ހުޅުމާލޭގައި ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ބަސް ދަތުރުތަކެއް ބޭއްވުމަށް އެމްޓީސީސީ އިން ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ މިދަތުރުތައް ހުޅުމާލޭގެ ތިން ބަސް ސްޓޮޕަކުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްޓީސީސީން އޮޕަރޭޓް ކުރާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގައި ހިމެނޭ ހާއްސަ ބަސް ދަތުރުތައް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނީ ރޯދަ މަސް ނިމެންނދެން ކަމަށް އެމްޓީސީސީން ބުނެ އެވެ.
ދަރިވަރުންނަށް ހާއްސަ ބަސް ދަތުރު ފަށާނީ ރަސްމީ ދުވަސްތަކުގައި ރޫޓް-7 އަދި ރޫޓް-8ގައި ހެނދުނު 08:05 ގައެވެ. އެކަކަމު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބަސް ސްޓޮޕް އެކެއްގައި މި ބަސް ހެނދުނު 7:50 އިން ފެށިގެން އޮންނާނެ އެވެ. މިދަތުރުގައި ކޮންމެ ދަރިވަރަކާ އެކު އެއް ބެލެނިވެރިއަކަށް ދަތުރުކުރެވޭނެ އެވެ.
އެމްޓީސީސީން ބުނީ ރޫޓް ހައެއްގައިވެސް ދަރިވަރުންނަށް ހާއްސަ ބަހެއް އޮންނާނެ ކަމަށެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށް ދަތުރުކުރާ ބަހެކެވެ. އެގޮތުން މިބަސް ދަތުރުކުރާނީ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވަހީގައި ހުންނަ ސިންތެޓިކް ޓްރެކް ބަސް ސްޓޮޕާއި، އަމީން އެވެނިއު ސްޓޮޕްގެ އިތުރުން 120 ވަނަ ފްލެޓް ކައިރީގައިވާ ބަސް ސްޓޮޕަށް އެކަނި ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެ އެވެ.
މިދަތުރުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންވާނަމަ އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650އަށް ގުޅުމަށްވެސް އެ ކުންފުނިން އެދިފައިވެ އެވެ.
އާރްޓީއެލްގެ ބަހުގެ ހިދުމަތް ދުވާލަކު އެވްރެޖުކޮށް 25،000 މީހުން ހޯދާއިރު އެންމެ ގިނަ އިން ބަސްތައް ބޭނުންކުރަނީ ވެސް ދަރިވަރުންނެވެ.