ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވައިރަހާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތަށް ޑަބްލިޔުއެޗްއޯގެ ތައުރީފު

Mar 9, 2020
3

މުޅި ދުނިޔެއަށް ބާރު ދުވެލީގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، އެ ބައްޔާ ދެކޮޅަށް ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކާއި ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ތައުރީފުކޮށްފި އެވެ.

ޑަބްލިޔުއެޗްއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުނަށް ފަރުވާ ދިނުމާއި، ކޮންޓެކްޓިވި މީހުން ދެނެގަތުމާއި، އެ ބައްޔަށް ސްކްރީން ކުރުމަށް ހެލްތު މިނިސްޓްރީއާއެކު އެ ޖަމިއްޔާއިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، 1،000 ސާމްޕަލް ޓެސްޓު ކުރެވޭ ކޮވިޑް-19 ގެ 10 ޓެސްޓިން ކިޓުތަކާއި 250 ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އާލަތްތައް ގާއިމުކޮށް، އެތަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ފަންނީ އެހީތެރިކަން ދެމުންދާކަމަށްވެސް އެ ޖަމިއްޔާ އިން އިތުރަށް ބުންޏެވެ.

"މި ފުރުސަތުގައި ހެލްތު މިނިސްޓްރީ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ބައެއް އަމިއްލަ ޖަމިއްޔާތަކުން ގުޅިގެން ކުރަމުންދާ ފުރިހަމަ މަސައްކަތް ފާހަގަކުރަން،" ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރަވިންދު މާތުރު ވިދާޅުވި އެވެ.

ޑރ. މާތުރު އިތުރަށް ވިދާޅުވި ގޮތުގައި، ވައިރަހާ ދެކޮޅަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަކީ މި ދަނޑިވަޅުގައި އެންމެ މުހިންމު އެއް ކަމެވެ.

މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ކަންބޮޑުނުވެ، ސާފުތާހިރުކަން އިސްކޮށް، ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވާ ފިޔަވަޅުތައް އަޅަމުން ދިޔުމަށް ޑަބްލިޔުއެޗްއޯ އިން ވަނީ އެދިފަ އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުންނަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެމީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

ކުރެއްދޫ ރިސޯޓަށް އެރުމާއި ފޭބުން މަނާކޮށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި، ފޯކައިދޫގައި އިތުރު ނުވަ މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އެއީ އެ މުވައްޒަފާ ކޮންޓެކްޓްވި މީހުންނެެވެ. އޭގެ ތެރެއިން އެކަކު ކަރަންޓީނު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ.

މީގެއިތުރުން ކުރެއްދޫގައި ހުރި އިޓަލީ މީހާ، މާލޭގައި ދެ ދުވަހު މަޑުކުރި ކަމަށް މިއަދު ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭނާ މަޑުކޮށްގެން ހުރީ މާގިރި ހޮޓެލްގަ އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ކަރަންޓީނުކޮށް ސާންޕަލްތައް މިއަދުގެ ވަގުތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

ދެން ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ.