ހަބަރު

ފެނުގެ ދުވަހު ހާއްސަ ދުވުމެއް ބާއްވަނީ

ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅުވައި ތިމާވެށި މިނިސްޓްރީން "ވޯޓާ ރަން" ގެ ނަމުގައި 5000 މީހުނަށް އަމާޒު ކޮށްގެން ހާއްސަ ދުވުމެއް ބާއްވަން ނިންމައިފި އެވެ.

ތިމާވެށި މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ "ވޯޓާ ރަން" ގެ ނަމުގައި ދުވުމެއް ބާއްވަނީ ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅުވައިގެން ކަމަށާއި އެ ދުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ރައީސްއިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު އަރުވާފައިވާނެ ކަމަށެވެ.

މި ދުވުން ބާއްވާނީ އަންނަ މަހުގެ 28 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ދުވުމުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކުން ފެށިގެން 12 އާ ހަމަޔަށް ކިޔަވާ ދަރިވަރުން ވެސް ބައިވެރިވާނެ އެވެ. އަދި މިއީ އާންމުންނަށްވެސް ބައިވެރިވެވޭނެ ދުވުމެކެވެ.

ދުނިޔޭގެ ފެނުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާޗްމަހުގެ 22 ވަނަ ދުވަހެވެ.