ވ. ތިނަދޫއިން ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީނު ކުރި އިޓަލީގެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ނެގަޓިވް ކަމަށް ދައްކައިފި އެވެ.
އޭނާ ކަރަންޓީނުކޮށް ޓެސްޓްތައް ހެދީ ވައިރަހުގެ އަލާމާތްތައް އޭނާގެ ގައިން ފެނުމުންނެވެ. ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އެ ނެގަޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއިން ދާދިދެންމެއަކު ވަނީ ބުނެފަ އެވެ.
ރާއްޖޭގައި މިހާރު ކޮރޯނާ ވައިރަހަށް ޓެސްޓް ކުރެވެ އެވެ. ޓެސްޓްތައް ނެގަޓިވްކޮށް އައި ނަމަވެސް އޭނާގެ ގައިން އަދިވެސް އަލާމާތްތައް ފެންނާތީ 24 ގަޑިއިރު ފަހުން އަދިވެސް ޓެސްޓް ކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއިން ބުންޏެވެ. އޭނާ އަދިވެސް ހުރީ ކަރަންޓީނުގަ އެވެ.
އެމީހާ ކަރަންޓީނު ކުރުމުގެ އިތުރުން މުޅި ތިނަދޫ ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އެ ރަށަށް އަރައި ފޭބުން މަނާކޮށްފައިވަނީ ޓޫރިސްޓްގެ ނަތީޖާތައް ލިބެންދެނެވެ. އެހެންވެ، ތިނަދޫއަށް މިހާރު އަރާ ފޭބުން ވަނީ ހުޅުވާލާފަ އެވެ.
ތިނަދޫގެ އިތުރުން ކުރެއްދޫ ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓް ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި އެ ދެ ރިސޯޓްގެ ވެސް ޑޮކްޓަރުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އޭގެ އިތުރުން ސަމާ އައިލެންޑްގައި ތިބި ދެ ފްރާންސްގެ ޓޫރިސްޓަކު ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.