ހޮރައިޒަން ކުންފުނިން މަސްވެރިންނަށް ދޭން ޖެހޭ 21 މިލިއަން ރުފިޔާ ނުދީ އޮތުމުން އޯގަތެރި ވެރިކަމެއް ކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވީ ވައުދުގެ އިހުލާސްތެރިކަން އޮތް މިންވަރާމެދު މަޖިލީހުގެ ބައެއް މެންބަރުން ސުވާލު އުފައްދަވައިފި އެވެ.
މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް މިއަދު ވާހަކަދެއްކެވީ ހޮރައިޒަން ފިޝަރީސްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް އެ މައްސަލަ ހައްލުކޮށް ދިނުމަށް ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ އަދި ލ. އަތޮޅު ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.
މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން ވިސާމް ވިދާޅުވީ ލ. އަތޮޅު މާންދޫއަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވާ، މަސްވެރިންނަށް އިތުރު ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުއްޔަށް ދީފައިވާ ރަށެއް ކަމަށެވެ. ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން މާންދޫ ކުއްޔަށް ދީފައި އޮންނަނީ އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މާންދޫން ލިބޭ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތަށް ނުލިބުމުގެ ސަބަބުން ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނަށް އެކަމުގެ ދަތިކަން ކުރިމަތިވާ ކަމަށް ވިސާމް ވިދާޅުވި އެވެ. އެގޮތުން މާންދޫއަށް މަސް ކިރުވާފައި ފައިސާ ނުލިބޭ އެތަކެއް ދޯނިތަކެއް އެބަހުރި ކަން ވިސާމް ފާހަގަކުރެއްވި އެވެ.
"މި ވަގުތުވެސް މާންދޫގެ ފަޅުގައި 26 ދޯނި އެބަ އޮތް މަޑުކޮށްގެން އިހުތިޖާޖުގައި. މަސް ކިރާފައި ފައިސާ ނުލިބިގެން. އެހެންނަމަވެސް މިވަގުތު އަޅުގަނޑު ފާހަގަކޮށްލަން އެ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ އިދާރާތަކުން، ހާއްސަކޮށް ވިލާ އިން މަސައްކަތް ކުރަމުންދާކަން." ވިސާމް ވިދާޅުވި އެވެ.
ލ. އަތޮޅުގެ ރައްޔިތުންނަށް މާންދޫއިން ތެލާއި އައިސް ލިބުމުގެ ދަތިކަން ހުރިކަމަށްވެސް ވިސާމް ވިދާޅުވި އެވެ. އަދި މާންދޫގައި މަސްވެރިން މަސް ކިރަމުންދަނީ މިފްކޯއާއި އެއް އަގެއްގައި ނޫން ކަމަށްވެސް ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ލ. އަތޮޅުގެ ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތިވާ ކަން ވިސާމް ފާހަގަކުރެއްވި އެވެ.
ވިސާމް އިތުރަށް ވިދާޅުވީ ލ. އަތޮޅުގައި ސަރުކާރުން ގާއިމުކޮށްދޭން ވައުދުވި ދެ އައިސް ޕްލާންޓްގެ މަސައްކަތް އަދިވެސް ފެށިފައި ނުވާ ކަމަށެވެ. އަދި މިފްކޯގެ ބޯޓެއް ލ. އަތޮޅު އަދި ތ. އަތޮޅަށް މަސްކިރުމަށް ކައިރި ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ކުޑަހުވާދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭ ކަމަށް ބުނެ ކޮންމެ ސަރުކާރަކުން ވެސް ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށާއި މައްސަލައަށް ހައްލު ނުލިބޭ ކަމަށެވެ. މަސްވެރިންގެ މައްސަލަތަކަށް މާބޮޑު އަހައްމިއްޔަތުކަމެއް ދީގެން މައްސަލަތައް ހައްލުކުރަން އުޅޭ މަންޒަރު ނުފެންނަ ކަމަށްވެސް ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ތ. އަތޮޅު ފުނައްޑޫ އަކީ މަސްވެރިކަމުގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ރަށަކަށްވީ ނަމަވެސް އެރަށުންވެސް މަސްވެރިންނަށް އެއްވެސް ހިދުމަތެއް ނުލިބޭ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.
"(ސަރުކާރުގެ) އިހުލާސްތެރި ނިޔަތެއް އޮވެއްޖެކަމަށް ވަންޏާ މިއަދު މަސްވެރިން މި ހާލުގައި އުޅޭކަށް ނުޖެހޭނެ. ޓޫރިޒަމް ސެކްޓާއަށްދޭ އަހައްމިއްޔަތުކަން މަސްވެރިިންގެ ކަންބޮޑުވުންތަކަށް ދެވިއްޖެ ކަމަށް ވަންޏާ ޕްރައިވެޓް މީހާ އެކަންޏެއް ނޫން ކުރިއަރާ ދާނީ،" އާމިރު ވިދާޅުވި އެވެ.
އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަސްވެރިން އިއްޔެ މުޒާހަރާ ކުރަމުން ދިޔަ ވަގުތު މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިންނެވި ކަމަށާއި އެވަގުތު މިނިސްޓަރު އެދިވަޑައިގަތީ އެ މިނިސްޓްރީން ޕްރިންޓް ކުރާ ހަ ބިލިއަން ރުފިޔާ ދައުލަތުން މައާފް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ލިބެންޖެހޭ ރުފިޔާ ހޯދަން ދިއުމުން އަތް ދަމާފައި ދެލޮލަށް ޖަހާލަނީ ޕެޕާސްޕްރޭ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"ލ. އަތޮޅުގެ މަސްވެރިންނަށް ދޭންޖެހޭ ރުފިޔާ ވަގުތުން ދިނުމަށް އަޅުގަނޑު ގޮވާލަން. އަށް މިލިއަން ރުފިޔާ ހޭދަކޮށްފި ނައިބު ރައީސްގެ ކޮޕް ސަމިޓަށް ވެސް. އެހެންވީމާ މިފައިސާ ހުރިކަން އެބަ އެނގޭ ރައްޔިތުންނަށް،" ސައީދު ވިދާޅުވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ނުދީ މިފްކޯގައި 720 މިލިއަން ރުފިޔާ އޮތް ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފައިސާ މިހާރު ދީފައިވާ ކަން ޝަހީމް ފާހަގަކުރެއްވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މަސްވެރިންނަށް 250 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަށް ހިމަނާފައިވާ ކަންވެސް ޝަހީމް ވަނީ ފާހަގަކުރައްވާފަ އެވެ.
ހުސައިން ވިދާޅުވީ މަސްވެރިންނަށް ހެޔޮ އެދިގެން ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް ރާއްޖޭގައި މިވަގުތު މަސް ގަން ތިން ކުންފުންޏަށް މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި މަސްވެރިން ބާނާ މަސް ގަތުމުގެ ގާބިލުކަން ނެތް ކަމަށެވެ. ބްރެއިން ފްރީޒް ކުރެވޭ އަދި ސްޓޯރޭޖް ކެޕޭސިޓީ މި ތިން ކުންފުނީގައިވެސް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ދަފްތަރުގައި މަސްވެރިކަން ކުރާ އުޅަނދުތަކާއި މަސްވެރިންނަކީ ކިހާ ބައެއްކަން މިހާރަށް ވުރެ ރަނގަޅަށް ސާފުވާން ޖެހޭ ކަމަށެވެ. މަސްވެރިން ބާނާ މަސް ގަތުމުގެ ދަތިކަމަށް ހައްލު ހޯދުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"ބްރެއިން ފްރީޒް ކޮށްގެން، މިކިޔާ މަސް ކިރާ ބޯޓުގެ ތިން ބޯޓު ގަނެ މާލެ ގެނައުމުގެ މަގުމަތީގައި މިހާރު އެވަނީ. މީގެ އިތުރުން 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްވެސް ކުރަމުން އެދަނީ،" ހުސައިން ވިދާޅުވި އެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރާއްޖޭގައި އަދި މާލޭގައި ހިންގާ ވިޔަފާރިތަކަށް ދޭންޖެހޭ ރުފިޔާ ނުދިނުމުގެ ސަބަބުން އެ ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން ކުންފުނިތަކުންވެސް ހާލުގައި ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެމްޑީޕީ ވެރިކަމަށް އައީ އޯގާތެރި ވެރިކަމެއް ކޮށްދޭނަމޭ ބުނެ ކިޔައިގެން. އިއްޔެ އަޅުގަނޑުމެންނަށް ފެނުނީ ބޮލީގެ ބަދަލުގައި ފައިސާ ބޭނުން ކުރަން ފެށި ފަހުން، ފައިސާގެ ބަދަލުގައި ޕެޕަސްޕްރޭ ބޭނުން ކުރި ތަން. މަސްވެރިން ފައިސާ ހޯދަން މުޒާހަރާ ކުރީމާ ދިނީ ޕެޕަސްޕްރޭއިން ޖަވާބު." އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އޯގާތެރި ސަރުކާރެކޭ ބުނެ ވެރިކަމަށް އައި މި ސަރުކާރުން މަސްވެރިންނާ ދޭތެރޭ ކަންކަން ކުރަނީ ޖަރުމަނުގެ ކުރީގެ ހުދުމުހުތާރު ލީޑަރު -- އެޑޮލްފް ހިޓަލަރުގެ "ނާޒީ" ސަރުކާރުން ކަންކުރި އުސޫލުން ކަމަށެވެ.
އާދަމް ޝަރީފް މިގޮތަށް ތިން ފަހަރަކު ތަކުރާރު ކުރެއްވުމުން ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވަނީ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާ ސަރުކާރާ ދިމާލަށް ނާޒީއޭ ކިޔުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. މިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއިދު ކުރައްވާ ވާހަކަދައްކާފަ އެވެ.
ނިޒާމާ ބެހޭ މައްސަލަ ނެގުމުން އެކަމަށް ރައްދު ދެއްވާ ނާޒީގެ ބަދަލުގައި ޝަރީފް ވިދާޅުވީ ސަރުކާރު ހިންގާތަން ފެންނަނީ ހިޔަޅު ބުއްދި ބޭނުން ކޮށްގެން ކަމަށެވެ.