މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އެމްޑީއެންގެ އިސް މީހުން އައުމުން ތަހުގީގު ހިންގާނެ

Mar 11, 2021
3

ހައްދުފަހަނައަޅާފައިވާ ހަރުކަށި، އެމްޑީއެން އިން ނެރުނު ރިޕޯޓް އެކުލަވައިލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުވާން އަންގާފައިވާ އެ ޖަމިއްޔާއިން އިސް މީހުން ރާއްޖެ އައުމުން ތަހުގީގު ހިންގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އެމްޑީއެން ރިޕޯޓެއް ނެރުނު މައްސަލަ ދިވެހިންގެ ސަމާލު ކަމަށް އައީ އޮކްޓޫބަރު 3، 2019 ގައެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް ގެނައީ ދީނީ އިލްމުވެރިންނެވެ. އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ކުފުރު ވާހަކަތައް ލިޔެފައިވާ އެ ރިޕޯޓް އާންމުކުރީ ކުރީ ސަރުކާރުގައި އެ ރިޕޯޓް އާންމު ކުރަން ނުކެރި ތިބެ މި ސަރުކާރު އައުމުންނެވެ.

އެ މައްސަލަ ހޫނުވެ މައްސަލަ ތަހުގީގުކޮށް އެ ޖަމާއަތަށް ފިޔަވަޅު އަޅާ ލާދީނީ ރިޕޯޓް ލިޔުނު މީހުންނަށް ފިޔަވަޅު އަޅަން ދިވެހިން ގޮވާލުމުން އެ މައްސަލަ ތަހުގީގުކޮށް އެމްޑީއެން ވަނީ އުވާލާފައެވެ. ނަމަވެސް އެމްޑީއެން ބޮޑުކޮށް އެ ޖަމާއަތް ފުޅާކުރުމުގައި އިސްކޮށް އުޅުނު އެތަށް ބަޔަކު މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ކަމުގެ ތުހުމަތު އޮވެއެވެ. އަދި އެމްޑީއެން އުވާލި ނަމަވެސް ރިޕޯޓް ލިޔުނު މީހުންނަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސްޖެހޭ ކަމަށް ބައެއް މީހުން ދެކެއެވެ.

އެ ތުހުމަތުތަކަށް އިޝާރާތް ކުރައްވާ ރައީސް އިއްޔެ ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ޖަމާއަތަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށާ އެ ވިދާޅުވުމާ އެއްގޮތަށް ފިޔަވަޅު އަޅާ އެ ޖަމިއްޔާ އުވާލާފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާގެ މުއައްސިސުންގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށް ނިންމި ނަމަވެސް ތަހުގީގަށް ހުރަސް އެޅިފައި ވަނީ އެ މީހުން ރާއްޖޭގައި ނެތުމުން ކަމަށެވެ. އެ މީހުން ރާއްޖެ އައިހާ އަވަހަހަށް ތަހުގީގު ހިންގާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެމްޑީއެންގެ އިސް ފަރާތްތައް ރާއްޖެއަކު ނެތް. ތަހުގީގު ކުރިއަށް ނުގެންދެވިފައި އޮތީ އޭގެ ސަބަބުން. އެމީހުން ރާއްޖެ އައިހާ އަވަހަކަށް އެ ތަހުގީގު ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.

އެމްޑީއެން ރިޕޯޓުގެ ތަހުގީގަށް ފުލުހުން ވަނީ އެ ޖަމިއްޔާގެ މެންބަރުން ކަމަށްވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމްއަށް ނޯޓިސް ފޮނުވާފަ އެވެ. އެއީ 2019 ނޮވެންބަރުގަ އެވެ. ނަމަވެސް ހާޒިރުވުމަށް ޗިޓު ފޮނުވުމުން ޝަހިންދާ އާއި އަޒްރާ ވެސް ވަނީ ރާއްޖެ އައުމަށް އުޒުރުވެރިވާ ކަމަށް ބުނެފަ އެވެ. އެއީ ރާއްޖޭގައި އެ މީހުންނަށް ރައްކާތެރި މާހައުލެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. އެކަން ފުލުހުން ވެސް ޔަގީންކޮށްދިނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރަން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ބަޔަކާ ދޭތެރޭ ވަކި ގޮތަކަށް ކަންކަން ކުރަން ސަރުކާރަށް އެއްވެސް ބަޔަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. ސަރުކާރުން ކަންކަމުގައި ފިޔަވަޅު އަޅާނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ގާނޫނުގައި ލިޔެފައިވާ ގޮތުގެ މަތީން ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޑީއެންއާ އިދިކޮޅަށް ވެސް އަދި އިސްލާމްދީނަށް ފުރައްސާރަކުރާ ނޫނިއްޔާ އެހެން ބަޔަކު ފުރައްސާރަ ކުރިނަމަވެސް އަދި ހަރުކަށި ފިކުރުގެ މީހުންނާ ދޭތެރޭވެސް ވަކި ގޮތަކަށް ކަންކަން ކުރުމަށް މި ސަރުކާރަށް މަޖުބޫރެއް ނުކުރެވޭނެ. ސަރުކާރުން އަމަލު ކުރަމުން ގެންދާނީ އިސްލާމީ ޝަރީއަތުގައި ކަންކަން އޮތް ގޮތް އަސްލަކަށް ބަލައިގެން ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް. އެމްޑީއެންއާ ދޭތެރޭ ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި،"

އެމްޑީއެންއާ އިދިކޮޅަށް ވެސް އަދި އިސްލާމްދީނަށް ފުރައްސާރަކުރާ ނޫނިއްޔާ އެހެން ބަޔަކު ފުރައްސާރަ ކުރި ނަމަވެސް އަދި ހަރުކަށި ފިކުރުގެ މީހުންނާ ދޭތެރޭވެސް ވަކި ގޮތަކަށް ކަންކަން ކުރުމަށް މި ސަރުކާރަށް މަޖުބޫރެއް ނުކުރެވޭނެ. ސަރުކާރުން އަމަލު ކުރަމުން ގެންދާނީ އިސްލާމީ ޝަރީއަތުގައި ކަންކަން އޮތް ގޮތް އަސްލަކަށް ބަލައިގެން ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް. އެމްޑީއެންއާ ދޭތެރޭވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ދީނީ ތިން އިލްމުވެރިންނާއެކު ހެދި އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުން ވަނީ ނިންމައިފަ އެވެ.

އެމްޑީއެންގެ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ރިޕޯޓްގައި ދީނާއި ހިލާފު ވަރަށް ގިނަ ވާހަކަތައް ހިމަނާފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުމުގެ އިތުރުން ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރު ކޮށްފައިވެއެވެ. އަދި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގައިވާ ކަންކަމަށް ޝައްކު އުފައްދައި އެ ބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުމަށް މަސައްކަތް ކޮށްފައި ވެއެވެ.

ކީރިތި ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާ ކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ހަގީގަތެއް ނޫން ކަމަށް ބުނެ ދޮގު ބުހުތާނު ވާހަކަތައް ލިޔެފައި ވެއެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާއަށް ލޯބިވާން ޖެހޭނެ ކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމާއި އެކަލޭގެފާނަށް ފާޑު ކިޔުމީ ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމަށް ބުނެ، ޝައިތާނީ ވާހަކަތައް ލިޔެފައި ހުއްޓެވެ.

ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކަމަކަށް ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެސް ވެއެވެ. ހައްދުތަކާއި ގިސޯސްއާއި މަރުގެ ހުކުމާއި ދެކޮޅު ހަދައި އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކަ އާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެ ސަބަބުން ބިރުވެރިކަން އުފެދޭ ކަމަށް ބުނެވެސް ތަފާތު ވާހަކަތައް ލިޔެފައި އޮތެވެ.