ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ނުރައްކަލުގެ ދެހަފުތާ ފެށުން: ހިތްވަރުގެ ވަގުތު!

ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މާދަމާއަށް 70 ދުވަސް ވާނެ އެވެ. މާލެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް މަސް ދުވަސްވީ އެވެ. ބަލީގެ ހާލަތު ގޯސްވެ، ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ ހާހަކާއި ކައިރިކޮށްފަ އެވެ. މިހާރު 982 މީހުންނަށް ބަލި ޖެހިފައިވާއިރު ކޮންމެ ދުވަހު ވެސް އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.

ސިއްހީ މާހިރުން ގެންދަވަނީ ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން އަދި އެ ހާލަތު ބަދަލުވަމުންދާ ގޮތުގެ ތަފާތު ދިރާސާތައް ވެސް ކުރައްވަމުންނެވެ. ސިއްހީ މާހިރުންގެ އަންދާޒާގައި ކުރިއަށް އޮތީ އެންމެ ނާޒުކު ދެ ހަފުތާ އެވެ. އެ ދެ ހަފުތާފެ މުއްދަތު މިއަދު މި ފެށުނީ އެވެ. މި ދުވަސްތަކުގައި ބަލީގެ ހާލަތު ޕީކަށް ދާނެ ކަމަށް އެ ބޭފުޅުންނަށް ލަފާ ކުރެއްވެ އެވެ. އެ ގޮތުން މި މަހުގެ 31 ވަނަ ދުވަހަކީ އެ ދުވަސް ކަމަށް ވަނީ ލަފާވެފައެވެ. ބަލީގެ ހާލަތު ޕީކަށް ދާއިރު ހަމައެކަނި އައިސީޔޫގައި ވެސް 100 މީހުންނަށް ފަރުވާދޭން ޖެހޭނެ އެވެ.

އާ ޕްރޮޖެކްޝަންސްގެ އަންދާޒާތައް

  • 77،305 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް
  • 900 މީހުން މަރުވެދާނެ
  • ޕީކް ޑޭ ގައި 1،562 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާވޭ
  • އެ ދުވަހު ދެނެގަނެވޭނީ 390 ކޭސް ކަމަށް ލަފާވޭ
  • 13،568 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ
  • ޕީކް ޑޭ ގައި 12 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ
  • މި މުއްދަތުގައި 101 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ
  • ދުވާލަކު 300 މީހުން ޕޮޒިޓިވްވުމަކީ އެކަށީގެންވާ ކަމެއް

ސިއްހީ މާހިރުންގެ އަންދާޒާ އޮތީ މިގޮތަށެވެ. މިއީ ކުރިން އެ ބޭފުޅުން ކުރެއްވި ލަފާކުރުންތަކެއް ނޫނެވެ. ކުރިން ލަފާކުރެއްވީ މިއަށްވުރެ މާ ބޮޑު އަދަދުތަކެކެވެ. ބަލި ޖެހޭނެ ކަމަށް ލަފާކުރެއްވި ނިސްބަތް ވެސް ލައްކައިން މަތީގައި ހުއްޓެވެ. މަރުވާނެ ކަމަށް ލަފާކުރި އަދަދުވެސް ހުރީ 2،000 ގައެވެ. މީގެ އިތުރުން ޕީކް ޑޭގައި 3،000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ދެއްކި އެވެ.

ކޮވިޑާ ގުޅިގެން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކަށް އާންމުން ދިން ސަލާމުކަމާއެކު އެ އަދަދުތައް ދަށް ކުރެވުނީ އެވެ. އުފާވެރި ހަބަރަކަށްވާނީ ލޮކްޑައުންގައި ތިބެ، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާނަމަ މިހާރުގެ އަންދާޒާވެސް ބަދަލު ކުރެވުމެވެ. އޭގެ ހެކިތައް މިހާރުވެސް ވަނީ ފެންނަން ފަށާފަ އެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި ކޮވިޑްގެ ހާލަތު ދެން އިތުރަށް ގޯސްވެގެނެއް ނުދާނެ އެވެ. އަދި ކޮވިޑްގެ ސާޖް ލަފާ ކުރި ވަރަށް ވުރެ ދަށް ކުރެވޭނެ ކަމަށް މިހާރު ގަބޫލުކުރެވެ އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި ބަލި އޮތް މިންވަރު ދެނެގަތުމަށް އެންމެ މުހިންމީ ޓެސްޓް ކުރާ މިންވަރު އިތުރު ކުރުން ކަމަށްވި ނަމަވެސް އެނޫން ގޮތްގޮތުން ވެސް މުޖްތަމައުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަނެވިދާނެ އެވެ. ބައެއް މިސާލުތައްވެސް އޭނާ ދެއްވަ އެވެ. އެއް ކަމަކަށް ހޮސްޕިޓަލްތަކަށް ދައްކަން ދާ މީހުން އިތުރުވުމާއި، ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވާނެ އެވެ. ނަމަވެސް އެއިން ކަމެއް ފާހަގަކުރެވިފައެއް ނުވާނެ އެވެ.

"ޓެސްޓިން ކެޕޭސިޓީ ހަމަ މިގޮތަަށް ހުއްޓަސް އެހެން ދިމަ ދިމާލުން އެނގޭނެ، ސަރޮގޭޓް އިންޑިކޭޓާސް އޭ މިކިޔާ ދިމަ ދިމާލުން އަަޅުގަނޑުމެންނަށް އެނގޭ އެ އިތުރު ވާނަމަ. އެހެންވީމަ އަޅުގަނޑުމެން މި އުންމީދު ކުރަނީ ސާޖް އަޔަސް އަންނާނީ ވަރަށް ލޯ ސާޖެއް ކަމަށް،" އަފްޒަލް ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު

  • ކޮވިޑް ޖެހިފައި ވަނީ 982 މީހަކަށް
  • ބަލިން ރަނގަޅުވީ 46 މީހުން
  • ފަރުވާ ހޯދަމުންދަނީ 936 މީހުން
  • ބަލީގައި މަރުވީ ހަތަރު މީހުން

ހާލަތު ބަދަލުވާނީ އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވަމުންދާ މިންވަރަކުންނެވެ. އަފްޒަލް ވިދާޅުވި ގޮތުގައި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް އާންމުން ބޯލަނބާ މަންޒަރު ފެނެ އެވެ. އަދިވެސް ފިޔަވަޅުތަކަށް އިތުރަށް ތަބާވާން ޖެހެ އެވެ.

ކޮވިޑްގެ ބަލިމަޑުން ރައްކާތެރިވުމަށްޓަކައި މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދު އޮންނާނީ ލޮކްޑައުންގަ އެވެ. ރަށްރަށުގައިވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެ ފިޔަވަޅުތަކުން ބޭރު ނުވެ ތިބުން ވަރަށް މުހިންމުވެ އެވެ.

ޓެސްޓިން ކެޕޭސިޓީ ހަމަ މިގޮތަަށް ހުއްޓަސް އެހެން ދިމަ ދިމާލުން އިނގޭނެ، ސަރޮގޭޓް އިންޑިކޭޓާސް އޭ މިކިޔާ ދިމަ ދިމާލުން އަަޅުގަނޑުމެންނަށް އެނގޭ އެ އިތުރު ވާނަމަ. އެހެންވީމަ އަޅުގަނޑުމެން މި އުއްމީދުކުރަނީ ސާޖް އަޔަސް އަންނާނީ ވަރަށް ލޯ ސާޖެއް ކަމަށް
ޑރ. އިބްރާހިމް އަފްޒަލް | އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް

އަފްޒަލް ވިދާޅުވި ގޮތުގައި ލޮކްޑައުން ތެރޭގައި "ޓްރޫ ޕީކެއް" ފެނުމުގެ ފުރުސަތު ކުޑަ ވާނެ އެވެ. ހަމައެކަނި ޕީކަށް ދާނީ ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ތަނަކުން އެއް ފަަހަރާ ގިނަ ބަޔަކު ޕޮޒިޓިވް ވެގެނެވެ. ނޫނީ މުއައްސަސާއެއްގެ އެންމެން ކަހަލަ ގޮތަކަށް ޕޮޒިޓިވެގެނެވެ.

މިދިޔަ ދުވަސްތަކުގައި އެފަދަ ކަމެއްވެސް ފެނިފައެއް ނެތެވެ. އަދި ކުރިން ޕޮޒިޓިވްވަމުން އައި އަދަދުވެސް މަދުވެފައި ވެއެވެ. ކޮންމެ ދުވަހަކު 400 އެއްހާ ޓެސްޓް ކުރެވޭއިރު މި ހަފުތާގައި ވެސް އާންމުކޮށް ޕޮޒިޓިވި އަދަދު އޭގެ ކުރީ ހަފުތާއަށްވުރެ ވަނީ ދަށްވެފަ އެވެ.