އަލީ އަޝްފާގު (ދަގަނޑޭ)

އޭއެފްސީގެ ލިސްޓްގައި ދަގަނޑޭގެ ތަފާތު މޮޅު ގޯލް

އޭއެފްސީ ކަޕްގައި މޮޅު ލަނޑުތަކުގެ ލިސްޓެއް އެކުލަވާލައި އެންމެ މޮޅު ލަނޑަށް ވޯޓް ދިނުމަށް ހުޅުވާލި އޭއެފްސީން ލިސްޓްގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރި ތާފަތު މޮޅު ލަނޑު ހިމަނައިފި އެވެ.

އެ ލަނޑަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި އަޝްފާގް ކާމިޔާބު ކުރީ އާދަޔާ ހިލާފް މޮޅު ލަނޑެކެވެ.

މާޗް 2013 ގައި ޕާސިބޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗު، ނިއު އިން ކާމިޔާބު ކުރީ 7-0 ންނެވެ. ނިއު ގެ ހަތް ލަނޑުގެ ތެރެއިން ހަ ލަނޑު ކާމިޔާބު ކޮށް އަޝްފާގް ވަނީ ހެޓްރިކު ހަދާފަ އެވެ. ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ.

އޭއެފްސީން ނޮމިނޭޓް ކޮށްފައި ވަނީ، އެ މެޗުގައި ޕާސިބޯގެ އޭރިއާގެ ތެރޭގައި އަޝްފާގް ބޭނުންހާ ގޮތެއް ހަދާލައި ވައްދާލި ލަނޑެވެ. އެ ލަނޑުޖަހަން އުމޭރު އަޝްފާގަށް ބޯޅަ ދިނީ ޕާސިބޯގެ ހާފުގެ ތެރޭގައި އަޝްފާގް އޮފްސައިޑް މަޅިން ނެއްޓި ހުސްކޮށް ހުއްޓަ އެވެ. ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އަޝްފާގް އޭރިއާ ތެރެއަށް ވަންނަން ދިޔައިރު އޭނާގެ ފަހަތުން ޕާސިބީގެ ތިން ޑިފެންޑަރު ދުވެފައި އާދެ އެވެ.

އެ ތިން ޑިފެންޑަރުންނަށް އޭރިއާ ތެރެއަށް ވަދެ ބޯޅަ ހޯދަން ވިއްދުނީ، ޕާސިބޯގެ ކީޕަރު ނައްޓާލައި އަޝްފާގް ހުސްކޮށް ގޯލް އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ޕާސިބީގެ ކީޕަރާއި ތިން ޑިފެންޑަރުން ހިމޭނޭގޮތަށް ޖުމުލަ ހަތަރު ކުޅުންތެރިންގެ ކައިރިން ހަ ފަހަރު އަޝްފާގް ބޯޅަ ނައްޓާލި އެވެ.

އެންމެ މޮޅު ގޯލަށް ވޯޓް ދިނުމަށް

އޭއެފްސީ ކަޕްގެ އެންމެ މޮޅު އިންޑަވިޖުއަލް ގޯލް ނުވަތަ ސޯލޯ ގޯލްގެ ގޮތުގައި، ފަސް ގޯލް ވަީ ނޮމިނޭޓް ކޮށްފަ އެވެ. އެ ލިސްޓްގައި ދެން ހިމެނެނީ، ލުބުނާންގެ ސޮފާ އެފްސީން ކުވައިތު އެފްސީއާ ދެކޮޅަށް 2013 ވަނަ އަހަރު ކުޅުނު މެޗުގައި ސޯފާ އެފްސީ ހައިދަރު އަލީ ކާމިޔާބު ކުރި ލަނޑު، އިންޑިއާގެ ޗާޗިލް ބުރަދާސްގެ ފޯވަޑް ބަލްވަޓް ސިންހް ސިންގަޕޫރުގެ ހޯމް ޔުނައިޓަަޑް ކޮޅަށް 2014 ގެ އޭއެފްސީ ކަޕްގައި ކާމިޔަބު ކުރި ލަނޑު، އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫ އިން ސިންގަޕޫރުގެ ވެރިއާސް އެފްސީ އާ ދެކޮލަށް ކުޅުނު މެޗުގައި ޕަސިޕޫރޯގެ އިންޑޮނޭޝިއާގެ ފޯވަޑް ބޯޒް ސޮލޯސާ ކމާީޔާބު ކުރި ލަނޑު އަދި މިޔަންމާގެ ޔޮންގޮސް ޔުނައިޓަޑުން 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ބާލީ ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗުގައި ޔޮންގޮންގެ ނައިޖީރިއާ ފޯވަޑް އިމޭނިއަލް އުޒޫޗޮކްވޫ ކާމިޔާބު ކުރި ލަނޑެވެ.

މި ފަސް ކުޅުންތެރިންގެ ގޯލްގެ ތެރެއިން އެންމެ މޮޅު ގޯލެއް ހޮވުމަށް ވޯޓް ދިނުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އޭއެފްސީ ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.