އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތަށް ދިގު ދެމިގެން ދިޔަ އޭއެފްސީ ކަޕް ބުރެކެޓެ ޗެލެންޖު ބޮޑު ތަފާތަކުން ރާްއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކޮށްފި އެވެ.
އޭއެފްސީ ކަޕް މިދިޔަ 10 އަހަރު ތެރޭ ޖެހި އެންމެ މޮޅު ގޯލް ހޮވުމަށް، އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ކުރިއަށް ގެންދިޔަ އޭފްސީ ބުރެކެޓް ޗެލެންޖުގައި، އޭއެފްސީން ހިމަނާފައިވާ އަޝްފާގްގެ ގޯލަކީ، މީގެ ކުރިން އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ގޯލްގެ ކެޓަގަރީން އެއް ވަނަ ހޯދި ގޯލެވެ.
އަޝްފާގްގެ ލަނޑަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ކާމިޔާބު ކުރީ އާދަޔާ ހިލާފް މޮޅު ލަނޑެކެވެ. މާޗް 2013 ގައި ޕާސިބޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗު، ނިއު އިން ކާމިޔާބު ކުރީ 7-0 އިންނެވެ.
އެ ލަނޑުޖަހަން މުހައްމަދު އުމޭރު، އަޝްފާގަށް ބޯޅަ ދިނީ ޕާސިބޯގެ ހާފުގެ ތެރޭގައި އަޝްފާގް އޮފްސައިޑް މަޅިން ނެއްޓި ހުސްކޮށް ހުއްޓަ އެވެ. ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އަޝްފާގް އޭރިއާ ތެރެއަށް ވަންނަން ދިޔައިރު އޭނާގެ ފަހަތުން ޕާސިބީގެ ތިން ޑިފެންޑަރު ދުވެފައި އާދެ އެވެ. އެ ތިން ޑިފެންޑަރުންނަށް އޭރިއާ ތެރެއަށް ވަދެ ބޯޅަ ހޯދަން ވިއްދުނީ، ޕާސިބޯގެ ކީޕަރު ނައްޓާލައި އަޝްފާގް ހުސްކޮށް ގޯލް އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ޕާސިބީގެ ކީޕަރާއި ތިން ޑިފެންޑަރުން ހިމޭނޭގޮތަށް ޖުމުލަ ހަތަރު ކުޅުންތެރިންގެ ކައިރިން ހަ ފަހަރު އަޝްފާގް ބޯޅަ ނައްޓާލި އެވެ.
ސޯލޯ ގޯލް ކެޓަގަރީގެ އެއް ވަނަ އަޝްފާގް ހޯދީ 54 ޕަސަންޓް ވޯޓުންނެވެ. އެއީ ދެ ވަނައަށް ދިޔަ އިންޑިއާގެ ބަލްވަތު ސިންހަށް ވުރެ 32 ޕަސަންޓްގެ ކުރި އެރުމެކެވެ.
ފައިނަލުގައި އަޝްފާގްގެ އެ ލަނޑާ ވާދަ ކުރީ ހޮންކޮންގްގެ ސައުތު ޗައިނާ އެޓުލެޓިކް އެސޯސިއޭޝަނަށް ކުޅުނު ޗަން ސިއުކީ އެވެ. އޭއެފްސީން ހިމަނާފައިވާ އޭނާގެ ގޯލަކީ އޭއެފސީ ކަޕް 2015 ވަނަ އަހަރު އެޑިޝަންގައި މެލޭޝިއާގެ ޕަހަންގް އެފްސީ ކޮޅަށް ހިލޭ ޖެހުމުން އޭނާ ޖެހި ލަނޑެވެ.
ފައިނަލުގައި އަޝްފާގް ވަނީ ޗަން ސިއުކީއަށް ވުރެ 78.28 ޕަސަންޓަށްވުރެ ގިނަ ވޯޓް ހޯދާފަ އެވެ. ށިއުކީ އަށް ލިބުނީ، 10.86 ޕަސަންޓް ވޯޓެވެ. އަޝްފާގް ވަނީ 89.14 ޕަސަންޓް ވޯޓް ހޯދާފަ އެވެ.