ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓެއް ނެރުނު މައްސަލާގައި ޝާމިލްވާ މީހުންނަށް ފިޔަވަޅު އަޅާފައި ނުވާތީ ދީނީ އިލްމުވެރިން ގުޅިގެން އުފައްދާފައިވާ އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް އައީ އޮކްޓޫބަރު 3، 2019 ގައެވެ. އެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް ގެނެސް އެ ރިޕޯޓްގެ ނުރައްކާތެރިކަން ބުނެދިނުމުގައި އިލްމުވެރިން ބޮޑު ދައުރެއް އަދާކުރި އެވެ. އެމްޑީއެން އުވާލުމަށް ގޮވާލާ އަދި އެ ރިޕޯޓް ލިޔުނު މީހުންނަށް ފިޔަވަޅު އެޅުމަށް ބާރު އެޅުމުގެ ގޮތުން އިލްމުވެރިން ވަނީ ޖަމިއްޔާއެއްވެސް އުފައްދާފައެވެ. އިލްމުވެރިންގެ ގުޅުން އުފެއްދުމަށް ފަހު އެ ޖަމާއަތުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ރައްޔިތުން ނިކުމެ އަޑުއުފުލުމާއި ގުޅިގެން އެމްޑީއެން އުވާލީ ޑިސެންބަރު 19، 2019 ގައެވެ. ނަމަވެސް އެއް އަހަރުވީއިރުވެސް އެ ރިޕޯޓް ލިޔުނު މީހުންނަށް ފިޔަވަޅެއް ނޭޅެއެވެ. އެ މީހުން ފުލުހަށްވެސް ހާޒިރެއް ނުކުރެވުނެވެ. އެކަމަކު ހަރުކަށި ހައްދުފަހަނަ އަޅާފައިވާ އެ ޖަމާއަތް ބަރާބަރަށް ބަސް ކިޔައި ހަރަކާތްތެރިވެ ހަދަ އެވެ. އޭރުގެ އެ ނިންމުމާ އެކުއެކީގައިވެސް އެ ޖަމާއަތުގެ އިސްވެރިން އިތުރަށް ހަރަކާތްތެރިވެ ފުޅާ ކުރި އެވެ.
އެމްޑީއެން އުވާލިތާ އަހަރުވުމާއި ދިމާކޮށް މިރޭ މުސްލިމުންގެ ގުޅުމުން ވަނީ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ޝައިހް ނިމާލް މުހައްމަދު ވިދާޅުވީ އެމްޑީއެން އުވާލުމުން ނުފުދޭ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓްގައިވާ ވާހަކަތަކަކީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށާ އެފަދަ ނުބައި ޖަރީމާއެއް ހިންގި ބަޔަކު މިނިވަންކަމާއެކު އުޅުމަކީ އެފަދަ ޖަރީމާތައް ހިންގަން ބޭނުންވާ ބަޔަކަށް ލިބޭނެ ހިތްވަރެއް ކަމަށެވެ. ނިމާލް ވަނީ އަހަރު ދުވަސްވީއިރު އެ މައްސަލައަށް ފިޔަވަޅު އެޅިފައި ނެތުމުންް ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އެ ރިޕޯޓް ނެރުނު މީހުން މިނިވަންކަމާއެކު އެބަ އުޅޭ. އެ ޖަރީމާ ހިންގި މީހުން އެބަ އުޅޭ. އެހެންވީމަ އިލްމުވެރިންގެ ގުޅުމުގެ ހަގީގީ ގޮވާލުމަކީ އެ ޖަރީމާ ހިންގި މީހުން އަދުލްއިންސާފުގެ ކުރިމައްޗަށް ގެނައުން. އެހެން ނޫންނަމަ މިފަދަ ޖަރީމާތައް ހިންގުން މުޖުރިމުންނަށް އެ ދެވެނީ ވަރަށް ބޮޑު ހިތްވަރެއް،" ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ އެމްޑީއެން އުވާލުމަށް ނިންމި ނިންމުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށާ ނަމަވެސް އަހަރު ދުވަސްވީއިރު ބޮޑު ޖަރީމާއެއް ހިންގި މީހުން ދޫވެފައި ތިބުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެކުށް ކުރި މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އަދަބު ދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒާހިރުވެސް ވަނީ އަހަރު ދުވަސްވީއިރު ބޮޑު ޖަރީމާއެއް ހިންގި މީހުން ދޫވެފައި ތިބުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަލީ ޒާހިރު ވިދާޅުވީ އެމްޑީއެން ގާނޫނީ ގޮތުން އުވިފައިވީނަމަވެސް އެ ޖަމާއަތް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ގައުމީ ލެވެލްގައިވެސް އެ މީހުން ބައިވެރިވަމުންދާ ކަމަށެވެ.
"މިއީ އޮޓޮމެޓިކްކޮށް ނިކުމެފައި އޮތް ރިޕޯޓެއް ނޫން. މިއީ ބަޔަކު ރާވައިގެން ކޮށްފައި އޮތް ކަމެއް. އެހެންވީމަ މިކަން ކުރި ބަޔަކު އުޅޭނެ. އެކަމުގައި ބައިވެރިވި ބަޔަކު އުޅޭނެ. އެކަން އެހިސާބަށް ގެނައުމަށް މަސައްކަތްކުރި ބަޔަކުވެސް އުޅޭނެ. އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި މީހުންނަށް ފިޔަވަޅު ނޭޅި އޮތުން. އަދި މި ރިޕޯޓް ނެރުމުގައި އުޅުނު ބައެއް މީހުން ވަރަށް ހަރަކާތްތެރިކޮށް އުޅޭތަން މި ފެންނަނީ. އަދި ގައުމީ ލެވެލްގައި ކުރެވޭ ބައެއް މަޝްވަރާތަކުގައި އެ މީހުންނަށް ފުރުސަތު ލިބި ވާހަކަ ދައްކާތީ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ އެމްޑީއެންގެ މައްސަލާގައި އިލްމުވެރިން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ޖަމާއަތުން ކުރާނެ ކަމަށެވެ.
އައްޝައިހް މުހައްމަދު ނަޝީދު އާދަމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ދިވެހިންގެ އިސްލާމީ ޝަހުސިއްޔަތަށް ދިން ވަރުގަދަ ނުރައްކަލެކެވެ. އެއީ ދިވެހިންގެ ބަޔަކު ހިންގި ވަރަށް ބޮޑު ޖަރީމާއެއް ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.
"ކުށްވެރިންނަށް ދޭންޖެހޭ އަދަބެއްގެ އިތުރުން އަޅުގަނޑުމެންގެ ނަފްސްތައް އިސްލާހު ކުރެވޭނެ ފަދަ މުޖްތަމައެއް ބިނާ ކުރަން މަަސއްކަތް ކުރަން ޖެހޭ. ސެކިއުލާއަށްދާ މީހުންނަށް އެއީ ގޯހެއްކަން ބުނެދޭން ޖެހޭ. މުސްލިމެއްގެ ގޮތުގައި ހުރި މީހެއްގެ ސަބަބުން މުޖްތަމައުއަށް ބިރަކަށް ނުވާނެ،" އައްޝައިހް މުހައްމަދު ނަޝީދު އާދަމް ވިދާޅުވިއެވެ.