ދުނިޔެ

އޭލިއަނުންގެ ވާހަކަ އެންމެފަހުން ހަގީގަތަކަށް ވަނީތަ؟

Sep 6, 2015
1

މި ދުނިޔެ ފިޔަވައި އެހެން ޕްލެނެޓެއްގައި ދިރުމެއް ވޭތޯ ބެލުމަށް ނުވަތަ އޭލިއަން ލައިފްގެ ވާހަކަ ހަގީގަތަކަށް ހެދުމަށް ނުޖޫމީއިލްމުވެރިން ތަރިތަކާއި ޕްލެނެޓްތަކުގައި އަތްފުނާއަޅަމުން ގެންދާތާ މިހާރު އެތައް ގަރުނެއް ފާއިތުވެގެން ދިޔައީ އެވެ. އަދިވެސް އިންސާނުން ފިޔަވައި އެހެން ބައެއްގެ ހިލަމެއް ނުވަތަ މި ދުނިޔެ ނޫން އެހެން ޕްލެނެޓެއްގައި ދިރުމެއް ވާ ކަމުގެ ހިލަމެއް ނުވެ އެވެ.

އެހެންވީމަ މިއޮތްހާ ދުވަހު އޭލިއަނުންގެ ވާހަކަ އޮތީ ހަމައެކަނި ސައިންސް ފިކްޝަންގެ ހަގީގަތެއްގެ ގޮތުގަ އެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދުނިޔެ ފިޔަވައި އެހެން ތަނެއްގައި ދިރުމެއްވާކަން ކަށަވަރުކުރުމުގެ ހޯދުންތަކުގައި ސައިންސްވެރިންނާއި ނުޖޫމީއިލްމުވެރިން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ޖެހެމުންދާކަމެވެ. އަދި އޭލިއަން ލައިފް ހޯދުމުގައި މިވެރިން ކުރިއަށް ވުރެ މިހާރު ސީރިއަސްވެފައިވާ ކަމެވެ.

ފަހުގެ އެސްޓްރޯނޮމިކަލް ހޯދުންތައް މި ވަނީ ނިކަން ބޮޑަށް އިތުރުވެފަ އެވެ. މީގެ ޖީލެއް ކުރިއަށް ޖެހިލާއިރު، ތަރިތައް ވަށައިގެން ޕްލެނެޓްތައް ދައުރުވަމުންދާކަން ވެސް އިންސާނުންނަކަށް ނޭނގެ އެވެ. އެކަމުގެ ހެއްކެއް ވެސް ހޯދިފައެއް ނެތެވެ. 

ނަމަވެސް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ސައިންސްވެރިން އެމީހުންގެ ހޯދުންތައް މެކުހަށް ޖަހާފައިވާއިރު ދިރުން ހުރި އެހެން ޕްލެނެޓެއް ހޯދުމުގެ މަސައްކަތް ކާމިޔާބުކޮށްފާނެހެން ހީވާ މިންވަރަށް މި ހޯދުންތައް ވަނީ ކުރިއަށް ޖައްސައިފަ އެވެ. ފަހުގެ ހޯދުންތަކަށް ބަލާއިރު މި ދުނިޔެއާ ނިކަން އެއްގޮތް ސިފަތަކެއް ލިބިފައިވާ ނުވަތަ އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ ފަދަ މާހައުލުތަކެއް އުފެދިފައިވާ ދުރު ޕްލެނެޓްތަކެއް އެ ވަނީ ހޯދައިފަ އެވެ.

މީގެ އިތުރުން އަހަރެމެންގެ ސޯލާސިސްޓަމުގެ ތެރެއިން ވެސް އެ ވަނީ ދިރުމަށް އެކަށީގެންވާ ފަދަ ސިފަތަކެއް ލިބިފައިވާ ހަނދުތަކެއް ވެސް މިފަހުން ހޯދައިފަ އެވެ.

މިފަދަ ފަހުގެ ހޯދުންތަކުގެ ސަބަބުން ނުޖޫމީއިލްމުވެރިންނަށް ވަނީ ބޮޑު ހިތްވަރެއް ލިބިފަ އެވެ. އޭލިއަނުން ހޯދުމަށް ކުރިން ކުރި މަސައްކަތް ދެ ގުނަ އަށް އިތުރުކުރަން ނިންމާފައި ވަނީ މި ސަބަބާ ހެދި އެވެ.

އޭލިއަނުންގެ ޚަބަރެއްވެދާނެ ކަމަށް ލަފާކޮށް މީގެ ކުރިން ސައިންސްވެރިން ތިބީ ރޭޑިއޯ ސިގްނަލެއްގެ އިންތިޒާރުގަ އެވެ.

ނަމަވެސް މިހާރު އެމީހުން މަސައްކަތްކުރަމުން ދަނީ ދުރުގައިވާ ޕްލެނެޓްތަކަށް އެމީހުންގެ ޒަމާނީ އާލާތްތައް ފޮނުވައިގެން އޭލިއަންގެ ދިރުން ހޯދައި ބެލުމަށެވެ.

ސައިންސްވެރިން ބުނަނީ ތަރައްގީކުރަމުން އަންނަ ފަހުގެ ޓެލެސްކޯޕްތައް ކުރިއަށް އޮތް ފަސް ވަރަކަށް ނުވަތަ ދިހަ ވަރަކަށް އަހަރު ތެރޭގައި މަސައްކަތަށް ނުކުންނައިރު ޔުނިވާސްގައިވާ ހަމައެކަނި ދިރުމަކީ އިންސާނުން ނޫންކަން ދެނެގަނެވިދާނެ ކަމަށެވެ.