ނިއުރޭޑިއަންޓް

ނިއު ރޭޑިއަންޓްގެ ޗެއާމަނަކަށް މޮސްޓާ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަނަކަށް، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު އަދި އެ ކުލަބުގެ އިސް ސަޕޯޓަރެއް ކަމަށްވާ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އައްޔަން ކޮށްފި އެވެ.

ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ ވަހީދުގެ ދުވަސް ވަރު، މޮސްޓާ ވަނީ ކުލަބުގެ ސަޕޯޓަރުންގެ މެދުގައި ފޯރި އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް އިސް ސަފުގައި ހުރެގެން ހިންގާފަ އެވެ. ކުލަބުގެ ޗެއާމަނެއްގެ ހައިސިއްޔަތުން މޮސްޓާއަށް ކުރިމަތި ވާނީ، ނިއު ރޭޑިއަންޓްގެ ޗެއާމަނަކަށް މީގެ ކުރިން ކުރިމަތި ނުވާވަރުގެ ބޮޑު ޗެލެންޖެކެވެ.

އެފްއޭއެމްގެ ސަސްޕެންޝަނާއި ފީފާގެ ޓްރާންސްފާ ބޭންގެ އަދަބު، ނިއު ރެޑިއަންޓަށް އޮތީ ކުރިމަތިވެފަ އެވެ. އެ އަދަބުން އެންމެ ކުޑަމިނުން އެކުލަބަށް ސަލާމަތް ވެވޭނީ ފީފާއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ. ނިއު ރޭޑިއަންޓަށް ކުރިން ކޯޗް ކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް އަށް ދޭން ޖެހޭ ފައިސާ އާއި 2018 ވަނަ އަހަރު އެ ކުލަބަށް ކުޅުނު އަފްގާނީސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީއަށް ދޭން ޖެހޭ ފައިސާގެ އަދަދުވެސް އުޅެނީ 600،000 ރުފިޔާއަށްވުރެ މަތީގަ އެވެ.

މުސާރައިގެ ގޮތުގައި ޓަވަރޭޒްއަށް ދޭން ޖެހޭނީ 4000 އެމެރިކާ ޑޮލަރެވެ. އަދި ނިއު އިން އޭނާ އާއެކު ހާދަފައިވާ އެއްބަސްވުން ގަވައިދާ ހިލާފަށް ބާތިލު ކޮށްފައި ވުމުން ބަދަލެއްގެ ގޮތުގައި އިތުރު 20،000 ޑޮލަރު ދެއްކުމަށް ވެސް ފީފާއިން ވަނީ އަންގާފަ އެވެ. އަދި ފީފާއަށް ސްވިސް ފްރޭންކން ދައްކަން ޖެހޭ 8000 ފްރޭންކާއި ޖޫރިމަނާގެ ގޮތުގައި އިތުރު 5000 ފްރޭންކު ދެއްކުމަށްވެސް ފީފާއިން ވަނީ ނިއު އަށް އަންގާފަ އެވެ.

އަމީރީ ހުށަހެޅި މައްސަލަ ބެލުމަށް ފަހު ފީފާއިން ވަނީ އޭނާ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ، 13،250 ޑޮލަރާއި ގަވާއިދާ ހިލާފަށް އެއްބަސްވުން އުވާލުމުން، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އިތުރު 30،130 ޑޮލަރު ދިނުމަށް އަންގާފަ އެވެ.

މިދިޔަ އަހަރު ޖަނަވަރީ މަހު، އެފްއޭއެމުން ނިއު ސަސްޕެންޑް ކުރީ، އެ ޓީމަށް ކުޅުނު ލޯކަލް 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް އެފްއޭއެމުން އޭރު ބޫނެފައި ވެއެވެ. އެހެންނަމަވެސް، ޕްލޭއާ ސްޓޭޓަސް ކޮމިޓީން ނިއު އަށް ފޮނުވާފައިވާ ސިޓީ ތަކުގައި ހާމަކޮށްފައިވާ ގޮތުން، މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭނީ 2.4 މިލިއަން ރުފިޔާކަން ހިސާބުތަކުން އެނގެ އެވެ.

މޮސްޓާ، ނިއު އާ ހަވާލުވިއިރު، މި ސީޒަންގައި ލީގްގައި ވާދަ ކުރުމުގެ ފުރުސަތު ނިއު އަށް ނުލިބުމުން އަންނަ ސީޒަންގައި އެ ޓީމު ވާދަ ކުރާނީ ދެ ވަނަ ޑިވިޝަންގަ އެވެ. އެހެންވެ އެ ޓީމު ދެ ވަނަ ޑިވިޝަނުން ނެގުމުގައިވެސް މޮސްޓާ ނަގަން ޖެހޭ ޗެލެންޖު ބޮޑެވެ.

މޮސްޓާގެ އެކްސްކޯގެ ވައިސް ޗެއާމަނަކީ، ކުރިންވެސް ނިއުގެ ވައިސް ޗެއާމަންގެ މަގާމުގައި ހުރި، އެ ޓީމުގެ ކުރީގެ ގޯލްކީޕަރު ސައްޔިދު އަލީ އެވެ. ދެ ވަނަ ވައިސް ޗެއާމަނަކީ ޒަހީނުއްދީން ސައީދު އެވެ. ބޯޑު މެންބަރުންނަކީ، ކުރިންވެސް ނިއުގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު ޝިޔާމް، އަދި ހުސައިން ޝާމް އާދަމް، ހަސަން ހުސައިން، އަބްދުލް މުއިއްޒު މުސްތޮފާ، އަހްމަދު ވާސިފް އާއި އިސްމާއީލް ރަޝީދެވެ.

ނިއު ރޭޑިއަންޓް އަލުން ކޮޅަށް ނެގުމަށް ފަސް މިލިއަން ރުފިޔާ ހޯދުމަށް އެ ކުލަބުން ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީއަށް އެދިފަ އެވެ.