އަމީނިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވި ދުވަސްވަރު އޭނާ އެންމެ ޝައުގުވެރިވި އެއް ކަމަކީ މިއުޒިކެވެ. އެކަމަކު ދިރިއުޅުމުގެ ގޮތްފޮތާއި ހުނަރުގެ ބޮޑު ބައެއް އޭނާއަށް ދަސްވެގެން ދިޔައީ ސްކޫލް ކެޑޭޓުގެ ތެރެއިންނެވެ. ސްކޫލްގައި އެއީ ކިޔަވަން މޮޅު ދަރިވަރެކެވެ. އިތުރު ހަރަކާތްތަކުގައި އެހެން ކުދިންނާއެކު މަސައްކަތް ކުރި ލީޑަރެކެވެ. މަދުރަސީ ދައުރު ނިންމުމަށްފަހު މަތީ ތައުލީމް ހާސިލް ކުރެއްވީ އިނގިރޭސިވިލާތާއި މެލޭޝިޔާގަ އެވެ. އެ އަށްފަހު ރާއްޖެ ވަޑައިގެން ގައުމަށް ހިދުމަތް ކުރަން ފެއްޓެވި އެވެ. މިހާރު އޭނާ ހުންނެވީ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގަ އެވެ. ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމަކީ އެހެން މީހުނަށް ހުރި މިސާލެކެވެ.
"ކުރީގައި އޮންނަ ގޮތުން ސްކޫލް ސިސްޓަމްގައި އެހާ ފަސޭހައެއް ނޫން ޗޮއިސް އެއް ނަގާކަށް. އެކަމަކު އަޅުގަނޑުގެ ޕޭރެންޓްސް ހާއްސަކޮށް މަންމަ އަޅުގަނޑު ކުރަން ބޭނުންވާ، ކަމެއް ކުރަން އަބަދުވެސް އެންކަރޭޖް ކުރައް ވާނެ. ސްކޫލް ނިންމާފަ ފުރަތަމަ ވިސްނުމަށް އައި އިންޖިނިއަރިންގެ ދާއިރާ އިން ނޫނީ ސިޔާސީ ދާއިރާއިން ކުރިއަށް ދާން. އެކަމަކު ފަހުން ވިސްނުނީ ވިޔަފާރީގެ ދާއިރާ އަކުންނޭ ކުރިއަށް ދާނީ،" މިހާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް ވިދާޅުވި އެވެ.
ވިސާމް މަތީ ތައުލީމް ހާސިލް ކުރެއްވީ މާކެޓިން މެނޭޖުމަންޓާއި ބިޒްނަސްގެ ދާއިރާ އަދި އިންޓަނޭޝަނަލް ޓްރޭޑް އެންޑް ފައިނޭންސުގެ ދާއިރާ އިންނެވެ.
ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވި އިރު މާކެޓިން މެނޭޖުމަންޓުގެ ދާއިރާގެ މީހުން ރާއްޖޭގައި ވަރަށް މަދެވެ. ހާއްސަކޮށް އެ ދާއިރާގައި މަސައްކަތް ކުރާނެ އަންހެނަކު ވަރަށް ނެތެވެ. އޭގެ ނަތީޖާއަކަށްވީ ވިސާމަށް އެ ދާއިރާ އިން ކުރިއަށްދާން ރާއްޖޭން ގިނަ ފުރުސަތު ތަކެއް ވެސް ލިބިގެން ދިއުމެވެ.
ވިސާމް އެންމެ ގިނަ ހިދުމަތް ތަކެއް ކުރެއްވީ ރާއްޖޭގެ ހިއްސާގެ ބާޒާރު ބަހަލައްޓާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގަ އެވެ. އެ ދުވަސް ވަރަކީ ރާއްޖޭގެ ހިއްސާގެ ބާޒާރު ބެލެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރަން އުފެއްދި ސީއެމްޑީއޭ އުފެދިގެން ވެސް އައި ދުވަސް ވަރެވެ. އެހެންވެ އެތަން ކުރި އެރުވުމުގައި މުހިންމު މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ. ސީއެމްޑީއޭގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އޭނާ ފުރުއްވާފައި ވެއެވެ.
"ސީއެމްޑީއޭ އަކީ ވަރަށް ތަފާތު މަސައްކަތެއް ކުރާ ތަނެއް. ކިޔެވިއިރު ފެނުނު އެހެން ގައުމުތަކުގެ ސްޓޮކް މާކެޓްތައް. ސޭވިންސް އެންޑް އިންވެސްޓްމަންޓްގެ ދާއިރާ. އެހެންވެ ހިތަށް އެރީ އެއީ ރަނގަޅު ދާއިރާއެކޭ ކެރިއާ އެއް ޑިވެލޮޕް ކޮށްލަން،" ސީއެމްޑީއޭ ގުޅިވަޑައި ގަންނަން ޖެހުނު ގޮތް ވިސާމް ވިދާޅުވެދެއްވި އެވެ.
ސީއެމްޑީއޭގެ އިތުރުން ޕެންޝަން އޮފީސް އުފެދިގެން އައި ދުވަސްވަރު އެ ތަނުގެ ބޯޑުގައި ވެސް ވިސާމް ހިމެނިވަޑައިތެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވިސާމް ހުންނެވީ ރާއްޖޭގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގަ އެވެ. މިހާރު ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ސިޔާސަތުތައް އެކުލަވައިލެއްވުމުގައި ވެސް މުހިންމު ދައުރެއް އޭނާ އަދާ ކުރައްވަ އެވެ.
މި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބވަޑައިގަތުމުން ވިސާމަށް އެނގިވަޑައިގަތީ އަންހެނަކަށްވީތީ ކުރިއަށް ދާން ރާއްޖޭގައި މާ ގިނަ ގޮންޖެހުންތަކެއް ނެތް ކަމެވެ. ކުރިއަށް ދާން ބޭނުންނަމަ ކުރަން ޖެހޭ ހަމައެކަނި ގަދަ އަޅައި މަސައްކަތް ކުރުން ކަމެވެ.
"އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު އިރާދުކުރެއްވީތީ އަންހެނަކަށްވީތީ ވަކި ކަމެއް ކުރާކަން ގޮންޖެހުމެއް ނެތް. އެހެން ނަމަވެސް މަސައްކަތް ކުރާ އެހެން ފަރާތް ތަކަށް ބައެއް ގޮންޖެހުންތައް ކުރިމަތިވި. އެކަމަކު އެއީ ވަކި މީހަކަށް ވީތީ ކުރިމަތިވާ ގޮންޖެހުން ތަކެއް ވެސް ނޫން. އެއީ އިގްތިސޯދީ ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން މަދުވުމާއި ވާދަވެރިކަން އެއީ ހަގީގީ ވާދަވެރި ކަމަށް ނުވެ، އެއީ ޕާސަނަލީ، ނޫނީ ޒާތީ ގޮތުން ބައެއް ކަހަލަ ކަންކަން ނެގުމުގެ ނަތީޖާއެއް،" ވިސާމް ވިދާޅުވި އެވެ.
ވިސާމް ގަބޫލު ކުރައްވާ ގޮތުގައި އޭނާގެ އަމިއްލަ ތަޖުރިބާ އަށް ބަލާއިރު ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި އަންހެނުނަށް ކުރަން ޖެހޭ އިހުތިރާމް ވެސް އޮވެ އެވެ. އަދި ކުރި އަށް އޮތްތަނުގައި އަނެހުނުން ކޮމެޓީތައް އުފެދިގެން ދިއުމަކީ އަންހެނުން ބާރުވެރިކޮށް، ކޯޕަރޭޓް ބޯޑު ތަކަށް އަންހެން ހުޅުވިގެން ދާނެ އާ ދޮރެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވަ އެވެ.
މި ހުރިހާ ދާއިރާތަކެއްގައި ވިސާމް ކުރެއްވި މަސައްކަތާއެކު ދިވެހި އަންހެނުންނަށް އޭނާ ދެއްވަން ބޭނުންވަނީ އެންމެ މެސެޖެކެވެ. އެއީ އަންހެން ބާރުވެރި ވާން ބޭނުންނަމަ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމުގެ ކުރުން މުހިންމެވެ.
"މާލީ ގޮތުންނާއި އިގްތިސޯދީ ގޮތުން ލިބޭ ހައްގުތަކުގެ ބޭނުން ކުރަންވީ. އަޅުގަނޑަަށް ފާހަގަ ވަނީ ވަރަށް ގިނަ ހާލަތްތަކުގައި ކޮންމެ ވެސް މީހަކު ކޮންމެ ވެސް ކަމެއް ކޮށްދޭނެ ކަމަށް ބެލުން. އެގޮތަށް ނުދެކެންވީ. ކަމެއް ކުރަން އަޒުމު ކަނޑައަޅާފަ އެކަން ކުރައްވީ. އަބަދު ވެސް ގޮން ޖެހުން ކުރިމަތި ވާނެ. އެކަން ފިރިހެނުނަށް ވެސް އޮންނާނެ. ގޮންޖެހުން ވެސް ހައްލު ކުރަން އަމިއްލައަށް އިސް ނަގަންވީ."