ދުނިޔެ

އެންމެ ގާތް އެކުވެރިއަކީ ޓްރަމްޕް: މޯދީ

އިންޑިއާގެ އެންމެ ގާތް އެކުވެރިއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅު ވެއްޖެ އެވެ.

ޓްރަމްޕަށް ތައުރީފު ކުރައްވާ މޯދީ ވިދާޅުވީ، އެމެރިކާގެ ސަބަބުން އިންޑިއާ އިތުރަށް ތަރައްގީވެ އިންޑިއާއަކީ ވެސް ދުނިޔޭގެ ބާރުގަދަ ގައުމަކަށް ވެގެންދާ ކަމަށެވެ.

ޓްރަމްޕު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއެކު ހާއްސަ ގުޅުމެއް ބާއްވަވަ އެވެ. މި ގުޅުމަށް މޯދީ ވެސް ގެންދަނީ ފުރިހަމައަށް އެއްބާރުލުން ދެއްވަމުންނެވެ.

ޓްރަމްޕަށް ތައުރީފު ކުރައްވާ، މޯދީ ވިދާޅުވީ އިންޑިއާގެ ރައްޔިތުންނާއި ގައުމުގެ ހައިސިއްޔަތާއި ގަދަރު ދުނިޔޭގެ ކުރިމަތީގައި އުފުލިގެން ދިޔައީ ޓްރަމްޕު ފަދަ އެކުވެރިއެއްގެ ސަބަބުން ކަމަށެވެ.

ޓްރަމްޕު ވެސް ވަނީ މޯދީއަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެމެރިކާގައި އުޅޭ އިންޑިއާ ރައްޔިތުންގެ އެހީ އެމެރިކާގެ އެކި ސިނާއަތްތަކަށް ލިބޭ ކަމަށާއި އޭގެ ފައިދާ އެމެރިކާގެ އިގްތިސޯދަށް ކުރާ ކަމަށެވެ.

ޓްރްމްޕު ވަނީ މިހާރު ޕާކިސްތާނައި އިންޑިއާގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުމާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފަ އެވެ. އެ ވާހަކަތަކުގައި ކަޝްމީރުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

އިންޑިއާއަކީ އެމެރިކާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރާނުން އެންމެ ގިނައިން ތެޔޮ ގަންނަ އެއް ގައުމެވެ. މިކަމާއި ގުޅޭގޮތުން ޓްރަމްޕު ހިތްހަމަނުޖެހިގެން އިންޑިއާއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދީފައެއް ނުވެ އެވެ. އަދި އެމެރިކާއިން އޭޝިއާގެ ބޮޑެތި އިގްތިސާދުތަކާ ދެކޮޅަށް ފަށާފައިވާ ވިޔަފާރީގެ ހަނގުރާމައިން ވެސް އިންޑިއާވަނީ އިސްތިސްނާ ކޮށްފަ އެވެ.

ފޮރިން ރިލޭޝަންގެ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޓްރަމްޕު އިންޑިއާ އެކު ގާތްގުޅުމެއް ބާއްވަނީ ޗައިނާ އަސްކަރީ އަދި އިގްތިސާދީ ގޮތުން ބަލިކުރާ "ޓޫލް" އަކަށް އިންޑިއާ ހެދުމުގެ ބޭނުމުގަ އެވެ. ސަބަބަކީ ޗައިނާ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާތާ އަހަރުތަކެއް ވެފައި ވާތީ އެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޖަޕާން އޮއްވާ އިންޑިއާއެކު ޓްރަމްޕު ގުޅުން ބަދަހިކުރީ އިންޑިއާއަކީ އަވަހަށް ރުޅި އަންނަ ގައުމަކަށް ވުމުންނެވެ. އެކަމުގެ ސަބަބުން އިންޑިއާ އެއްވެސް ވިސްނުމެއް ނެތި ކިތަންމެ ބާރުގަދަ ގައުމަކަށް ވެސް ހަމަލާ ދީފަނެ އެވެ. އެކަމުގެ ނާޖާއިޒް ފައިދާ ނަގަން އެމެރިކާ އޮންނަނީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.