ހަބަރު

ތިމާވެށީގެ ސްޓްރެޓެޖިކް ފްރޭމްވޯކެއް އިފްތިތާހު ކޮށްފި

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ އެހީ ހޯދަން ރާއްޖެއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައަޅައި ތައްޔާރު ކުރި ގައުމީ ސްޓްރެޓެޖިކްް ފްރޭމްވޯކް އިފްތިތާހު ކޮށްފި އެވެ.

ގައުމީ މި ފްރޭމް ވޯކް އިފްތިތާހު ކޮށްދެއްވީ ހޮޓެލް ޖެންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ ސްޓްރެޓެޖީކް ފްރޭމް ވޯކަކީ ތިމާވެއްޓާބެހޭ ކަންކަމަށް ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ނުރައްކާތަކަށް އެހީތެރިތެރިކަން ހޯދަން އެކުލަވައިލި އޮނިގަނޑެއް ކަމަށެވެ.

އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ލިބޭ ގެއްލުން ކުޑަ ކުރުމަށް މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި މި ފްރޭމް ވޯކްގައި ޖީސީއެފްއަށް ރާއްޖެއިން ތައްޔާރުކުރާ ޕައިޕްލައިންގެ ގޮތުގައި 438 މިލިއަން ޑޮލަރު ހޯދަން 31 ޕްރޮޖެކްޓެއް ހިމަނާފައި ވެއެވެ. ޕައިޕްލައިން އެކުލަވައިލީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ރަށު ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ވިޔަފާރިތަކުގެ ހިޔާލާއި މަޝްވަރާ ހޯދައިގެނެވެ.