ހަބަރު

ހުޅުމާލެ ބަސް ދަތުރުތަކުގެ ބައެއް ސްޓޮޕްތައް އުނިކޮށްފި

މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ ބަސްތައް ހުޅުމާލޭގައި މިހާރު މަޑު ކުރާ ބައެއް ބަސް ސްޓޮޕްތަކަށް މަޑު ނުކުރަން އޮޕަރޭޓް ކުރަމުން އަންނަ ގްރޭޓާމާލެ ޓްރާންސްޕޯޓް ލިންކް އިން ނިންމައިފި އެވެ.

ގްރޭޓާމާލެ ޓްރާންސްޕޯޓް ލިންކްގެ އޮފިޝަލަކު ވިދާޅުވީ މި ބަދަލަކީ ވަރަށް ގިނަ ކަސްޓަމަރުން އެދިގެން ގެނައި ބަދަލެއް ކަމަށެވެ.

މިހާރު މަޑު ކުރުން ހުއްޓާލަން ނިންމާފައިވާ ބަސް ސްޓޮޮޕް ތަކަކީ ޑިމާންޑް ކުޑަ ތަންތަނެވެ.

"އަޅުގަނޑުމެން މިގޮތަށް މި ނިންމީ އޮފީސްތަކަށް ދާ ފަރާތްތަކާއި ސްކޫލަށްދާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ޝަކުވާ ކުރޭ ބަސް ދަތުރުތައް ލަސްވާތީ. ގިނަ ފަހަރު މީހުން ދަތުރު ނުކުރާ ނުވަތަ ޑިމާންޑް ކުޑަ ބަސް ސްޓޮޕްތައް މަޑުކުރަން ޖެހޭތީ ވަގުތުތަކެއް ބޭކާރު ވެގެންދަނީ. އެހެންވެ އަޅުގަނޑުމެން ނިންމީ އެންމެ ޑިމާންޑު ކުޑަ ބަސް ސްޓޮޕް ތަކަށް މަޑުކުރުން ހުއްޓާލަން." އޮފިޝަލު ވިދާޅުވި އެވެ.