އޭއެފްސީ ކަޕްގައި، މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުޅެން ހަމަޖެހިފައިވާ މެޗުތައް ހިމެނޭ ގޮތަށް، އޭއެފްސީ ކުލަބު މުބާރާތްތަކުގެ ހުރިހާ މެޗެއް މުއްދަތެއް ނެތްގޮތަށް ފަސް ކޮށްފި އެވެ.
އޭއެފްސީން އިއްޔަ ނެރުނު ބަޔާބުގައި ބުނެފައި ވަނީ، ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އާންމު ހާލަތަކަށް އެޅިފައި ނުވާތީ އަންނަ މަހާއި ޖޫންގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ވަކި އެއްޗެއް އަންގަންދެން ފަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕްގެ މެޗުތައް އެ ކޮންފެޑްރޭޝަނުން އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ މަހު އެވެ. މިދިޔަ މަހު 17 ވަނަ ދުވަހު އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި މަހު ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ
އޭއެފްސީ ކަޕްގައި ރޭއްޖެއިން، ގުރޫޕް ސްޓޭޖުގެ ސީދާ ޖާގަ ލިބުނީ، 2018 ވަނަ އަހަރުގެ ލީގް ޗެމްޕިއަން ޓީސީ އަށެވެ. މާޒިޔާ އޭއެފްސީ ކަޕްގެ ޖާގަ ހޯދީ، އެ އަހަރުގެ ލީގްގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަކޮށް، އިންޑިއާގެ ބެންގަލޫރު އެފްސީ ފަހަތަށް ޖައްސާ ލުމަށް ފަހު އެވެ.
އޭއެފްސީން މެޗުތައް، އިތުރަށް ސަސްޕެންޑް ކުރުމުން، އަންނަ މަހު 17 ވަނަ ދުވަހު ޓީސީގެ ހޯމް މެޗުގެ ގޮތުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި 26 ވަނަ ދުވަހު، ޗެންނާއީ އާ ދެކޮޅަށް މާޒިޔާ ކުޅެން ހަމަޖެހިފައިވާ ދެ ވަނަ ލެގް މެޗުވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. ފުރަތަމަ ލެގްގައި މި ދެ ޓީމު ޗެންނާއީ ސިޓީގައި ކުޅުނު މެޗު، ނިމުނީ 2-2 އެއްވަރު ވެގެންނެވެ.
އަންނަ މަހުގެ 27 ވަނަ ދުވަހު ޓީސީ އާއި ބޮށުންދަރާ ކިންގްސް މާލޭގައި ކުޅެން ހަމަޖެހިފައިވާ މެޗުވެސް ވަނީ ފަސް ކޮށްފަ އެވެ. މި ދެ ޓީމު ބަންގުލަދޭޝްގައި ކުޅުނު މެޗުން ޓީސީ ބަލިވީ 5-1 ންނެވެ. ޖޫން މަހު 17 ވަނަ ދުވަހު މާޒިޔާ އާއި ބޮށުންދަރާގެ މެޗު ޓީސީ އާއި ޗެންނާއީ މެޗު ވަނީ ފަސް ކޮށްފަ އެވެ.
އެހެން ސަރަހައްދުތަކުގެ މެޗުތައް ފަސް ކުރުމުގެވެސް މާ ކުރިން އޭއެފްސީން ވަނީ، އޭޝިއާގެ ވެސްޓް ޒޯންގެ ގުރޫޕް ސްޓޭޖުގެ ބައެއް މެޗުތައް ފަސް ކޮށްފަ އެވެ. އެއީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ އެ ސަރަހައްދުގައި މާބޮޑަށް އޮތުމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. ސީޒަން އަލުން ނުފެށި ގިގު މުއްދަތެއް ހޭދަވެ ދާނެ ކަމަށް ބެލެވުމުން، އެފްއޭއެމުން ވަނީ ރާއްޖޭގެ ޑޮމެސްޓިކްސް ސީޒަން ނިންމާލާފަ އެވެ. ސީޒަން ނިންމާލިއިރު އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ޓީމުތައް ވަނީ ދަތުރު ކޮށްފަ އެވެ.