ކޮރޯނާ ވައިރަހަށް ރާއްޖޭގައި ހަ މީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ބަލި ފެތުރެން ފެށީ، ބައެއްގެ އިހުމާލުންކަމަށް ކުރަމުންދާ ތުހުމަތުތައް ތަހުގީގު ކުރަން ފަށާފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެނބުރި ގައުމަށް ދިޔަ ފަހުންކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.
ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރިޕޯޓުކޮށްފައިނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައިވެސް ދެ ދުވަހު ހުރިކަމަށް ސާރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އޭނާ މަޑުކޮށްގެން ހުރި މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިގެން އޭނާ ކަރަންޓީނު ކުރި އެވެ. ނަމަވެސް، އޭނާ އެ ވައިރަހަށް ނެގެޓިވްކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.
އެ އިޓަލީ ފަތުރުވެރިޔާއަށް ނުފުރުނީ، ބޯޓު މަތީގައި އަނބުރައިގަނެގެން ކަމަށާއި، އޭނާ ބޯޓުން ބާލައިގެން އެއާޕޯޓުގެ ކްލިނިކަށް ގެންދިޔަކަމުގެ ތުހުމަތުތައްވެސް ވަނީ އަމާޒުވެފަ އެވެ.
އެކަމުގެ ޖިނާއީ ތަހުގީގެއް ކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އިއްޔެ އަމުރުކުރައްވާފައިވަނިކޮށް، ފުލުހުން މިއަދު ބުނީ އެ އިޓަލީ މީހާގެ ގައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުނު ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައި ވަނީ އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ މިއަދު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިޔާގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.