ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލާގައި ރިސޯޓް ހިންގާ ކްރައުން އެންޑް ޗަންޕާ ރިސޯޓްސް ކުންފުނީގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް ވައިރަސް ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.
ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި އެކަން ރިޕޯޓުކޮށްފައި ނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައި ވެސް ދެ ދުވަހު ހުރި ކަމަށް ސާރުކާރުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އޭނާ މަޑުކުރި މާގިރި ހޮޓާ ބަންދުކޮށް ގިނަ ބަޔަކު އެކަހެރިކުރަން ވެސް ޖެހުނެވެ.
ބަޔަކު އިހުމާލުވި ކަމަށް ތުހުމަތުވި އެ މައްސަލަ ތަހުގީގުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ ފުލުހުންނަށް އަމުރު ކޮށްފަ އެވެ.
މިކަމުގެ ތަހުގީގަށް މިހާރު ވެސް ގިނަ ދުވަސްތަކެއް ވެފައިވާއިރު، ފުލުހުން ތަހުގީގާ ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ކުރެއްދޫ އައިލެންޑް ރިސޯޓްގެ ގާނޫނީ ވަކީލް، ކުރީގެ ޕީޖީ މުހުތާޒު މުހުސިން މިއަދު ވިދާޅުވީ ކްރައުން އެންޑް ޗަންޕާ ކުންފުނީގެ މައްޗަށް ފުލުހުން މިއަދު ތިިން ތުހުމަތެއް އުފުލާފައިވާ ކަމަށެވެ. އެ ތުހުމަތުތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.
މިއީ ޖިނާއީ ތަހުގީގެއް އަދި ޖިނާއީ ތުހުމަތުތަކެއް ކަމަށްވާއިރު ތުހުމަތުތަކުގެ ޒިންމާ އުފުލަން ޖެހޭނީ ކުންފުނީގެ މަސްއޫލުވެރިންނެވެ.
މަހުތާޒު ވިދާޅުވީ ކުންފުނީގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތަކަށް ކުންފުނީގެ ފަރާތުން ވާނީ އިންކާރު ކޮށްފައި ކަމަށާއި ތުހުމަތު ކުރެވުނު ސަބަބުތަކުގެ ތަފްސީލީ މައުލޫމާތު ފުލުހުންގެ ފަރާތުން އަވަސް މުއްދަތެއްގައި ލިބޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކުރެއްދޫ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާކޮށްފައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައަށް ތިން ޕްރޮސެކިއުޓަރުން ވަނީ ހާއްސަކޮށްފައެވެ. އަދި އިތުރު ބައެއްގެ ބަޔާންތައް ނެގުމަށް ފުލުހުންގެ ޓީމަކާއެކު އެ ޕްރޮސެކިއުޓަރުން ކުރެއްދޫއަށް ގޮސްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ ކުރެއްދޫ މައްސަލަވެސް ވަކި ކޮޅެއްގައި ޖެހެން ޖެހޭ ކަމަށާއި އެ މައްސަލާގައި ވެސް އަދި އެނޫން މައްސަލަތަކުގައިވެސް ދޫކުރުމެއް ނެތް ކަމަށެވެ.