އޭއެފްސީ ކަޕް މިދިޔަ 10 އަހަރު ތެރޭ ޖެހި އެންމެ މޮޅު ގޯލް ހޮވުމަށް، އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ކުރިއަށް ގެންދާ އޭފްސީ ބުރެކެޓް ޗެލެންޖުގައި ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭ ސެމީ ފައިނަލުގެ ވޯޓްލުން މިއަދު ހުޅުވާލައިފި އެވެ.
ސެމީ ފައިނަލަށް އަޝްފާގް އާއެކު ވާދަ ކުރަނީ ވިއެޓްނާމްގެ ނިގްއެން ކްއާންގް ހައި އެވެ. ހެނާއީ އެފްސީގެ މިޑްފީލާޑާ މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ހިލޭ ޖެހުމުން ޖެހި ލަނޑު އޭފްސީން ވަނީ ހިމަނާފަ އެވެ. އޭނާއާ ޗެލެންޖު ކުރަން ހިމަނާފައިވާ އަޝްފާގްގެ ގޯލަކީ މީގެ ކުރިން އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ގޯލްގެ ކެޓަގަރީން އެއް ވަނަ ހޯދި ގޯލެވެ.
އަޝްފާގްގެ ލަނޑަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ކާމިޔާބު ކުރީ އާދަޔާ ހިލާފް މޮޅު ލަނޑެކެވެ. މާޗް 2013 ގައި ޕާސިބޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗު، ނިއު އިން ކާމިޔާބު ކުރީ 7-0 އިންނެވެ.
އެ ލަނޑުޖަހަން މުހައްމަދު އުމޭރު، އަޝްފާގަށް ބޯޅަ ދިނީ ޕާސިބޯގެ ހާފުގެ ތެރޭގައި އަޝްފާގް އޮފްސައިޑް މަޅިން ނެއްޓި ހުސްކޮށް ހުއްޓަ އެވެ. ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އަޝްފާގް އޭރިއާ ތެރެއަށް ވަންނަން ދިޔައިރު އޭނާގެ ފަހަތުން ޕާސިބީގެ ތިން ޑިފެންޑަރު ދުވެފައި އާދެ އެވެ. އެ ތިން ޑިފެންޑަރުންނަށް އޭރިއާ ތެރެއަށް ވަދެ ބޯޅަ ހޯދަން ވިއްދުނީ، ޕާސިބޯގެ ކީޕަރު ނައްޓާލައި އަޝްފާގް ހުސްކޮށް ގޯލް އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ޕާސިބީގެ ކީޕަރާއި ތިން ޑިފެންޑަރުން ހިމޭނޭގޮތަށް ޖުމުލަ ހަތަރު ކުޅުންތެރިންގެ ކައިރިން ހަ ފަހަރު އަޝްފާގް ބޯޅަ ނައްޓާލި އެވެ.
ސޯލޯ ގޯލް ކެޓަގަރީގެ އެއް ވަނަ އަޝްފާގް ހޯދީ 54 ޕަސަންޓް ވޯޓުންނެވެ. އެއީ ދެ ވަނައަށް ދިޔަ އިންޑިއާގެ ބަލްވަތު ސިންހަށް ވުރެ 32 ޕަސަންޓްގެ ކުރި އެރުމެކެވެ.
ބުރެކެޓް ޗެލެންޖުގެ ކުއާޓާ ފައިނުލުގައި ވިއެޓްނާމްގެ ނެގުޔެން ވަން ކްއޭޓް ވަނީ އަޝްފާގަށް ވަރުގަދަ ޗެލެންޖެއް ދީފަ އެވެ. އެހެންނަމަވެސް އަޝްފާގް ސެމީއަށް ދަތުރު ކުރި 135،000 ވުރެ ގިނަ ވޯޓް ހޯދައިގެންނެވެ. ކްއާޓާ ފައިނަލާ ހަމައަށް ކުރި ދަތުރުގައި، އަޝްފާގް ވަނީ ކުވައިތު ސްޕޯޓްސް ކުލަބުގެ ބްރެޒިލްގެ ފޯވަޑް ރޮގެރީނޯ އަދި އޭގެ ފަހުން ޑާކާ އަބަހާނީގެ ބަންގުލަދޭޝްގެ މިޑްފީލްޑާ ސޯހެލް ރާނާ ބަލި ކޮށްފަ އެވެ.
ވޯޓް ލުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އާދިއްތަ ދުވަހު ރާއްޖޭގަޑިން މެންދުރު ފަހު 1:00 ގެ ކުރިންނެވެ.