މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލާފައި ވަނިކޮށް އަދިވެސް އެ ޖަމިއްޔާގެ ހަރަކާތްތައް ގާނޫނާ ހިލާފަށް ކުރިއަށް ގެންދާތީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިލްމުވެރިން މިއަދު ވަނީ އެ ކަންބޮޑުވުންތައް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ހިއްސާ ކުރައްވާފަ އެވެ. މި ބައްދަލްވުމާއި ގުޅޭ ގޮތުން އިލްމުވެރިއަކު ވިދާޅުވީ އެމްޑީއެން އުވާލާފައިވީ ނަމަވެސް އަދިވެސް އެ ޖަމިއްޔާ ހަރަކާތްތެރިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުުވުން މިނިސްޓަރާ ހިއްސާ ކުރެއްވި ކަމަށެވެ.
އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކޮށް ރިޕޯޓެއް ނެރެފައިވާ ޖަމިއްޔާއަކަށް ފިޔަވަޅު އެޅުމުން އެކަމަށް ބޯ ލެނބުމެއް ނެތި، ގާނޫނުތައް މުގުރަމުންދާތީ އެ ކަންބޮޑުވުން އިލްމުވެރިން ވަނީ ހިއްސާކޮށްފަ އެވެ.
"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލާގައި ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ހެދި އެސެސެމަންޓްގައި ޔޫތް މިނިސްޓްރީއަށް އަންގާފައި ވަނީ އެ ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ.
ފުލުހުން ޔޫތް މިނިސްޓްރީއަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ޖަމިއްޔާ އުވާލަން އެ މިނިސްޓްރީން ނިންމީ މިދިޔަ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހުގަ އެވެ. އަދި ޖަމިއްޔާއާ ބެހޭ ގާނޫނުގެ ދަށުން ޖަމިއްޔާއެއް އުވާލަން ނިންމުމުން އެ ޖަމިއްޔާއެއްގެ ދަރަންޏާ މުދަލާ ގުޅޭ ކަންކަން ނިންމަން ދޭން ޖެހޭ 45 ދުވަހުގެ މުއްދަތު އެމްޑީއެންއަށް އެ ދުވަހު ދިނެވެ.
އެ މުއްދަތު ހަމަވުމާ ގުޅިގެން ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ދިން 45 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް އެ ޖަމިއްޔާ އިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެމްޑީއެން އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރާ ކަމަށެވެ.
ނަމަވެސް އެ ޖަމިއްޔާއިން ވަނީ އެ ނިންމުން ގަބޫލުނުުކުރާ ކަމަށާ ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. އަދި އޭގެ ފަހުންވެސް އެ ޖަމިއްޔާއިން ގެންދަނީ ތަފާތު ކަންކަމާ ގުޅިގެން ބަޔާންތައް ނެރެމުންނެވެ.
އޭގެ ފަހުން ޖަމިއްޔާތަކުގެ ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. އެގޮތުން ރަޖިސްޓްރީ ނުކޮށްވެސް ޖަމިއްޔާ ހިންގޭނެ މަގު އެ ފަހި ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.