އޭއެފްސީ ކަޕް

ދަގަނޑޭ ހުރުމުން އޮތް އެޑްވާންޓޭޖު ބޮޑު: ޝާޒް

ހަތަރު ބިދޭސީ ކުޅުންތެރިންގެ ފަރާތުން ޓީމަށް ލިބޭ އެޑްވާންޓޭޖަށް ވުރެ އަލީ އަޝްފާގް (ދަގަނޑޭ) ގެ ފަރާތުން ޓީމަށް ލިބޭ އެޑްވާންޓޭޖު ބޮޑު ވާނެ ކަމަށް ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން، ޝާޒް ބުނީ، ބޮށުންދަރާ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރު އޭނާއަށް އެނގޭ ކަމަށެވެ. ބަންގުލަދޭޝްގެ ބައެއް ކުލަބުތަކާ ދެކޮޅަށް މީގެ ކުރިން ނުކުމެފައިވާ ޓީސީން ވަނީ، މިދިޔަ އަހަރު އޮކްޓޯބަރުގައި އެ ގައުމުގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި ވާދަ ކޮށްފަ އެވެ. ޓީސީ އަކީ އެ މުބާރާތުގެ ކުރީގެ ޗެމްޕިއަނެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ޓީސީއަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވުމުން ބަންގުލަދޭޝްގެ މީޑިއާއިން ވަނީ ޓީސީގެ މިހާރުގެ ފެންވަރާ މެދު ސުވާލު އުފައްދާފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން ޝާޒް ބުނީ ޖަނަވަރީގެ ޓްރާންސްފާގައި ޓީސީއަށް އައި ކުޅުންތެރިންނާއެކު އެ ޓީމު މިހާރު ބަދަލު ވެއްޖެ ކަމަށެވެ. އަދި މިހާރު އޮތް ޓީމާމެދު އިތުބާރު އެބައޮތް ކަމަށް ޑިސެމްބަރު މަހު ޓީސީއާ ހަވާލުވި ޝާޒް ބުންޏެވެ.

އަޝްފާގް ޓީމަށް ބަދަލުވީ، ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގަ އެވެ.

"އަހަރެމެން ބޭނުންވީ އޭއެފްސީ ކަޕަށް ސްކޮޑު ވަރުގަދަ ކުރަން، އެހެންވެ އަހަރެމެން އަޝްފާގް ގެނައީ ލީގްގެ ތިން ވަނަ ބުރުގައި،" ޝާޒް ބުންޏެވެ. "އޭނަ ހުރުމުން ސްކޮޑް އިތުރަށް ވަރުގަދަ ކޮށްދޭނެ، އަޝްފާގް ޓީމުގައި ހުރުމުން ބިދޭސީ ކުޅުންތެރިންނަށް ވުރެ އޭނާގެ މުހިންމުކަން ފާހަގަ ވޭ."

ބޮށުންދަރާ ކިންގްސް އާ ބެހޭގޮތުން ޝާޒް ބުނީ އެއް ޓީމެއް ނަގާނަމަ، ފޭވަރިޓަކީ އެ ޓީމު ކަމަށް ބުނެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ގުރޫޕްގައި އޮތް ހަތަރު ޓީމަށް ވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެއްވަރަށް އެބައޮތް ކަމަށެވެ.

ޓީސީގެ ކެޕްޓަން އަހްމަދު ފައްރާހް (ފައްރަ) ބުނީ، ޑިސެމްބަރު މަހުން ފެށިގެން ސީދާ އޭއެފްސީ ކަޕަށް ހާއްސަކޮށް ޓީސީގެ ޓީމުން ތައްޔާރު ވަމުންދާ ކަމަށެވެ.

ޓީސީގެ އިތުރުން ރާއްޖޭގެ މާޒިޔާވެސް ގުރޫޕް ސްޓޭޖުގައި އިންޑިއާގެ ޗެންނާއީ ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ. ބޮށުންދަރާ ކިންގްސް އާ ޓީސީ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދުރު ފަހު 2:30 ގަ އެވެ. ޗެންނާއީ ސިޓީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 7:00 ގަ އެވެ.