ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނިޒާމް ރޫޅާ މީހުނާހެދި އޮތް ނުރައްކާ ކުޑައެއްނޫން!

ކޮވިޑް-19 އިގެ ނުރައްކާ މުޅި މި ދުނިޔެއަށް ފެތުރިފައި ވަނީ ހީވެސް ނުކުރާހާ ބޮޑަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކޯރާނާ ވައިރަހާ ކުރިމަތިލާން މި ވަނީ ނުކުޅެދިފަ އެވެ. އެހެން ކަމުން މަޖުބޫރު ހާލަތެއްގައި މިވަނީ "ދުނިޔެ ހުއްޓި" ފައެވެ. އަރާއި ބާރު ހުރި ބޮޑެތި ބިޔަ އިގްތިސާދުތައް މުޅިން ފުނޑުފުނޑުވެ ގައުމުތައް ވަނީ އަނދަވަޅެއްގެ ފުނަށް ގަނބައިގެންފަ އެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާ ބޮޑުވެ، މުޅި ދުނިޔެ ހިމޭންވެފައި ވަނީ މި ބޮޑު ބަލާމުސީބާތުން ސަލާމަތްވެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. މިވަގުތު ދުނިޔެ ހިނގަމުން މިދަނީ މުޅީން އެހެން އިންތިޒާމެއްގެ ތެރެއިންނެވެ. އެއީ ޝިފާއެއް އަދި ހޯދިފައި ނުވޒ މިއި ބޮޑު ބަލާމުސީބާތުން މި ވަގުތު ސަލާމާތް ވެވެން އޮތް ހަމަ އެކަނި ގޮތެވެ.

މި ހާލަތުގައި މިހާރު ކުރިޔަށް ދެވެން އޮތް އިންތިޒާމްތަކާއި އުސޫލުތައް ރޫޅާލައި ޖާހިލުކަމާއި ގޮތްކުޑަކަން ދައްކާ މީހުން އުޅެއެވެ. ގައުމާއި ރަށާއި ރައްޔިތާއި މުޖްތަމައުގެ ރައްކާތެރިކަމަށް ނުވިސްނާ ނުބައި ނުލަފާކަން ދައްކާ، ގާނޫނަށް ގޮންޖަހާ މީހުން އެބައުޅެ އެވެ. މި ހާލަތުގެ ތެރޭ އެފަދަ މީހުން ރާއްޖޭގެ އެކި ހިސާބުތަކުން ވެސް މިދަނީ ފެންނަމުންނެވެ. ގާނޫނުތަކަށް ބޯލެނބުމެއްނެތި، ސިއްހީ މާހިރުންގެ އިރުޝާދަށް ފާޅުގައި ދެކޮޅު ހަދައި ގޮންޖަހާ މީހުން ކޮންމެ ދުވަހަކުހެން ހުއްޓުވަން ފުލުހުންނަށް އެބަޖެހެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް މާލެ އާއި ބައެއް ރަށްރަށުގައި ބައެއް މީހުން ދެކޮޅު ހަދަނީ އެވެ. ފުލުުހުންނާއި ސިފައިންނާއި ކައުންސިލްތަކާއި އެޗްޕީ އާއި އަދި އެނޫނަސް ގުޅުންހުރި އިދާތަކުންގެ ވެރިންގެ އެންގުންތަކަށް ތަބާވާން ބޭނުން ނުވާ މީހުން އެބައުޅެ އެވެ. ޝައްކެެއް ވެގެން ނަގާ ސާމްޕަލާއި އަދި ރެންޑަމް ސާމްޕަލް ދޭން ދެކޮޅު ހަދާ މީހުންގެ ވާހަކަ ކޮންމެ ދުވަހަކުހެން މީޑިއާއަށް އެބަތިލަ އެ އެވެ. ބައެއް މީހުން ކަރަންޓީނަށް ދާން ދެކޮޅު ހަދަ އެވެ. އަދި ބައެއް މީހުން ކޮންޓެކްޓް ޓްރޭސިން އަށް ހުރަސް އަޅަން މައުލޫމާތު ދޭކަށް ބޭނުމެއް ނުވެއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ރޭ މީހަކު ކަރަންޓީނަށް ދާން ދެކޮޅު ހެދި އެވެ. އެންމެ ފަހުން އެކަން ކުރަން ޖެހުނީ ކޯޓް އަމުރެއް ހޯދައިގެނެވެ. ހަމަ އެ ރޭ އެފަދަ އެހެން މައްސަލައެއްގައި ކޯޓްގެ އަމުރާއެކު "އޮބި އަޅައިގެން" އިތުރު މީހަކު ކަރަންޓީނަށް ގެންދާން މަޖުބޫރުވެފައި ވެއެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޮވިޑަށް ޓެސްޓް ކުރަން ސާމްޕަލް ދޭން ދެކޮޅު ހެދި މީހެއްގެ މައްޗަށްވެސް ކޯޓުން އަމުރެއް ހޯދަން މަޖުބޫރުވި އެވެ. އޭނާގެ ސާމްޕަލް ދީފައި ވަނީ ވެސް ކޯޓުގެ އަމުރަށްފަހު އެވެ.

ލޮކްޑައުން ޕްރޮޓަކޯލާއި ހެލްތު އިމާޖެންސީ އާއި އަދި މިހާރު މިއޮތް ހާލަތަާ ގުޅޭ އެސްއޯޕީތަކަށް ގޮންޖަހާ މީހުން އިތުރުވަމުން ގޮސް ކޯޓުން އަމުރު ނެރުމުން ވެސް ސާމްޕަލް ދޭން ދެކޮޅު ހެދި މީހަކާ ދިމާވެފައި ވެއެވެ. އެމީހަކީ ކޮވިޑް-19 ޖެހިފައިވާ ކަމަށް އަމިއްލައަށް ރަށުތެރޭގައި ވާހަކަ ދައްކާ ކޮވިޑްގެ އަލާމާތްތައް އޭނާގެ ހުރި ކަމަށް ބުނެ އެ މައުލޫމާތު އެޗްޕީއޭއަށް ހިއްސާ ވެސް ކޮށްފައި ސާމްޕަލް ދޭން ދެކޮޅު ހެދި މީހެކެވެ. އޭނާގެ މައްސަލަ ކޯޓަށް ހުށައަޅާ އަމުރެއް ހޯދުމުން ވެސް އޭނާ ތަބައެއް ނުވިއެވެ. އެންމެ ފަހުން ފުލުުހަށް ޖެހުނީ އޭނާ ހައްޔަރަށް ގެންދާށެވެ.

މިހާ ބޮޑު އުނދަގުލެއް ކޮށް މީހުން ހާސް ކުރުވާފައި ވަނީ މީގެ އަހަރުތަކެއް ކުރީން ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގެ ތެރޭގައި ރަހުމްކުޑަކޮށް މަރާލި އަޒްލީނާ ނަފީސް ގާތިލު ކަމަށް ސާބިތުވެ މިހާރު ޖަލުން މިނިވަން ވެފައިވާ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އަބްދުﷲ ޒުހެއިރެވެ.

މިއީ ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ސީރިއަސް ކޮށް ވިސްނަންޖެހޭ މައްސަލަ އެކެވެ. ހަމައެކަނި ކޯޓުން އަމުރު ނެރެގެން މިކަން ކުރެވެން ނެތް ހިސާބަށް ކަންކަން ދިޔައީ އެވެ. ގައުމުގެ ހާލަތު މިހާރު އޮތީ ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯ ނުލަބާ މީހުންނާމެދު ހަރުކަށިކަމާއެކު އަޅައި ނުލާ ތިބެވޭނެ ހާލަތެއްގައެއް ނޫނެވެ.

މާލެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ 15 ދުވަސްތެރޭ ބަލި ޖެހުނު މީހުންގެ އަދަދު 500 އާ އަރާ ހަމަކުރީ އެވެ. އަދިވެސް އެ އަދަދު އެތައް ގުނައަކުން އިތުރުވުމުގެ ފުރުސަތު އޮތްކަމުގެ ބިރުވެރި އިންޒާރު ކޮންމެ ދުވަހަކު ސިއްހީ އޮފިޝަލުން އެބަ ދެއްވަ އެވެ. މާލެއިން ފެނުނު ބަލި އަތޮޅުތަކުގެ ތެރެއަށް ގޮސް އިތުރު ރަށް ރަށް ވެސް އޮތީ ލޮކްޑައުން ވެފައެވެ. އެތައް ބަޔަކަށް ބަލި ޖެހި، އެހެން ރަށްރަށުގައި ތިބި ރައްޔިތުންނަށް ވެސް މިވަނީ ނުރައްކާވެފަ އެވެ.

އެހެން ކަމުން "ތިމަންނާއަށް މިހުރީ ކޮރޯނާ ވައިރަސް ޖެހިފައި ކަމަށާ ހުއްޓާލާނީ މުޅީ ރަށުގައި ބަލި ފަތުރާފައި" ކަމަށް ބުނާ މީހުނާ ހަމައަށް ގާނޫނުގެ އަތް ފޯރަން ޖެހެ އެވެ. އެމީހުންގެ އެ އަމަލުތައް ހުއްޓުވާނެ ބާރު ހުންނަން ޖެހެއެވެ.

ގާނޫނު ބުނާ ގޮތުން އެފަދަ މީހަކު އެ ކުރަނީ ޖިނާއީ ބޮޑު ކުށެކެވެ. ރާއްޖޭގައި މިހާރު އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ އެވެ. މި ހާލަތުގައި ހެލްތް މިނިސްޓަރަށާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގާނޫނުން ބާރުތަކެއް ލިބި ވަޑައިގަންނަވަ އެވެ. އަދި ނެރޭ އަމުރުތައް ތަންފީޒު ކުރުމަކީ މުއައްސަސާތަކުން ކުރަން ޖެހޭނެ ކަމެކެވެ.

ސާމްޕަލްދޭން ދެކޮޅު ހަދާ މީހާ އާއި ކަރަންޓީނަށް ދާން ދެކޮޅު ހަދާ މީހާ އަދި ދޮގު މައުލޫމާތުދީ ބިރުވެރިކަން އުފެއްދުމަށް ވާހަކަ ދައްކާ މީހާއަކީ ގާނޫނުލް އުގޫބާތުގެ 533 މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 121 މާއްދާގެ ދަށުން އެނގި ހުރެ އެހެން މީހަކު ނުރައްކަލަށް ހުށައެޅުމުގެ ކުށުގެ ދައުވާ ކުރެވޭނެ މީހުނެވެ. އެހެން ކަމުން މިއީ އާދައިގެ މައްސަލަތަކުގެ ގޮތުގައި ބެލެވޭ ކަންކަމެއް ނޫނެވެ.

މި މައްސަލާގައި ޕީޖީ ވަރަށް ސީރިއަސް

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅިފަިއވާ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެވެ. ބަޔަކު ކޮންމެ މަގްސަދެއްގައި އެފަދަ ކަންކަން ކުރި ނަމަވެސް ޖިނާއީ ކުށްތަކެއް ކުރުމުގެ ފުރުސަތު ދެވޭކަށް ނޯންނާނެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ކޮވިޑްގެ އަލާމާތްތައް އެބަހުރި ކަމަށް ބުނެ އެޗްޕީއޭއަށް އެ މައުލޫމާތު ހިއްސާ ކުރުމަށްފަހު ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން ހައްޔަރުކުރި ޒުހައިރު މައްސަލައާއި ގުޅިގެން ފުލުހާ މަޝްވަރާ ކުރެއްވި އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވަން އިރުޝާދު އަރުވާފައި ވާނެ އެވެ.

އެނާ ވިދާޅުވި ގާނޫނުގެ ބާރު ރާއްޖޭގައި ހިނގާނެކަން ހުރިހާ އެންމެން ބޫލުކުރަން ޖެހޭ އިރު އެފަދަ ކަންކަމަކީ ނިޒާމު ގެއްލުވާލުމުގެ ކުށް އޮތް ޖިނާއީ މައްސަލައެކެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވަރަށް ސާތިބުކަމާއެކު ގާނޫނު މި ގައުމުގައި ހިންގާނެކަން. ގާނޫނު ތަންޒީފު ކުރާނެކަން. އެއްވެސް މީހަކު ހީކޮށް ނުވާނެ ކުށްވެރިންނަށް ސަލާމަތްވެވޭނެ މާހައުލެއް މި ހާލަތުގައި އުފެދިގެންދާނެ ކަމަށް. އަޅުގަނޑުމެން މި ތިބީ ތައްޔާރަށް، ފުލީ މަސައްކަތް ކުރުމަށް. ޕީޖީ އޮފީހުގެ މަސައްކަތް ބަރާބަރަށް ގަވާއިދުން ކުރިއަށްދާނެ." ޝަމީމް ވިދާޅުވި އެވެ.

ދަންނަވާލަން ބޭނުންވަނީ ގާނޫނު މި ގައުމުގައި ހިންގާނެކަން، ގާނޫނު ތަންޒީފު ކުރާނެކަން. އެއްވެސް މީހަކު ހީކޮށް ނުވާނެ ކުށްވެރިންނަށް ސަލާމަތް ވެވޭނެ މާހައުލެއް މި ހާލަތުގައި އުފެދިގެންދާނެ ކަމަށް،
ހުސައިް ޝަމީމް | ޕްރޮސެކިއުޓަރު ޖެނެރަލް

ޝަމީމް ވިދާޅުވި ގޮތުގައި މިހާރު ދިމާވަމުން ދާ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށާއި އަދި ގާނޫނުގެ ބާރު ހިންގުމަށްޓަކައި އެ އޮފީހުން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ އެވެ. އަދި އެފަދަ މައްސަލަތަކަށް އަވާ އެޓެންޑްވެ އިންސާފާ ހަމައަށް ގެންދާނެ އެވެ.

"މިއީ އެންމެންގެ ކަމެއް. ކޮންމެ ފިޔަވަޅަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއް. އެހެން ވީމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން. މިފަދަ ކަމެއްގައި އެއްވެސް ގޮތަކުން ދޫދިނުމެއް ނޯންނާނެ،" ހުރިހާ ކަމެއްގައި ވެސް ވަރުގަދަ ބަސްތައް ވިދާޅުވާ ކަމަށް ފާހަގަ ވެފައިވަ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވި އެވެ.

ދައުލަތުން ގާނޫނުގެ ބާރު ހިންގާކަން ދައްކަންޖެހޭ

ގާނޫނީ ވަކީލުންވެސް ވިދާޅުވާ ގޮތުގައި މިހާރު މިއޮތް ހާލަތުގައި ނިޒާމް ޜޫޅައިލުމުގެ ކުށް ހުއްޓުވޭނީ ރާއްޖޭގައި ގާނޫނުގެ ބާރުވެރިކަން ހިނގާނެ ކަމާއި ހިނގާކަން ކަށަވަރު ވެގެނެވެ. ކޮވިޑްގެ ބަލިމަޑުން އަރިގަތުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެފަދަ އެތައް ކަމެއް ސަރުކާރުން މިހާތަނަށްވެސް ކޮށްފައިވާ ކަމަށް ބައެއް ވަކީލުން ފާހަގަ ކުރައްވައެވެ. އޭގެ އެއް މައްސަލައަކީ ކުރެއްދޫ މައްސަލައެވެ. ކުރެއްދޫގެ އިހުމާލުގެ މައްސަލަ ބަލަން ފެށުމަކީ އެފަދަ ކަމެެއް ދެން ތަކުރާރު ނުވުމަށް އެޅުނު ބާރެކެވެ.

އަނެއް ކަމަކީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ހިލާފަށް ރަށްރަށަށް އަރާ ފައިބާ މީހުން ހައްޔަރުކޮށް އެ މީހުންގެ މައްސަލަތައް ބަލާ ދައުވާ ކުރަން ފޮނުވުމެވެ މީގެ އިތުރުން "ފޭކް ނިއުސް" ފަތުރާ މީހުންނަށް ކޮމިޝަނަރު ދެއްވި އިންޒާރު ވެސް ފުދެ އެވެ.

"މި ހުންނަނީ ޓޮލަރޭޓް ނުކުރާނެ ކަންކަންކަން ދައްކަންޖެހޭ. އެންމެން ތިބީ އެއްކޮށް ރައްޔިތުންގެ ސަލާމަތަށްޓަކައި މަސައްކަތް ކުރުމަށްކަން ޔަގީންކޮށްދޭން ޖެހޭ. އޭރުން އެފަދަ ކުށްތައް ހުއްޓޭނެ." ގާނޫނީ ވަކީލަކު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީއާއި އެޗްޕީއޭ އަދި ކަމާގުޅޭ އިދާރާތަކުން ފަސް ޖެހުމެއްނެތި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވެސް މުހިންމުވެ އެވެ.

"މި ހާލަތުގައި ގައުމުގެ ހަގީގީ ވެރިންނަކީ އެއީ... އެ ބޭފުުުޅުން [އެޗްޕީއޭ އާއި ހެލްތު] އިރުޝާދަށް ގައުމު މިވަގުތު މި ހިނގަނީ. އެހެންވީމަ މިސްޓޭކެެއް ހެދިދާނެ ކަމަށް ބަލައި މިހެން ހުންނަ ކަންކަމުގައި ފިޔަވަޅު ނާޅާ ނުވަތަ އެހެން މުއައްސަސާތަކުގެ އެހީތެރިކަން ނުހޯދާ ތިބެގެން ނުވާނެ. އަޅުގަނޑަށް ފެންނަނީ އެކަހަލަ ކަންކަމުގައި ކުޑަ ޑިލޭއެއް އުޅޭ ކަމަށް. ފަހަރުގައި ވެދާނެ އެންމެން ހިތްހަމަޖައްސަން ބޭނުންވަނީ ކަމަށް. ނުވަތަ ކުޑަ ނަމަވެސް މިސްޓޭކެެއް ހަދަަން ބޭނުން ނުވަނީ ކަމަށް. ނަމަވެސް މިސްޓޭކެއް ހެދިދާނެ ކަމަށް ފިޔަވަޅު އެޅުން ފަސްކުރުމަކީ މާބޮޑު ގޯހެއް." އެހެެން ވަކީލަކު ވިދާޅުވިއެވެ.

ގާނޫނު މުގުރާލާ، ރައްްޔިތުންގެ ރައްކާތެރިކަމަށް ބެލުމެއްނެތި މަސައްކަތް ކުރާ ބަޔަކަށް އެއްވެސް ފުރުސަތެއް ނެތްކަން ދައްކަން ޖެހެ އެވެ.