އޭއެފްސީ ކަޕް

ދެ ކުލަބު އޭއެފްސީ ކަޕްގައި، ފުޓްބޯޅައަށް އިތުބާރު

އޭއެފްސީ ކަޕްގެ އާ ފޯމެޓް 2017 ވަނަ އަހަރު އަމަލު ކުރަން ފެށުމާއެކު، ދެކުނު އޭޝިއާގެ ސަރަހައްދުގެ ޓީމުތައް ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ލީގްގެ ރޭންކިންއަށް ބަލައި ސަރަހައްދުގެ އެންމެ ވަރުގަދަ ތިން ލީގް ހިމޭނެ ތިން ގައުމުގެ ލީގް ޗެމްޕިއަނުންނަށް ގުރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބެ އެވެ. އެއީ އިންޑިއާގެ އައި ލީގް، ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގް އަދި ބަނގުލަދޭޝްގެ ޕްރިމިއާ ލީގެވެ.

ހަތަރު ވަނަ ޖާގަ އަށް ވާދަ ކުރަން ޖެހޭނީ ސަރަހައްދުގެ ހުރިހާ ގައުމަކުން އަންނަ ޓީމުތަކަށެވެ. ލީގްގެ އެއް ވަނަ ނުވަތަ ފެޑްރޭޝަން ކަޕް ނުވަތަ ލީގްގެ ދެ ވަނަ ޓީމެވެ. އިންޑިއާ، ރާއްޖެ، އަދި ބަނގުލަދޭޝްއިން ހަތަރު ވަނަ ޖާގައަށް ވާދަ ކުރަނީ ލީގްގެ ދެ ވަނަ ޓީމު ނުވަތަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަނުންނެވެ. އެ ފޯމެޓްގެ ސަބަބުން އެޑްވާންޓޭޖު އޮތީ އިންޑިއާއަށް ކަން އޭރު ވާހަކަވެސް ދެކެވުނެވެ. އެއީ އިންޑިއާއިން ދެ ކުލަބަށް އޭއެފްސީ ކަޕްގެ ޖާގަ ލިބެން އޮތް ފުރުސަތެއް ކަމުގައި ބެލެވުނެވެ. މިދިޔަ އަހަރާ ހަމައަށް އިންޑިއާގެ ދެ ޓީމުން ގުރޫޕް ސްޓޭޖުގައި ވާދަ ކުރި އެވެ.

އިންޑިއާގެ ކުލަބުތަކަކީ، ސަރަހައްދުގެ އެހެން ގައުމުތަކުގެ ކުލަބުތަކަށްވުރެ މާލީ ގޮތުން ވަރުގަދަ ކުލަބުތަކެކެވެ. ކުޅުންތެރިންނަށާއި ޓީމުގެ ޑިވްލޮޕިން ޕްރޮޖެކްޓްތަކަށް ކުރާ ހަރަދުތަކާ ބަލާއިރު މި ސަރަހައްދުގެ އެހެން ގައުމެއްގެ ކުލަބުތަކަށް އެއާ ގާތް ކުރާ މިންވަރަށްވެސް އިންވެސްޓް ނުކުރެވެއެވެ. ހާއްސަކޮށް ރާއްޖޭގެ ގިނަ ކުލަބުތަކަކީ ފައިނޭންޝިއަލީ މާބޮޑު ސްޓްރެންތެއް ހުރި ކުލަބުތަކެއް ނޫނެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު ވިޔަފާރިގެ ބޮޑު ބްރޭންޑްތަކުން ފުޓްބޯޅަ އާއި ކުޅިވަރަށް ކުރާ އިންވެސްޓްމެންޓް ކުޑަ އެވެ.

ފުޓްބޯޅައިގައި އެކަށީގެންވާ ވަސީލަތްތަކެއް ނެތިވެސް މިފަހަރުގެ އޭއެފްސީ ކަޕާއި ރާއްޖެ ކުރިމަތި ލަނީ ބޮޑު ކާމިޔާބަކާ އެކެ އެވެ. ސަރަހައްދުގެ ވަރުގަދަ ބާރު އިންޑިއާގެ ބެންގަލޫރު އެފްސީ ފަހަތައް ޖައްސާލުމަށް ފަހު ރާއްޖޭގެ މާޒިޔާއިން ވަނީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދާފަ އެވެ. މިއީ އާ ފޯމެޓްގައި އިންޑިއާއިން ބޭރުން، ސަރަހައްދުގެ އެހެން ގައުމެއްގެ ދެ ޓީމު އޭއެފްސީ ކަޕްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. މާޒިޔާއިން ހޯދި ކާމިޔާބާއެކު ދިވެހި ފުޓްބޯޅައަށް އިތުބާރު ލިބިއްޖެއެވެ.

މާޒިޔާގެ ކުޅުންތެރިން ކުރި ހިތްވަރާއި މެނޭޖުމެންޓުން އެކަމަށްޓަކައި ކުރި މަސައްކަތައް ތައުރީފް ހައްގެވެ. އޭއެފްސީ ކަޕްގެ ފުރުސަތެއް މިދިޔަ އަހަރު ރާއްޖެއަކަށް ނުލިބުނެވެ. ކުލަބު ލައިސެންސް ފުރިހަމަ ކުރުމުގައި ރާއްޖޭގެ ކުލަބުތަކަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތުމުންނެވެ. އެކަން ކުލަބުތަކުންނާއި އެފްއޭއެމުން ބަލައިގަތީ ފިލާވަޅެއްގެ ގޮތުގަ އެވެ. މި އަހަރުގެ ސީޒަނުން ފެށިގެން ލީގްގައި ވާދަ ކުރާ ކުލަބުތައް ލައިސެންސިން ފުރިހަމަ ކުރުވުމަށް އެފްއޭއެމުން މަސައްކަތްތައް ފެށި އެވެ.

ރާއްޖޭގެ ހަ ކުލަބަށް އޭއެފްސީ ކަޕްގެ ކުލަބު ލައިސެންސް މި އަހަރު ލިބުނެވެ. މިއީ ކުލަބު ލައިސެންސިން ތާރީހްގައި ރާއްޖޭގެ ރެކޯޑެކެވެ. އޭއެފްސީ ކަޕަށް ތައްޔާރު ވުމަށް ރާއްޖެއިން ވާދަ ކުރާ ދެ ކުލަބަށް އެފްއޭއެމުން ގިނަ ފުރުސަތުތަކެއް ހޯދައިދިނެވެ. ސައުދީ އަރަބިއްޔާ އާއި ގަތަރުން ޓްރޭނިންގެ ފުރުސަތުތައް ފަހި ކޮށްދިނެވެ. އޭއެފްސީ ކަޕްގައި ވާދަ ކުރާ ރާއްޖޭގެ ކުލަބުތަކަށް މީގެ ކުރިން އެއްބާރުލުން ދީފައި ނުވާ މިންވަރަށް އެފްއޭއެމުން ކުލަބުތަކަށް މިފަހަރު އެހީވި އެވެ. ޓްރޭނިން ކޭމްޕްގެ އިތުރުން ޝެޑިއުލްއަށް ގެންނަން ޖެހޭ ބަދަލުތައްވެސް މިފަހަރު ގެނެސްފައި ވަނީ ފަސޭހަ ކަމާއެކު އެވެ.

މާޒިޔާއިން ވަނީ 2017 ވަނަ އަހަރުވެސް މަރުޔާން ސެކްލޮވްސްކީގެ ކޯޗް ކަމުގައި އޭއެފްސީ ކަޕްގައި ވާދަ ކޮށްފަ އެވެ. އޭރު ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗު ކުރިމަތީގައި އޮއްވައި މާލޭ ލީގްގައި މާޒިޔާގެ ޝެޑިއުލް ލުއި ކޮށް ނުދިނުމުން ސެކްލޮސްކީގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ފާޅު ކުރި އެވެ. އެހެންނަމަވެސް މި ފަހަރު އެފްއޭއެމުން ވަނީ ޝެޑީއުލުންވެސް މާޒިޔާއަށް ލުއިކޮށް ދީފަ އެވެ.

މާޒިޔާއަށްވެސް އޭއެފްސީ ކަޕްގެ ފުރުސަތު ލިބުމާއެކު ކުރިއަށް އޮތް އެފްއޭ ކަޕްގެ ޝެޑިއުލަށްވެސް އެފްއޭއެމުން ވަނީ ބަދަލު ގެނެސްފަ އެވެ. އޭއެފްސީ ކަޕްގެ ފުރުސަތު ރާއްޖޭގެ ދެ ޓީމަށް ލިބުމާއެކު އޭގެ ފައިދާ ގައުމީ ޓީމަށްވެސް ކުރާނެ އެވެ. ކުޅުންތެރިންނާއި ކުލަބުތަކަށް ޖުމުލަކޮށް މުޅި ފުޓްބޯޅައަށް ލިބުނު އިތުބާރަކަށް މިކަން ވާނެ އެވެ.