ހަބަރު

ގަވާއިދާ ހިލާފު މަސްވެރިކަން ހުއްޓުވަން ސޮއިކޮށްފި

ބެލެހެއްޓުމާއި ރިޕޯޓް ކުރުމެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވަން ބަނދަރުތަކުގައި އަޅާ ފިޔަވަޅުތަކާބެހޭ ގަވާއިދު ތަންފީޒު ކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ފިޝަރީޒާއި ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެއްބަސްވުމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމާއި ރިޕޯޓު ކުރުމެއް ވެސް ނެތި ކުރާ މަސްވެރިކަން ހުއްޓުވަން ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންތައްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒު ކުރަން ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއް ކަމަށެވެ.

މި ގަވާއިދުގެ ދަށުން، މަސް ގަތުމަށް ނުވަތަ މަސް ބަރު ކުރުމަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖޭގައި ބަނދަރު ކުރަން އަންނަ ބޭރުގެ މަސް އުޅަނދުފަހަރާއި، މަސް އުފުލާ ކުރިއަރު ނުވަތަ ރީފާ ވެސަލް ފަދަ އުޅަނދުފަހަރަށް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަގްވާމީ މިންގަނޑުތަކާއި ގަވާއިދުތަކުގެ ތެރެއިން ގެންދިއުމަށް މަގުފަހިވާނެ އެވެ.

މިގޮތުން އަޅާފިޔަވަޅުތަކުގެ ސަބަބުން، ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވޭނެ އެވެ.