މިނިމަމް ވޭޖް

މިނިމަމް ވޭޖްގެ ދިރާސާއަށް އެޑްވައިޒަރީ ބޯޑުގެ މެންބަރުން ކޮމިޓީއަށް ގެންނަނީ

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުުން އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާފައިވާ ވޭޖް އެޑްވައިޒަރީ ބޯޑުން އެކުލަވާލި ރިޕޯޓް ދިރާސާ ކުރުމުގެ ގޮތުން އެ ބޯޑުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ގެނެސް މަޝްވަރާ ކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ލަފައަކަށް އެދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މިނިމަމް ވޭޖްގެ ރިޕޯޓް މަޖިލީހަށް ފޮނުވާފަ އެވެ. އެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ކުރަމުންދާއިރު މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމަން އެ ކޮމިޓީން ވަނީ އިއްޔެ ފާސްކޮށްފަ އެވެ.

އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވީ ރިޕޯޓާ ގުޅޭ ގޮތުން މެންބަރުންގެ ތެރޭގައި އުފެދޭ ސުވާލުތައް ސާފު ކުރުމުގެ ގޮތުން ރިޕޯޓް އެކުލަވާލި ބޯޑާ ބައްދަލު ކުރުމަށެވެ. އިތުރު ބަޔަކާ އެކު ބައްދަލުކުރަން ޖެހޭނަމަ ގޮތެއް ނިންމާނީ އެ ބައްދަލުވުމަށް ފަހު ކަމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރާއިރު ސިނާއަތްތައް ތަމްސީލު ކުރާ ޖަމިއްޔާތަކާއި ހުރިހާ ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރުން މުހިއްމު ކަމަށެވެ. އެހެންކަމުން ހުރިހާ ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.

ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލްގެ ހުށަހެޅުއްވުމެވެ. އެއީ ވީހާވެސް އަވަހަކަށް އެޑްވައިޒަރީ ބޯޑުގެ މެންބަރުންނާ މަޝްވަރާ ކުރުމަށެވެ. އެ ގޮތުން މާދަމާ ރޭ މަޖިލީހުގައި ބާއްވާ އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގެ ކުރިން ބޯޑު މެންބަރުންނާ ބައްދަލު ކުރަން ކޮމިޓީގެ މެންބަރުން ބޭނުންވެ އެވެ.

ކޮމިޓީގެ މުގައްރިރު، އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ކޮމިޓީއަށް އެ ބޯޑުގެ މެންބަރުންނަށް އާދެވޭނެ ވަގުތެއް ސާފު ކުރުމަށް ފަހު އެ ކަމެއް މެންބަރުންނަށް އަންގާނެ ކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައެޅެން ބޭނުންވާ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ކޮމިޓީގައި ބިގޭ ވިދާޅުވީ މިނިސްޓްރީން ވެސް ބޭނުން ވާނީ ވީހާވެސް އަވަހަށް މި ކަމުގައި ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ޝިޔާމް ވަނީ އަދަދެއް ވެސް ހުށަހަޅުއްވާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި މިނިމަމް ވޭޖެއްގެ ގޮތުގައި 10،000 ރުފިޔާ ކަނޑައަޅަން އެބަ އޮތް ކަަމަށާއި ކޮމިޓީން އެ އަދަދު ފާސް ކުރަން ހުށަހަޅުއްވާ ކަމަށެވެ.

ޝިޔާމް އެހެން ވިދާޅުވިޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހުށަހެޅި "އެޖެންޑާ 19" މެނިފެސްޓޯގައި ބުނެފައި ވަނީ އެކިއެކި ސިނާއަތްތަކަށް ވަކި މިނިމަމް ވޭޖްއެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެ ގޮތަށް މަހަކު 10،000 ރުފިޔާގެ މުސާރައެއްގެ ވާހަކަ އޮތީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަންޏެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ކަން ފާހަގަ ކުރެއްވި އެވެ. ދުވާފަރު ދާއިރާގެ މެންބަަރު އިސްމާއީލް އަހްމަދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ މިނިމަމް ވޭޖް ކަނޑައަޅާނީ އެ މުވައްޒަފަކު މަސައްކަތް ކުރާ ސިނާއަތެއްގައި ދެމުންދާ އުޖޫރައަކަށް ރިއާޔަތްކޮށްފައި ކަމަށެވެ. ހުރިހާ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް 10،000 ރުފިޔާ ނުވަތަ އެއް އަދަދެއް ކަނޑައަޅަން ވެސް އޭގައި ނޯންނާނެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރަމުންދާއިރު އަދި އޮތީ އެ ކަމާ ގުޅޭ މައުލޫމާތު އެއް ކުރުމުގެ މަރުހަލާއެއްގައި ކަމަށް ވުމުން މި ވަގުތުން ވަގުތަށް މިނިމަމް ވޭޖްގެ އަދަދެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ޝިޔާމްގެ ހުށަހެޅުއްވުމަށް މިއަދުގެ ބައްދަލުވުމުގައި ވޯޓަކަށް ނާހަ އެވެ. ކޮމިޓީގެ މުގައްރިރު ބިގޭ ވިދާޅުވީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ކޮމިޓީގެ ގިނަ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ ސީދާ އަދަދެއް ކަނޑައަޅައި ފާސްކުރަން ވޯޓަށް އެހެން ނެތް ކަމަށެވެ.