ހަބަރު

ފްލެޓު މައްސަލަތައް ބެލުން ލަސްވާތީ މެންބަރުންގެ ނުރުހުން މިނިސްޓަރަށް

ކުރީ ސަރުކާރުން ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫއުގެ ފްލެޓް ދޫކޮށްފައިވާ ގޮތުގެ މައްސަލަ ބެލުން ލަސްވަމުންދާތީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކުރާއި އެ މައްސަލަ ބަލާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް އެމްޑީޕީ މެންބަރުން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ ކުރީ ސަރުކާރުގައި ބޭނުން ބަޔަކަށް ފްލެޓްތައް ދޫކޮށްލި މައްސަލަ ހައުސިން މިނިސްޓަރު އާތިފާއަށާއި އެ ކަމަށް އެކުވާލި ފްލެޓް ކޮމިޓީއަށް ބެލެމުން ނުދާ ކަމަށެވެ.

ބޮންޑެ ވިދާޅުވީ، މިދިޔަ ސަރުކާރުން ހިންގި އެ އަމަލު ބަލަން މިނިސްޓަރު އާތިފާ މަސައްކަތް ކުރައްވާ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި އާތިފާއަކީ ކުރީގެ ސަރުކާރުގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ މީހުންނަށް ބޭނުން ގޮތަށް ޕޮއިންޓް ދިން އިރު އޭރު މިނިސްޓްރީގައި ހުންނެވި ބޭފުޅެއް ކަމަށް ބޮންޑެ ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީގެ މަސައްކަތައް ފާޑުވިދާޅުވަމުން ބޮންޑެ ވިދާޅުވީ އެ ކޮމިޓީ އަށް 2،000 މީހުންގެ މައުލޫމާތު ވެސް އެއްކުރެވިފައި ނުވާ ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމިޓީގެ މައުލޫމާތު ހޯއްދަވަން އެ މަސައްކަތެއް ކުރެއްވުމުން އެމަނިކުފާނަށް ވެސް މައުލޫމާތުތައް ދީފައި ނުވާ ކަމަށެވެ.

ބޯހިޔާވަހިކަމަކީ އާސާސީ ހައްގެއް ކަމަށާއި އެކަމަކު ރާއްޖޭގައި އެ ހައްގު ދެނީ މާކްސް ދީގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ ހާލަތާ މެދު ބޮންޑެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. މާކްސް ދީގެން ފްލެޓް ދޫކުރާއިރު ވެސް އެންމެ ހައްގު މީހުނަށް ފްލެޓް ނުދީ މިނިސްޓަރު ބޭނުންވާ ބަޔަކަށް ބަހާލިއިރު އެ ކަން ބަލަން ޖެހުމުން މިހާރުގެ މިނިސްޓަރަށް އެ ކަން ނުކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން ކީއްކުރާ ވަޒީރުންތަކެއްތޯ، ސަރުކާރަށާއި މި ފްލެޓް ކަންތައްތަކަށް އަހަރެއް، ކޮބައިތޯ ފްލެޓް ކޮމިޓީ، ކޮބައި ހެއްޔޭ މި ހައްގުވާ ރައްޔިތުން، އެއިން ކަމެއް ނުވެ ދެން މި ފޮނުވަނީ ކޮންޑޯ އިމާރާތް ބިލެއް، ރައްޔިތުން ހަމަ ހާލުގައި އުޅެނީ، މިއިން ވަޒީރަކު މި އުޅެނީ ދަތުރު ކުރަން ވެސް ދެ ކާރު ނަގައިގެން،" ބޮންޑެ ވިދާޅުވި އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ ވިޔަފާރި އުސޫލުން އެއް މެދު އިމާރާތް ދޫކުރުމުގައި އުސޫލުތަކެއް ކަނޑައަޅައި ބިލެއް މުހިއްމު ކަމަށާއި އެކަމަކު އެ ބިލަށްވުރެ ކުރިން އާންމު ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން މާ މުހިއްމު ކަމަށެވެ.

ބޯދިގު ވިދާޅުވީ މިދިޔަ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓްތަކުގެ މައްސަލަތައް ބެލުން ލަސްވަމުންދާ ކަމަށާއި އެ މަސައްކަތް ކުރާ ކަމަށް ވެސް އޭނާއަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. މިހާރު ވެސް ފްލެޓަށް ހޮވުނު އެތައް ބަޔަކު ގުޅާފައި އޭނާގެ ފްލެޓް ބަލަން ކޮމިޓީން ނާންނަ ކަމުގެ ވާހަކަ ބުނަމުންދާ ކަމަށް ބޯދިގު ވިދާޅުވި އެވެ.

"މިއަދު ވެސް އަޅުގަނޑަށް އެތައް ބަޔަކު ގުޅި، ތިމަންނަ އެބަ ހިމެނެއޭ ހޮވިފައި އޮތް ލިސްޓުގެ ތެރޭގައި، އެކަމަކު ތިމަންނަގެ ގެ ބަލާކަށް ވެސް ނާދެއޭ. ދެން މި އިވެނީ ރައީސް ޔާމީންގެ ސަރުކާރުގައި ތިބި މީހުނޭ ބަލަން އަންނަނީ ވެސް. މި ވާހަކަތައް ގަބޫލު ވެސް ކުރަން މި ޖެހެނީ. އަހަރުވެގެން ދާއިރު އާތިފާއަށް އެ އުޅެނީ އެ ކަން ނުކުރެވިގެން." ބޯދިގު ވިދާޅުވި އެވެ.

ހުޅުމާލޭން ވެސް މާލޭގެ ރައްޔިތުންނަށް ބިމެއް ލިބޭނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ކަމަށް ބޯދިގު ވިދާޅުވި އެވެ. އާންމުންނަށް ބޯހިޔާވަހިކަން ދިނުމުގެ ވިސްނުމުގައި އެޗްޑީސީގެ ވިސްނުން ވެސް މީގެ ކުރިން އޮތީ ރެއަލް އެސްޓޭޓް ވިޔަފާރިތަކަށް ފްލެޓް ލިބި ކުއްޔަށް އާންމުންނަށް ފްލެޓް ދޫކުރެވޭ ކަހަލަ ވިސްނުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން [އެޗްޑީސީ އިން] ބޭނުންވާ ގޮތަކަށް އެ ކަމެއް ކުރަންވީތޯ މާލޭގެ އެއްވެސް ރައްޔިތެއްގެ ބަހެއް އެ ކަމުގައި ނެތި. އެ ކަން ކުރަން މިފަދަ ބިލެއް ފާސްކޮށްފައި ވިޔަފާރިވެރިއަކާ އެއް މެދު އިމާރާތެއް ހަވާލުކޮށް އެއިން މީހަކު ވިޔަފާރި ކުރަން މީހުނަށް ދެން ދޫކުރަންވީ، ކުއްޔަށް އުޅެން، އެ ބޯހިޔާވަހިކަމަކަށް މި ވާން މި ޖެހެނީ،" ބޯދިގު ވިދާޅުވި އެވެ.