ދުނިޔެ

ޓްރަމްޕަށް މަރުހަބާ ކިޔަން އިންޑިއާއިން ތައްޔާރުވެފައި

Feb 24, 2020
1

ނިއު ދިއްލީ (ފެބްރުއަރީ 24) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މުޅި ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކްރަސީގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ފުރުސަތުތަކަށް ސަމާލުކަން ވަނީ އެނބުރިފަ އެވެ.

ޓްރަމްޕް އެންމެ ފުރަތަމަ ވެސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަން ސްޓޭޓް ކަމަށް ގުޖުރާތަށެވެ. އެތަނުގެ ކްރިކެޓް ސްޓޭޑިއަމެއްގައި ބޭއްވޭ ބޮޑު އެއްވުމެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖައްސާފަ އެވެ.

ގުޖުރާތުން ޓްރަމްޕް ދެން ވަޑައިގަންނަ ވާނީ ތާޖު މަހަލް ބައްލަވާލައްވަން އާގަރާ އަށެވެ. އެއަށްފަހު ރަސްމީ މަޝްވަރާތަކަށް ޓްރަމްޕް ވަޑައިގަންނަވާނީ ވެރިރަށް ނިއު ދިއްލީ އަށެވެ.

ޓްރަމްޕަށް ވަރަށް ހޫނު މަރުހަބާއެއް ކިޔުމަށް އިންޑިއާ އިން ވަރުގަދަ އިންތިޒާމުތަކެއް ހަމަޖައްސަމުން ދިޔަ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ސޮއި ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

އެމެރިކާއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް މާކެޓެވެ. އެގޮތުން، 2018 ވަނަ އަހަރު ދެ ގައުމުގެ ދެމެދު 142.6 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މި ފަހުން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގޮތުން ގުޅުން ރަނގަޅުވެފައިވީ ނަމަވެސް، ވިޔަފާރިއާ ގުޅުވައިގެން އުފެދިފައި އޮތް ނުތަނަސްވަކަމަށް ހައްލެއް ނުލިބެ އެވެ.

އިންޑިއާއިން ބޮޑެތި ޑިއުޓީތައް ނަގަމުންދާ ކަމަށް ވިދާޅުވެ ޓްރަމްޕް މީގެ ކުރިން ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު، އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ ބައެއް މުދަލުން ޑިއުޓީ މައާފު ކޮށްދީފައި އޮތް ހާއްސަ އެއްބަސްވުން އެމެރިކާ އިން ވަނީ ބާތިލުކޮށްފަ އެވެ. އޭގެ ރައްދެއްގެ ގޮތުން، އިންޑިއާ އިން ވަނީ އެމެރިކާ އިން އެތެރެކުރާ ތަފާތު 28 އައިޓަމަކުން ޑިޔުޓީ ބޮޑުކޮށްފަ އެވެ.

އެ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން، ދެ ފަރާތުން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. ނަމަވެސް، މިދިޔަ ހަފްތާ އާ ހަމައަށް ހިޔާލުތަފާތުވެފައި މައްސަލަތަކަށް އެއްބަސްވުމަކަށް ނާދެވި، އެ މަޝްވަރާތައް ވަނީ މަޑުޖެހިފަ އެވެ.

އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ޓްރަމްޕް ވެސް ވިދާޅުވީ އެ ވިޔަފާރީގެ އެއްބަސްވުން "ފަހަށް ބާއްވާފައިވާ" ކަމަށެވެ.