ހަބަރު

އަންހެނުންނަށް ކުރާ އަނިޔާތަކުގެ އިންކުއަރީއެއް ހަދަން ގޮވާލާ ގަރާރެއް

އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން އިންކުއަަރީއެއް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަސް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގައި ވަނީ އަންހެނުން ބާރުވެރިކުރުމަށާއި ތަފާތު ކުރުންތައް ނައްތާލުމަށްޓަކައި ރާއްޖޭގައި އަމަލު ކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތައް ހައްލު ކުރުމަށްޓަކައި އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އެކަކަމަކު އަންހެނުން ބާރުވެރިކުރަން އިތުރު އެތައް މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށް އެ ގަރާރުގައިވެ އެވެ.

އަންހެނުންނާ މެދު ކުރޭ ނޭދެވޭ ތަފާތު ކުރުންތަކާއި އަންހެނުންނަށް ކުރެވޭ ތަފާތު އެކި އަނިޔާތައް ނައްތާލުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލު ކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ޕަލިމަންޓްރީ އިންކުއަރީއަށް ހަދަން ގަރާރުގައި ގޮވާލާފައިވެ އެވެ.

ޕާލިމެންޓްރީ އިންކުއަރީ ނިމުމަށް ފަހު، އެ ކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހު ކުރަން ޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ތަޅުމަށް ހުށަހަޅައިގެން ފާސްކޮށް ކުރިއަށް ގެންދަން ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.

އަންހެނުނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ޕާލިމެންޓްރީ އިންކުއަރީއެއް ހަދަން ގޮވާލައި ގަރާރެއް ހުށަހަޅާފައިވާއިރު، އެ ކޮމިޓީން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިމެންޓްރީ އިންކުއަރީއެއް ހަދައިފަ އެވެ. އެއީ ރާއްޖޭގެ މަޖިލީހުގައި ހެދި ފުރަތަމަ ޕާލިމެންޓްރީ އިންކުއަރީ އެވެ.