ކޮންމެ ދުވަހަކު އެތަައް ބަޔަކު އުފާކޮށްލަން ޕާކްތަކަށް ދެއެވެ. ނަމަވެސް ރާއްޖޭގެ ޕާކުތައް "މަތިމަތިން ސާފުކޮށްލުން" ނޫން ކަމެއް މިހާތަނަށް ނުކުރެ އެވެ. މިފަދަ ތަންތަނުގައި އުފެދޭ ޖަރާސީމު ނައްތާލުމަށް "ޑިސްއިންފެކްޓް" ކުރުން ފަދަ ކަންކަން ކުރަނީ ވެސް ވަރަށް މަދުންނެވެ. ރާއްޖޭގެ ކްލިކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޕާކުތައް ޑިސްއިންފެކްޓްކޮށް، ސާފު ކުރުމުގެ ޕްރޮގްރާމެއް މިހާރު ވަނީ މިފަށާފަ އެވެ.
ކްލިކް ކޮލެޖުން މި ހަރަކާތް ކުރިއަށް ގެންދަނީ އެ ކޮލެޖުގެ ސްޓޫޑެންޑް އެސޯސިއޭޝަން (އެސްއޭސީސީ) ގެ އިސް ނެގުމާއެކު އެވެ. އަދި އެއީ އެ ކޮލެޖުގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. މި ހަރަކާތް ކޮންމެ ހަފުތާ ބަންދެއްގައި ކުރި އަށް ދާނެ އެވެ.
ކްލިކް ކޮލެޖުން ބުނީ މި ހަރަކާތް ހިންގަން ނިންމީ، މިހާރު ރާއްޖޭގައި ހަލުއި ކަމާއެކު ހުމުގެ ރޯގާ އާއި ގައިން ގަޔަށް އަރާ ތަފާތު ރޯގާތައް އިތުރުވަމުން ދާތީ ޕާކު ތަކަކީ ބޭނުން ކުރަން އެކަށީގެންވާ ސާފު ތާހިރު ތަންތަނުގެ ގޮތުގައި ހަދަން ވެގެން ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އެއް ބޭނުމަކީ ޑަކުދިން އިންފެކްޝަނާއި ވީހާ ވެސް ބޮޑަށް ދުރުކޮށް އެ ކުދިން ހިތްހަމަ ޖައްސާލައި ކުޅެލަންދާ ތަންތަނުގެ މާހައުލަކީ އެ ކުދިންނަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ހެދުމެވެ.
އެސްއޭސީސީގެ ރައީސް އަލީ ޝައިރަފް ވިދާޅުވީ މުސްތަގުބަލުގެ ޒުވާން ޖީލަށް ރަނގަޅު ވެއްޓެއް ގާއިމް ކުރުމުގައި ފަރުދީ ޒިންމާ ބޮޑު ކަމަށެވެ. އަދި މި ޕްރޮގްރާމަށް ކްލިކް ކޮލެޖުގެ ދަރިވަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އެކަމަށްޓަކާ ހުރިހާ ދަރިވަރުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. މި ހަރާކަތުގައި ކްލިކް ކޮލެޖްގެ 30 ދަރިވަރަކު ވަނީ ހިލޭ ސާބަހަށް މަސައްކަތް ކޮށްފައިވެ އެވެ. އަދި މި ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ އެއްވެސް ވަރަކަށް ޕްލާސްޓިކް ބޭނުން ނުކޮށެވެ. އެގޮތުންވެސް ކްލިކް ކޮލެޖުން މިވަނީ މިސާލު ދައްކާފަ އެވެ.