ބަސް ދަތުރުތައް

އެމްޕީއެލްގެ ބަހުގެ ހިދުމަތްތައް އެމްޓީސީސީގެ ދަަށަށް ގެންނަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުން އަންނަ ބަސް ދަތުރުތަކުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ގެންދަން ނިންމައިފި އެވެ.

އެމްޕީއެލްއިން މިހާރު ވެސް ދަނީ ގްރޭޓާ މާލެ ސަރަހައްދާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައި ވެސް ބަހުގެ ހިދުމަތް ދެމުންނެވެ.

އެމްޓިސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެމްޕީއެލްއިން ދެމުން އަންނަ ބަހުގެ ހިދުމަތްތައް އެމްޓިސީސީގެ ދަށަށް ބަދަލު ކުރަން މަޝްވަރާތައް ކުރަމުން ގެންދާތާ ދެތިން މަސް ވެފައިވާ ކަމަށާއި މިހާރު ދަނީ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި މަސް ނިމުމުގެ ކުރިން ބަހުގެ ހިދުމަތައް އެމްޓީސީސީގެ ދަށަށް ގެނެވޭތޯ" އާޒިމް ވިދާޅުވި އެވެ.

އެމްޕީއެލްގެ ބަހުގެ ހިދުމަތްތައް އެމްޓީސީސީގެ ދަށަށް ބަދަލު ކުރާއިރު އެ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ވެސް އެމްޓީސީސީއަށް ބަދަލު ކުރާނެ އެވެ. ނަމަވެސް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑައެއް ނުވާނެ އެވެ.

އެމްޓީސީސީން މިހާރު ވެސް ހުޅުމާލެ - ހުޅުލެ ރޫޓާއި އަދި ހުޅުމާލެ ތެރޭގައި ބަހުގެ ހިދުމަތް ދެ އެވެ.