މަސްވެރިކަން ތަރައްގީ ކުރަން ވިލާ ގްރޫޕުގެ ވެރިޔާ، ގާސިމް އިބްރާހިމްގެ އައިލެންޑް އެންޓަޕްރައިސަސްއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި ހިމެނޭ މަސައްކަތްތައް ފުރިހަމަ ކުރަން އެ ކުންފުންޏަށް އެއް މަސް ދުވަހުގެ މުއްދަތު ދީފި އެވެ.
އައިލެންޑް އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރު އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމަށް ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ކުންފުނިން އެޕްރީލް 8، 2002 ގައި ސޮއިކޮށްފައިވާ "އެގްރީމެންޓް ފޯ ދި އިންވެސްޓްމަންޓް ދަ ޕާޗޭސް، ޕްރޮސެސިން އެންޑް އެކްސްޕޯޓް އޮފް ދި ޑިސްޕޯސަބަލް ކެޗް އޮފް ދަ ލޯކަލް ސްކިޕްޖެކްޓް ފިޝަރީޒް ޒޯން 1، އެންޑް ޒޯން 2" ގެ އެއްބަސްވުމުގައި ހިމެނޭ ގިނަ މާއްދާތަކަށް އެ ކުންފުނިން އަމަލު ކުރަމުން ނުދާ ކަމަށެވެ.
އަދި ބުނެފައި ވަނީ އެކަން އެހެން އޮތުމުން މި އެއްބަސްވުމަށް އަމަަލު ކުރުމަށް އެއް މަސް ދުވަހުގެ މުހުލަތެއް ދޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއްބަސްވުމުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން "ޝެޑިއުލް އޮފް ޑިޕްލޯއިމަންޓް" ކޮންމެ އަހަރަކު އިސްލާހުކޮށް، އަހަރު ހަމަވުމުގެ ކުރިން އެ މިނިސްޓްރީ އަށް ހުއްދަ ހޯދަން ހުށަހަޅަން ޖެހެ އެވެ. ނަމަވެސް އެ ކުންފުނީގެ ފަރާތުން އެގޮތަށް އަމަލު ކުރަމުން ނުދާތީ އެއް މަސް ދުވަހުގެ މުހުލަތެއް އެކަމަށް ދެ އެވެ. އަދި އެބަސްވުމުގެ 13 ވަނަ މާއްދާގައި ބުނެފައިވާ "ވޯކް ޕްލޭން" އާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ފޮނުވި އެ ސިޓީގައި އައިލެންޑް އެންޓަޕްރައިސަސް އިން ވޯކް ޕްލޭންއާ އެއްގޮތަށް ފުރިހަމަ ކޮށްފައި ނުވާ މަސައްކަތްތަކުގެ ލިސްޓެއް ވެސް ހިމަނާފައި ވެއެވެ.
- މަސް ރައްކާ ކުރާ ކެނެރީ
- ޑްރައި ފިޝް ޕްލާންޓް
- 1،000 ޖީއާރުޓީ އެއް ވެސެލް - މަދަ ވެސަލް
- 448.25 ޖީއާރުޓީ 2 ވެސެލް
- 320 ޖީއާރުޓީ އެއް ވެސެލް
- 180 ޖީއާރުޓީ ދެ ވެސެލް
- 69 ޖީއާރުޓީ 4 ވެސެލް
ރާއްޖޭގައި މަސްވެރިކަން ކުރުމަށް ސަރުކާރުން ކުންފުނިތަކަށް ޒޯން ތަކެއް ކަނޑައަޅައި ދީފައިވެ އެވެ. މިގޮތުން ވިލާގެ، އައިލެންޑް އެންޓަރައިސަސް އިން ހަރަކާތްތެރި ވަނީ ލ. އަތޮޅާއި ށ، އަތޮޅުގަ އެވެ. އަދި ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ގއ. އަދި ޅ. އަތޮޅު ހިމެނޭ ޒޯންގައި ހަރަކާތްތެރިވެ އެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުގެ ސަބަބުން ކުންފުނިތަކުން ވަނީ މަސް ގަތުމުގެ ކެޕޭސިޓީ ދަށްކޮށް، އަގު ވެސް ދަށްކޮށްފަ އެވެ. މީގެ ސަބަބުން މަސްވެރިންގެ ޝަކުވާ އިންތިހާއަށް ސަރުކާރަށް ވަނީ ބޮޑުވެފަ އެވެ.