ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

48 ދުވަހުން 2100 ކޭސް!

ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނުތާ 148 ދުވަސް ވީއެވެ. ރާއްޖެއިން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެނިފައި ވަނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ކޮވިޑްގެ ބަލި މީހުން ފުރަތަމަ ކޮޅު މުޅިން ވެސް ފެންނަމުންދިޔައީ ރިސޯޓްތަކުންތަކުންނެވެ. އަދި ޕޮޒިޓިވްވަމުން ދިޔައީވެސް ފަތުރުވެރިންނާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒިފުންނެވެ. އޭގެ ފަހުން ރާއްޖެއިން ބޭރުން އައި ދިވެހިންގެ ތެރެއިން އިނގިރޭސިވިލާތުން ރާއްޖެ އައި ބައެއް ދިވެހިން ބައްޔަށް ޕޮޒިޓިވްވި އެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާލެއިން ފުރަތަމަ ކޭސް ރިޕޯޓް ކުރެވުނެވެ. މާލެއިން ފުރަތަމަ ކޭސް ފެނުނީ އޭޕްރީލް މަހުގެ 15 ވަަނަ ދުވަހުއެވެ. އެ ކޭސްއާއި ގުޅިގެން 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ކުރި އެވެ. މާލެ ސިޓީން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އަންހެނެކެވެ. އޭގެ ފަހުން އޭނާގެ ތުއްތު ދަރިފުޅެވެ. ލޮކްޑައުންގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އިތުރު ބަަޔަކު ޕޮޒިޓިވްވުމުން ލޮކްޑައުން 48 ގަޑިއިރަށް ދަމާލިއެވެ. ނަމަވެސް ފުލުފުލުގައި ކޭސްތައް ފެންނަން ފެށުމުން ލޮކްޑައުންގެ މުއްދަތު 14 ދުވަހުން 14 ދުވަހުން ދިޔައީ އިތުރު ކުރަމުންނެވެ.

ކޮވިޑްގެ ފުރަތަމަ 100 ދުވަސް ހޭދަވީ ވަރުގަދަ ފިޔަވަޅުތަކާއެކުގައެވެ. ފުރަތަމަ ބޯޑަރު ބަންދުކުރިއެވެ. ފަހުން މާލެ ސިޓީގައި ކާފިއު ހިންގަން ފެށިއެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. ސަރުކާރު ބަންދުކޮށް އޮފީސްތައް ތަޅުލިއެވެ. ވިޔަފާރިތައް ބަންދުކޮށް މާލެ ސިޓީ ހުއްޓުމަކަށް ގެނައެވެ. އެންމެ ފަހުން ފުލް ލޮކްޑައުންއަކަށް މާލެ ސިޓީ ގެންދިޔައެވެ. އަދި އެއް ރަށުން އަނެއް ރަށައް ދަތުރުކުރުން މުޅިން މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ.

މިއީ ދިވެހި ތާރީހުގައިވެސް ބަލިމަޑުކަމާއި ގުޅިގެން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ހޭދަކުރި 100 ދުވަހަށްފަހު ލުއިތައް ދޭން ފެށިއެވެ. އެ މުއްދަތުގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 2035 މީހުންނެވެ. އާންމުކޮށް ޕޮޒިޓިވްވަމުންދިޔައީ 30 މީހުންނެވެ. ބައެއް ދުވަސްތަކުގައި 100 އިން މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވިއެވެ. އެއީ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔަ ތަންތަނަށް ހާއްސަކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރެވުނު ދުވަސްތަކެކެވެ. އެ މުއްދަތުގައި އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ދުވަހު ބަލިވީ 198 މީހުންނެވެ.

އެ މުއްދަތުގައި މަރުވީ 8 މީހުންނެވެ.

ނަމަވެސް ޖޫން މަހުގެ 15 ވަނަ ދުވަހު ލުއިދޭން ފެށިފަހުން މިވީ 48 ދުވަސްތެރޭ، ކުރިން ބަލިމަޑުކަމުގައި ހޭދަކުރި 100 ދުވަހަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ލުއިތައް ދިން ފަހުން މިހާތަނަށް 2129 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ލުއިތަކަށްފަހު ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 18 އަށް އެރީއެވެ. އެއީ 13 ދިވެހިންނާއި ފަސް ބިދޭސީންނެވެ.

  • ފުރަތަމަ 500 ކޭސް - 7 މާޗްއިން 2 މެއި: 56 ދުވަސް
  • ދެވަނަ 500 ކޭސް - 2 މެއިން 15 މެއި: 13 ދުވަސް
  • ތިންވަނަ 500 ކޭސް - 15 މެއިން 28 މެއި: 13 ދުވަސް
  • ހަތަރުވަނަ 500 ކޭސް - 28 މެއިން 12 ޖޫން: 15 ދުވަސް
  • ފަސްވަނަ 500 ކޭސް - 12 ޖޫންއިން 7 ޖުލައި: 25 ދުވަސް
  • ހަވަނަ 500 ކޭސް - 7 ޖުލައިން 21 ޖުލައި: 14 ދުވަސް
  • ހަތްވަނަ 500 ކޭސް - 21 ޖުލައިން 28 ޖުލައި: 7 ދުވަސް

ކުރިއަށް އޮތީ ނުރައްކާ ދުވަސްތަކެއް

ކޮވިޑްގެ ބަލިމަޑުކަމުގައި ކުރިއަށް އޮތީ ނުރައްކާތެރި ދުވަސްތަކެކެވެ. ލޮކްޑައުންގައި ހޭދަކުރި ދުވަސްތަކަށްވުރެ މިހާރުވެސް ހާލަތު މާބޮޑަށް ގޯސްވެއްޖެއެވެ.

ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޕޮޒިޓިވްވަމުންނެވެ. ލުއި ދިންފަހުން އާންމުކޮށް ކޮންމެ ދުވަހަކު 30ވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. އެއީ 1000 - 700 ދެމެދުގެ ޓެސްޓްތައް ކޮށްގެންނެވެ. އެއަށްވުރެ ގިނައިން ޓެސްޓް ކުރާނަމަ އަދަދު ބޮޑުތަނުން އިތުރުވާނެއެވެ.

އެންމެ ފަހުން މިދިޔަ 10 ވަރަކަށް ދުވަސް ވެގެންދިޔައީ އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ 10 ދުވަހަށެވެ. މިދިޔަ 10 ދުވަސްތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 ކައިރި ކުރެއެވެ. މިއީ ކަންބޮޑުވާން ޖެހޭ އަދަދެކެވެ. އެކަމާއި ގުޅިގެން ލުއިތައް ނެގުމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ. ލަފާކުރުންތަކަށް ބަލާއިރު މި ފެށުނީ ކޮވިޑްގެ އެންމެ ނުރައްކާތެރި ދުވަސްވަރެވެ. ކޮވިޑްގެ ދެވަނަ ރާޅެއް ރާއްޖެއަށް އައީއެވެ. ކުރިންވުރެ މާ ބާރުގަދަ ރާޅެކެވެ.

އޮގަސްޓް މަހު ދުވާލަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ބެލެވެއެވެ. އަދި 475 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެއެވެ.

ސެޕްޓެންބަރު މަހުވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަށް ނުބެލެވެއެވެ. ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ސެޕްޓެންބަރު މަހުވެސް ދުވާލަކު 105 މީހަކަށް ބަލި ޖެހި މުޅި މަހު 1464 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. 293 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އޮކްޓޫބަރު މަހުގެ ތެރޭގައި ކޮވިޑްގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް އެ މަހުވެސް 945 މީހަކަށް ބަލި ޖެހި ދުވާލަކު 68 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ހާލަތު ނޮވެންބަރު އަދި ޑިސެންބަރު މަހު ދަށައްދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ދާނެ ކަމަށް ނުބެލެވެއެވެ. އަންދާޒާ ފެންނަން އޮތީ އެގޮތަށެވެ. ނޮވެންބަރު މަހުގެ ތެރޭގައި ކޮންމެ ދުވަހަކު 29 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މުޅި މަހު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 409 މީހެކެވެ. އަދި ޑިސެންބަރު މަހުގެ ތެރޭގައި 254 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާދޭން ޖެހި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވުމުގެ ފުރުސަތު ބޮޑެވެ. މިވަގުތުވެސް އައިސީޔޫގައި ފަސް މީހަކަށް ފަރުވާ ދެމުންދެއެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

  • އޮގަސްޓް މަހު 47 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ
  • ސެޕްޓެންބަރު މަހު 29 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ
  • އޮކްޓޫބަރު މަހު 19 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ
  • ނޮވެންބަރު މަހު 08 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ
  • ޑިސެންބަރު މަހު 05 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވެ، ބަލީގައި ހާލަތު ގޯސްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިހާރުވެސް ގިނަ ބެޑްތައް ވަނީ ފުރިފައެވެ. މިވަގުތުވެސް ހޮސްޕިޓަލްގައި 84 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ފަހަރެވެ.

ހާލަތު އިތުރަށްގޯސްވެއްޖަނަމަ ފަރުވާ ނުދެވި ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު އެބައޮތެވެ. ކޮވިޑްގެ ދެވަނަ ރާޅެއް ތަޖުރިބާ ކުރަން ޖެހުނު ގިނަ ގައުމުތަކަށް ދިމާވެފައިވަނީ އެ ހާލަތެވެ. އެތައް ބަޔަކު ރަނގަޅު ފަރުވާ ނުދެވި މަރުވެފައިވެއެވެ.

އެެހެންވީމަ މިއީ ފަރުދީ ޒިންމާ އަދާކޮށް ކޮވިޑްގެ މި ނުރައްކާތެރި ހާލަތުން އަރައިގަންނަ މަސައްކަތް ކުރަންވީ ވަގުތެވެ. ބޭރުގައި އުޅޭ ވަގުތު މާސްކު އެޅުމާއި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރުގައި ނޫޅެންވީއެވެ. ސާފުތާހިރުކަމަށް އިސްކަންދީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންވީއެވެ. ނޫނީ ހީވެސް ނުކުރާފަދަ ހާލަތަކަށް ރާއްޖެ ވެއްޓި، ގިނަ ބަޔަކަށް ބަލިޖެހި، އެތައް ބަޔަކު އެ ބަލީގައި މަރުވެ ހިނގައިދާނެއެވެ. ސަރުކާރުން އަލުން ފުލް ލޮކްޑައުންއަށް ދިއުމުގެ ކުރިން އަމިއްލައަށް ފިޔަވަޅު އަޅާ ތިމާއާ އާއިލާ އަދި މުޅި މުޖްތަމައު ސަލާމަތް ކުރަން މަސައްކަތް ފަށަންވީ ވަގުތަކީ މިއީއެވެ. އެހެން ނޫނީ މާ ފަސްވެދާނެއެވެ.