އޭއެފްސީ ކަޕް

އޭއެފްސީ ކަޕް ކެންސަލް ނުކުރާނެ

އޭއެފްސީ ކަޕް ކެންސަލް ނުކޮށް ކުރިއަށް ގެންދާނެ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނެފި އެވެ.

މިއަދު ނެރުނު ބަޔާނެއްގައި އޭއެފްސީން ބުނީ އޭއެފްސީ ކަޕް ކެންސަލް ނުކުރާނެ ކަމަށާއި، ނަމަވެސް މުބާރާތުގެ ނޮކްއައުޓް ސްޓޭޖުން ފެށިގެން ކުރިއަށް ގެންދާނީ އެއް ލެގަށް ކަމަށެވެ.

އޭއެފްސީގެ އެގްޒެކިއުޓިވް ކޮމިޓީން މިއަދު ނިންމީ އޭއެފްސީ ކަޕް 2021ގެ ނޮކްއައުޓް ސްޓޭޖް އަދި އޭއެފްސީ ޗެމްޕިއަންސް ލީގު 2021ގެ ކުއާޓާ ފައިނަލުން ފެށިގެން ހޯމް އެންޑް އަވޭ ނުކުޅެ އެއް ލެގަށް މުބާރާތް ކުރިއަށް ގެންދިއުމަށެވެ.

މިގޮތަށް އޭއެފްސީން ނިންމާފައިވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކަށް ބަލައި ދަތުރުކުރުން މަދު ކުރުމުގެ ގޮތުންނެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި މުބާރާތް ހިންގާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕް ސެންޓްރަލައިޒް ކޮށްގެން ކުރިއަށް ގެންދިއުމަށް ވެސް އޭއެފްސީގެ އެކްސްކޯއިން މިއަދު ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖްގެ ބާކީ ހުރި މެޗުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަން ފާހަގަކުރަމުން، ކޮވިޑްގެ ހާލަތަށް ބަލައި އެމެޗުތައް ކެންސަލް ކުރަން ޖެހޭ ފަދަ ހާލަތެއް އަތުވެދާނެ ކަމަށްވެސް އޭއެފްސީގެ ބަޔާނުގައިވެ އެވެ.

ރާއްޖެއިން އޭއެފްސީ ކަޕުގައި ބައިވެރިވި މާޒިޔާ އާއި އީގަލްސްގެ ބައެއް މެޗުތައް އަދި ނުނިމެ އެވެ. މިދިޔަ މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް ކޮވިޑްގެ ހާލަތާއި އެކު ނުބޭއްވުމުން މިހާރު އެމެޗުތައް ކުޅޭނެ ތަނެއް ހޯދުމުގެ މަސައްކަތް އޭއެފްސީން އަންނަނީ ކުރަމުންނެވެ.