ކޮވިޑް-19 އާ ގުޅިގެން ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ، އޭއެފްސީ ކަޕް ކެންސަލް ކުރުމަށް އޭއެފްސީން ވިސްނަމުންދާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިންޑާިގެ އެންމެ ބޮޑު ނޫސް ޓައިމްސް އޮފް އިންޑިއާއިން ބުނީ، އޭއެފްސީ ކަޕް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން، އޭއެފްސީގެ ކޮމްޕެޓިޝަން ކޮމިޓީގެ ލަފަ އަކަށް އޭއެފްސީން އެދިފައިވާ ކަމަށެވެ. އޭއެފްސީ ކަޕްގެ ގްުރޫޕް އީ ގެ ބާކީ މެޗުތައް އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އޭއެފްސީ ކަޕްގެ އާ ފޯމެޓަށް 2017 ވަނަ އަހަރު އަމަލު ކުރަން ފެށި ފަހުން މި އަހަރަކީ ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމު ވާދަ ކުރާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޓީސީ އާއި މާޒިޔާގެ އިތުރުން ދެން އެ ގުރޫޕްގައި ހިމެނެނީ އިންޑިއާގެ ޗެންނާއީ ސިޓީ އާއި ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އެވެ.
އޭއެފްސީ ކަޕް ކެންސަލް ކުރަން އުޅޭ ވާހަކަތައް ބަންގުލަދޭޝްގެ މީޑިއާތަކުން ވެސް ރިޕޯޓް ކުރި އެވެ. ޓައިމްސް އޮފް އިންޑީއާ އާ ވާހަކަ ދެއްކި އޭއެފްސީގެ އޮފިޝަލަކު ބުނެފައި ވަނީ އޭއެފްސީ ކަޕް ކުޅެން ހަމަޖެހިފައިވާ ބައެއް ގައުމުތަކުގައި ކޮރޯނާ ވައިރަސްގެ ހާލަތު ގޯސް ކޮށް އޮތުމުން މުބާރާތް ކުރިއަށް ގެންދިއުމަށް އުނދަގޫ ވެފައިވާ ކަމަށެވެ. ވައިރަސްގެ ސަބަބުން، އޭއެފްސީން ނިމާފައި ވަނީ އެކި ގުރޫޕް މެޗުތައް އެ ގުރޫޕް ހިމެނޭ ޓީމު ނިސްބަތްވާ ކޮންމެވެސް އެއްގައުމެއްގައި ކުޅުމަށެވެ. ގުރޫޕް އީގެ މެޗުތައް ރާއްޖޭގައި ކުޅެން ނިންމާފައި ވަނީ އެ އުސޫލުގެ ދަށުންނެވެ.
"އޭއެފްސީން ވަރަށް މަސައްކަތް ކޮށްފި މުބާރާތް ކުރިއަށް ގެންދެވޭތޯ، ނަމަވެސް އެއީ އަދި ކުރެވެން އޮތް ކަމެއްގެ ގޮތުގައި ފެންނާނަކަށް ނެތް، ބައެއް ގުރޫޕްތަކުގައި މުބާރާތް ހޯސްޓް ކުރާނެ ގައުމެއްވެސް އަދި ނުވޭ، މެޗުތައް ކުޅެން ހަމަޖެހިފައިވާ އެހެން ގައުމުތަކުގައި އޮތީވެސް އުނދަގޫ ހާލަތެއް ކުރިމަތި ވެފަ،" ޓައިމްސް އޮފް އިންޑިއާ އާ ވާހަކަ ދެއްކި އޭއެފްސީގެ އޮފިޝަލް ބުންޏެވެ. "މިސާލަކަށް އާސިއާން ސަރަހައްދުގެ ދެ ގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައި ވާ ވިއެތުނާމްގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން ވަނީ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލާފަ."
އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާއިން ވަނީ މިހާރު ޕްރެކްޓިސް ފަށާފަ އެވެ. ފެށޭ ހަފުތާގައި ޓީސީންވެސް ޕްރެކްޓިސް ފަށާނެ ކަމަށް އެ ޓީމުން ބުންޏެވެ. ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށީ އެފްއޭއެމުން އެކުލަވާލި ގައިޑްލައިނަށް އެޗްޕީއޭއިން އެޕްރޫވް ދިނުމުންނެވެ.
ގުރޫޕް ސްޓޭޖުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ޗެންނާއީގައި، ޗެންނާއީ ސިޓީއާ ދެކޮޅަށް 2-2 ން އެއްވަރު ކޮށްފަ އެވެ. ޓީސީ ކުޅުން ފުރަތަމަ މެޗުގައި ޑާކާގައި ބޮށުންދަރާ ކިންގްސް އަތުން ބަލިވީ 5-1 ންނެވެ.
ހަމަޖެހިފައިވާ ގޮތުން އެ ގުރޫޕްގެ ބާކީ މެޗުތަށް ކުރިއަށް ދާނީ އޮކްޓޯބަރު 23 ން ނޮވެމްބަރު ހަތަރަކަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުތަކުގައި ކޮންމެ މެޗުޑޭ އެއްގައި ހަވީރާއި ރޭނގަނޑު މެޗުތައް ކުޅޭނެ އެވެ.
އޭއެފްސީ ކަޕް ކެންސަލް ކުރުމުގެ ވިސްނުން އޭއެފްސީން ގެންގުޅުނު ނަމަވެސް، އޭއެފްސީގެ އެއް ވަނަ ކުލަބު މުބާރާތް އޭއެފްސީ ޗެމްޕިއަންސް ލީގް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ޓައިމްސް އޮފް އިންޑިއާ އާ ވާހަަކ ދެއްކި އޮފިޝަލް ބުނީ، ޗެމްޕިއަންސް ލީގްގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގައުމުތަކުގެ ހާލަތު ރަނގަޅު ކަމަށާއި އެ ގައުމުތަކުގައި މިހާރުވެސް ފުޓްބޯޅަ ފަށަފައިވުމުން ޗެމްޕިއަންސް ލީގް ކުރިއަށް ގެންދެވޭނެ ކަމަށެވެ.