ބަންގުލަދޭޝްގައި ނުބޭއްވޭނެތީ، އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމަކީ، ބޮށުންދަރާ ކިންގްސްއަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް، އެ ކުލަބުން ބުނެފި އެވެ.
ބޮޑުންދަރާގެ މާކެޓިން އަދި މީޑިއާ މެނޭޖަރުކަންވެސް ކުރާ އަހްމަދު ޝައިޙް ވިދާޅުވީ، ބަންގުލަދޭޝްގައި މުބާރާތް ބޭއްވެނެތޯ އެ ޓީމުގެ ފަރާތުން ބެލި ކަމަށާއި، ބަންގުލަދޭޝްގައި މުބާރާތް ނުބޭއްވޭނަމަ ދެން އެންމެ ރަނގަޅު ގައުމަކަށް ފެނުނީ ރާއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެމެންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ބަންގުލަދޭޝްގައި މުބާރާތް ބޭއްވުން، އެކަމަކު ބަންގުލަދޭޝްގައި މުބާރާތް ބޭއްވެން ނެތުމުން އަހަރެމެންވެސް އޭއެފްސީއަށް އެންގިން އަހަރެމެންވެސް މުބާރާތް ބާއްވަން ބޭނުމީ ރާއްޖޭގައޭ،" ބަންގުލަދޭޝްގެ ދަ އިންޑިޕެންޑެންޓް ނޫހަށް ދިން އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ. "އިންޑިއާއަށް ވުރެ ރާއްޖޭގައި މުބާރާތް ބޭއްވުން އަހަރެމެންނަށްވެސް މާ ރަނގަޅު، އެއީ ބައެއް ފަހަރު ބިދޭސީ ކުޅުންތެރިންނަށް ގައުމުތަކަށް އެތެރެވުމުގައި އުނދަގޫ ކަންތައްތަކެއް ހުރޭ، ރާއްޖޭގައި އެކަހަލަ ކަމެއް ދިމާނުވާނެތީ އަހަރެމެންވެސް ބޭނުންވީ ރާއްޖޭގައި ބާއްވަން."
އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ މިސަރަހައްދުގެ ޒޯންގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާއި މާޒިޔާ ވާދަ ކުރެ އެވެ. ބަންގުލަދޭޝްއިން ބޮށުންދަރާ ވާދަ ކުރާއިރު އިންޑިއާއިން ވާދަ ކުރަނީ ޗެންނާއީ ސިޓީ އެވެ. މާޗް މަހު މުބާރާތް މެދުކަނޑާލިއިރު ކޮންމެ ޓީމެއްވެސް ވަނީ އެއް މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތީ ޓީސީ އަތުން 5-1 ން ބަންގުލަދޭޝްގައި މޮޅުވި ބޮށުންދަރާ ކިންގްސް އެވެ. މާޒިޔާ އާއި ޗެންނާއީ، ޗެންނާއީގައި ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.
ނިއު ރޭޑިއަންޓަށް ކުރިން ކޯޗް ކޮށްދިން ސްޕެއިންގެ އޮސްކާ ބުރުޒޯން ބަރޭރަސް ކޯޗް ކޮށްދޭ ބޮށުންދަރާ އިން ވަނީ އޭއެފްސީ ކަޕަށް ތައްޔާރު ވުމުގެ ގޮތުން، ލޯން އެއްބަސްވުމުގެ ދަށުން ބްރެޒިލްގެ ފުލްމިންސޭ އަށް ކުޅެމުން ދިޔަ ވިންގާ ރޮބްސަން އަޒްވޭޑޯގެ ސޮއި ހޯދާފަ އެވެ. ރޯބީނިއޯގެ ނަމުން މަޝްހޫރު ވެފައިވާ ފޯވަޑް ބޮށުންދަރާއާ ގުޅޭނީ އަންނަ މަހު އެވެ. އަންނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހާ ހަމައަށް ބޮށުންދަރާ ކިންގްސްގައި އޭނާ މަޑު ކުރާނެ އެވެ.