް ވެސް ޕްރޮޓެކްޓްކުރިކަން އަޅުގަނޑު ފާހަގަކުރަން، މަސައްކަތްތެރިންނަށްވުރެ އެ ބޯޑްގައި ގިނައީ މަސީ އާއި މަޓީގެ މީހުން،"

ސާއިރާގެ ވާހަކަތައް ނިންމާލުމުން އީސާ ވަނީ ވާހަކަ ދައްކަވާފަ އެވެ. އީސާ ވިދާޅުވީ އޭނާ މިހާރު ތަމްސީލް ކުރައްވަނީ މަސައްކަތްތެރިން ނޫން ކަމާއި އޭނާއަކީ ވެސް މަސައްކަތްތެރިއެއް ނޫން ކަމަށެވެ. އޭނާގެ ދާއިރާގައި އެންމެ ކުޑަ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިވެރިން ވެސް އެބަތިބި ކަމަށެވެ. ކުރިން ހަމައެކަނި މަސަކަތްތެރިންގެ ހައްގުގައި ވާހަކަ ދެއްކިޔަސް މިހާރު ވަކާލާތު ކުރައްވާނީ ދެ ފަރާތުގެ ވެސް ހައްގުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އީސާގެ އެ ވާހަކަތަކާއެކު ސާއިރާ އިތުރަށް ކަންބޮޑުވުން ފާޅުކުރަމުން ދިޔަ އެވެ. އަދި ސާއިރާއަށް އީސާ ރައްދު ދެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އެތަނުގައި ތިއްބެވި އެހެން ބޭފުޅުން އީސާއަށް ދެންނެވި އެވެ. އެހެންވެ އީސާ ފަހުން ވާހަކަ ހުއްޓާލެއްވި އެވެ.

ސާއިރާގެ ވާހަކަތަކާ ގުޅިގެން މެންބަރު އީސާ ނުރުހުންވީ ނަމަވެސް އާންމުންގެ ތައުރީފު ސާއިރާއަށް ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ. އަދި، އާންމުންގެ ހައްގުގައި ވާހަކަ ދެއްކުމަށް ބޭނުން ވަނީ އެފަދަ ކެރޭ މީހުން ކަމަށާއި އެފަދަ ދެ މީހަކު ނުކުމެއްޖެނަމަ ގައުމުގެ މައްސަލަތައް ހައްލު ކުރަން އުނދަގޫ ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.