އަލީ އަޝްފާގު (ދަގަނޑޭ)

"ދިވެހިން ސާބިތުކޮށްދިނީ ގައުމީ ކަންކަމުގައި ފަހަތަށް ނުޖެހޭނެކަން"

އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތަށް ދިގު ދެމިގެން ދިޔަ އޭއެފްސީ ކަޕް ބުރެކެޓެ ޗެލެންޖު ބޮޑު ތަފާތަކުން ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކޮށްފައިވާއިރު ދިވެހިންގެ މަސައްކަތަށް އަޝްފާގު ތައުރީފުކޮށްފި އެވެ.

އޭއެފްސީ ކަޕް މިދިޔަ 10 އަހަރު ތެރޭ ޖެހި އެންމެ މޮޅު ގޯލް ހޮވުމަށް، އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ކުރިއަށް ގެންދިޔަ އޭފްސީ ބުރެކެޓް ޗެލެންޖުގައި، އޭއެފްސީން ހިމަނާފައިވާ އަޝްފާގްގެ ގޯލަކީ، މީގެ ކުރިން އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ގޯލްގެ ކެޓަގަރީން އެއް ވަނަ ހޯދި ގޯލެވެ.

އަޝްފާގްގެ ލަނޑަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ކާމިޔާބު ކުރީ އާދަޔާ ހިލާފް މޮޅު ލަނޑެކެވެ. މާޗް 2013 ގައި ޕާސިބޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗު، ނިއު އިން ކާމިޔާބު ކުރީ 7-0 އިންނެވެ.

ކާމިޔާބީއާ މެދު އުފާކޮށް އަޝްފާގު ބުނީ އާބާދީގެ ގޮތުން ބޮޑެތި ގައުމުތައް ފަހަތަށް ޖައްސައިލުމަށް ފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށް ދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ގައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމެވެ.

ސޯލޯ ގޯލް ކެޓަގަރީގެ އެއް ވަނަ އަޝްފާގް ހޯދީ 54 ޕަސަންޓް ވޯޓުންނެވެ. އެއީ ދެ ވަނައަށް ދިޔަ އިންޑިއާގެ ބަލްވަތު ސިންހަށް ވުރެ 32 ޕަސަންޓްގެ ކުރި އެރުމެކެވެ.

ފައިނަލުގައި އަޝްފާގްގެ އެ ލަނޑާ ވާދަ ކުރީ ހޮންކޮންގްގެ ސައުތު ޗައިނާ އެޓުލެޓިކް އެސޯސިއޭޝަނަށް ކުޅުނު ޗަން ސިއުކީ އެވެ. އޭއެފްސީން ހިމަނާފައިވާ އޭނާގެ ގޯލަކީ އޭއެފސީ ކަޕް 2015 ވަނަ އަހަރު އެޑިޝަންގައި މެލޭޝިއާގެ ޕަހަންގް އެފްސީ ކޮޅަށް ހިލޭ ޖެހުމުން އޭނާ ޖެހި ލަނޑެވެ.

ފައިނަލުގައި އަޝްފާގް ވަނީ ޗަން ސިއުކީއަށް ވުރެ 78.28 ޕަސަންޓަށްވުރެ ގިނަ ވޯޓް ހޯދާފަ އެވެ. ށިއުކީ އަށް ލިބުނީ، 10.86 ޕަސަންޓް ވޯޓެވެ. އަޝްފާގް ވަނީ 89.14 ޕަސަންޓް ވޯޓް ހޯދާފަ އެވެ.