ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިއާދަ ހަކަތައަށް 107 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް

Dec 12, 2020
1

ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްގީއަށް މަގުފަހިކުރުމަށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން، ވާލްޑް ބޭންކުން 107.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.

އިއާދަކުރަނިވި ހަކަތައަށް އަމިއްލަ އިންވެސްޓުމަންްޓުތަކަށް ފުރުސަތު ފަހިކޮށްދޭ ގޮތަށް ވާލްޑް ބޭންކުން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމުގެ އިތުރުން، އެކްސެލެރޭޓިން ރެނިއުއަބަލް އެނާޖީ އިންޓިގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓަށް 107.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓާސްގެ ބޯޑުން އިއްޔެ ވަނީ ނިންމައިފަ އެވެ.

މި ދެ ޕްރޮޖެކްޓަކީ ވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތައް ކުޑަކުރުމަށް އެހީވެދޭނެ ޕްރޮޖެކްޓުތަކެއް ކަމަށް ވާލްޑް ބޭންކުން ބުނެ އެވެ.

މި މަޝްރޫއުއާ ގުޅޭގޮތުން، ވާލްޑް ބޭންކުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ކަންޓްރީ ޑިރެކްޓަރު ފެރިސް ހަދާދް ޖަވާސް ވިދާޅުވީ، ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން ދެމެހެއްޓެނެވި ގޮތަކަށް އަރައިގަތުމަށް، ވާލްޑް ބޭންކުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

"އެޕަޔާ [މިހާރު ހިންގާ މަޝްރޫއު]ގެ އަމާޒަކީ އިއާދަކުރަނިވި ހަކަތާގައި އަމިއްލަ ފަރާތްތަކުން އިންވެސްޓުކުރާ މިންވަރު އިތުރުކުރުން ނަމަވެސް، އެރައިސް އިން މި މަސައްކަތް އިތުރު ހަރުފަތަށް ގެންގޮސް، ހިރާސްތައް ކުޑަކުރެވޭ ގޮތްތަކަށް އިސްކަންދީގެން، އަވިން ހަކަތަ އުފެއްދުމުގެ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން، އެ ހަކަތަ ރައްކާކުރުމާއި، ގްރިޑުތައް އަޕްގްރޭޑް ކުރުމަށް އަމާޒުކުރެވޭނެ،" ޖަވާސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން، އަވިން ހަކަތަ އުފެއްދުމުގެ ގާބިލުކަން މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ފުޅާކޮށް، އަވިން އުފައްދާ ހަކަތައަށް މިހާރު ހުރި ކަރަންޓުގެ ސިސްޓަމްތަކުގެ ކެޕޭސިޓީ އިތުރުކުރެވޭނެކަމަށް ވާލްޑް ބޭންކުން ބުންޏެވެ.

އަދި އަންނަ އަހަރު، އިއާދަކުރިނިވި ހަކަތައިން އުފައްދާ ކަރަންޓު 51 މެގާވޮޓަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، ވާލްޑް ބޭންކުގައި އެހީގައި ހިންގާ ދެ މަޝްރޫއުއިން ޖުމްލަ 42.5 މެގާވޮޓުގެ ކަރަންޓު އުފެއްދޭނެކަމަށް ވަނީ ލަފާކޮށްފައި އެވެ.

އިތުރަށް ބުނީ، މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން، ޔުޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

އަދި މި މަޝްރޫއުގެ ދަށުން ވަޔާއި، ހައިޑްރޮޖަނާއި އީވީ ޗާޖިން ސްޓޭޝަންތައް ފަދަ އިއާދަކުރަނިވި ހަކަތަ އުފެއްދޭ ޒަމާނީ ވަސީލަތްތަކަށް ހުރި ފުރުސަތުތައް ވެސް ދެނެގަނެވޭނެ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވާލްޑް ބޭންކާއި، އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން، ސްޓެލްކޯ އަދި ފެނަކައިގެ ބައިވެރިވުމާއެކީގައި ކަމަށް ވެސް ބުންޏެވެ.